Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

ނަޝީދަށް ފިޔަވަޅު އަޅާނީ ބަގާވާތަކަށް ދާން ގޮވައިލާ ހިސާބުން: އެމްޑީޕީ

އެމްޑީޕީގެ ރައީސަކަށް ހުންނަވައި، ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ މަޖިލިސް މެންބަރުން ޕާޓީން ވަކިވުމަށް ހިތްވަރުދިން މައްސަލައިގައި ފިޔަވަޅު އެޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެ ޕާޓީން ބުނެފި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރުމާއެކު، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ އިތުރު 12 މެންބަރަކު އިއްޔެ ވަނީ އެމްޑީޕީން އަމިއްލައަށް އިސްތިއުފާ ދީފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، އެ މައްސަލައިގައި ފިޔަވަޅު އަޅަން އަދިވެސް ބޭނުންފުޅު ނޫން ކަމަށެވެ.
އެކަމަކު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެކަން ފާހަގަކުރައްވައި ފައްޔާޒު އިޝާރާތް ކުރެއްވި ގޮތުގައި ފިޔަވަޅު އަޅާނީ ސީދާ ވެރިކަން ވައްޓާލަން މަސައްކަތްކުރައްވާ ހިސާބުންނެވެ.
"ފިޔަވަޅު އަދިވެސް ބޭނުމެއް ނޫން އަޅާކަށެއް. ފިޔަވަޅު އަޅާނީ ބަގާވާތަކަށް ދާން ގޮވައިލާ ހިސާބުން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެން ތިއްބެވި 12 މެމްބަރަކު ޕާޓީން ވަކިވާން ސިޓީތަކެއްގައި ސޮއިކުރުމުގައި ރައީސް ނަޝީދު ހަރަކާތްތެރިވި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ވަނީ އާއްމުވެފަ އެވެ. އެއާއެކު "ފިކުރެއްގެ ދިރުން" ގޮފި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނިންމިކަން އެ ގޮފީގެ މެންބަރުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފެދިގެން ދިއުމަކީ "ސަޕްރައިޒްވާ" ކަމެއް ނޫން ކަމަށާއި އެއީ މާ ކުރިންސުރެ ވެސް ފެންނަމުން އައި ކަމެއް ކަމަށެވެ.

އެހެންނަމަވެސް، ޕާޓީގެ ރައީސް އަކަށް ހުންނަވައި "ރައީސް ނަޝީދު އަމަލުކުރަމުން އެ ގެންދަވާ ގޮތަށް އެއީ ވަރަށް ދެރަ ކަމެއް" ކަމަށް ފައްޔާޒު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ފިޔަވަޅު އަޅަން ޖެހިއްޖެ ކަަމށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނަން،" ފައްޔާޒު ތަކުރާރުކުރެއްވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ޕާޓީ ދެބައިވުމަކީ އިންސްޓިޓިއުޓް ފެއިލިއާއެއް ނޫނެވެ. އެހެންނަމަވެސް ޗެއާޕާސަން ކަން ލިބުނު އިރު، ޕާޓީ އެއްބައި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިކަން ފާހަގަކުރައްވައި ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ ޕާޓީ އެއްބައި ކުރުމުގައި ފެއިލްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ޕާޓީ އެއްބައި ކުރަން ވަރަށް މަސައްކަތް ކުރިން. އެކަމުގައި އަޅުގަނޑު ފެއިލްވެއްޖެ. އެކެއް ނުކުރެވުން އަޅުގަނޑަކަށް،" ފައްޔާޒު ވިދާޅުވި އެވެ. "ޕާޓީ އެއްވާން އޮތީ ރައީސް ނަޝީދަށް ޓިކެޓު ދީގެން،" ފައްޔާޒު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ