ޖިއްދާގައި އެ ޖަމާއަތުގެ 32 ވަނަ ސަމިޓް ފަށާއިރު، އަރަބި ލީގަށް ސީރިއާ އެނބުރި އައުމުން އަރަބި ވަޒީރުން މަރުހަބާ ކިޔައިފި އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ ބައްދަލުވުމުގައި ޢަރަބި ލީޑަރުންގެ ސަމިޓުގެ ޑްރާފްޓް އެޖެންޑާއާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް މެކްދާދު ވަނީ މިހަފްތާގެ ފަހުކޮޅު ބާއްވާ ސަމިޓްގައި ރައީސް ބައްޝާރު އަސަދު ބައިވެރިވެވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް ފައިސަލް ވަނީ އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބޫލް ޣައިތާއި އާއި ދެން ތިއްބެވި މަންދޫބުންނާ އެކު ސީރިއާ އަރަބި ބްލޮކަށް އެނބުރި އައުމުން މަރުހަބާ ވިދާޅުވެފައެވެ.
އަދި ދުނިޔޭގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށް އަރަބި އެއްބައިވަންތަކަމަށް ވެސް ސައޫދީ ޚާރިޖީ ވަޒީރު ގޮވާލެއްވިއެވެ.
ސޫދާނުގެ ހަމަނުޖެހުންތަކާ ގުޅިގެން އަލްޖީރިއާގެ ޚާރިޖީ ވަޒީރު އަހްމަދު އައްތާފް ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ހުއްޓާލުމަށް ސައޫދީއަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށް އެޤައުމުން ތާއީދުކުރާކަން ތަކުރާރުކުރެއްވިއެވެ.
މިނިސްޓަރުން ވަނީ ސޫދާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސޫދާނުގައި ހަނގުރާމަ ހުއްޓާލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި މައްސަލައަކީ ދާޚިލީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލައްވާފައެވެ.
އަލްޖީރިއާގެ ފޮރިން މިނިސްޓަރ އަޙްމަދު އަފްތާފް ވަނީ މިނިވަންކަން ލިބެންދެން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދެގުނައަށް އިތުރުކުރުމަށް ގޮވާލައްވައި ޔަމަނުގައި ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް އަލްޖީރިއާއިން ތާއީދުކުރާކަން ތަކުރާރުކުރައްވާފައެވެ.
"އަޅުގަނޑުމެން އުއްމީދު ކުރަނީ ލުބްނާނުގެ ސަރުކާރުން އެއްބަސްވުމަކަށް އާދެވިގެން ގައުމު މި ހާލަތުން އަރައިގަނެވޭނެ ކަމަށް،" އައްތާފް ވިދާޅުވި އެވެ.