Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފެނަކައިގެ މިހާރުގެ ވެރިން ފިއްލެވުމުގެ ކުރިން ވިޔަފާރިތަކަށް ފައިސާ ލިބޭނެ ގޮތް އިންތިޒާމުކުރަންޖެހޭ: އާދަމް ޝަރީފު

ފެނަކަ ކުންފުނީގެ އިސްވެރިން ރާއްޖެ ދޫކުރައްވައި ފިއްލެވުމުގެ ކުރިން އެ ކުންފުނިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ މާލީ ހާލަތާއި ހިންގުމުގައި ހުރި މައްސަލަތައް ދެނެގަތުމަށް މާލީ އަދި އިދާރީ އޮޑިޓެއް ހެދުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް އާދަމް ޝަރީފު ހުށަހެޅުއްވި ޤަރާރާ ގުޅިގެން މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިތަކުން މުވައްޒަފުންނަށް ދޭންޖެހޭ މުސާރަނުދެވުމާއި، ކުންފުނިތަކުން ކުއްޔަށް ނަގާފައި ހުރި ތަންތަނުގެ ކުލި ނުދެއްކުން ފަދަ ގިނަ މައްސަލަތަކެއް އެ ކުންފުނިތަކަށް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އާދަމް ޝަރީފުވަނީ ފެނަކައަށް މިއަދު ކުރިމަތިވެފައިވާ މާލީ މައްސަލަތައް މެދުވެރިވި ސަބަބާމެދުވެސް ވާހަކަދައްކަވާފައެވެ. އޭނާ ފާހަގަކުރެއްވީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުންފުނީގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމަކީ ފެނަކައަށް ބޮޑެތި މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މައިގަނޑު ސަބަބުކަން ފާހަގަކުރައްވާފައެވެ. އާދަމް ޝަރީފު ވިދާޅުވި ގޮތުގައި ކުންފުނީގެ ޚަރަދުތައް އިންތިހާއަށް ބޮޑުވާން މެދުވެރިވީ ސިޔާސީ ބޭނުމަށް ކުންފުނި ބޭނުންކުރުމާއި، ކޮރަޕްޝަނުގެ ސަބަބުންނެވެ.

އެގޮތުން އެކި އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ މަޤުޞަދުތައް ހާސިލުކުރުމަށް ފެނަކައިން ގިނަ އަދަދެއްގެ ވަޒީފާތައް އުފައްދައި ބަހަމުންދާތީ އެކަމުގެ ސަބަބުން ކުންފުނީގެ ޚަރަދުތައް ބޮޑުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ބައި-އިލެކްޝަން ކާމިޔާބުކުރުމަށް ސަރުކާރުން ފެނަކައިން ގިނަ އަދަދެއްގެ ވަޒީފާތައް އުފެއްދިކަމާއި އެކުންފުނީގެ ވަސީލަތްތަކާއި ކުންފުނީގެ މުވައްޒަފުންވެސް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށެވެ.

އިތުރަށް އާދަމް ޝަރީފު ވިދާޅުވީ ފެނަކައަށް ކުރިމަތިވެފައިވާ އަނެއް މައްސަލައަކީ އެ ކުންފުނިން މުދާ އަގު ބޮޑުކޮށް ގަތުމުގެ މައްސަލަ ކަމަށެވެ. އެގޮތުން އެ ކުންފުނިން ފައިސާ ނުލިބޭނެކަން އެނގޭތީ ވިޔަފާރިތަކުންވެސް ތަކެތި އެ ކުންފުންޏަށް ވިއްކަނީ ވަރަށް ބޮޑު އަގުގައި ކަމަށެވެ. އަދި ކުންފުނީގެ ވެރިންގެ އެދުމުގެ މަތިން މުދަލުގެ އަގަށް 15 އިންސައްތަ 10 އިންސައްތަ އިތުރުކުރާކަމަށާއި ފަހުން ފައިސާ ހޯދަން ޖެހުމުން އެ ފައިސާ ލިބެނީ އަނެއްކާ އިތުރު އިންސައްތައެއް ކުންފުނީގެ ވެރިއަކަށް ނުވަތަ ސަރުކާރުގެ ކޮންމެވެސް ބޭފުޅަކަށް ދައްކައިގެންކަމަށްވާތީ އަނެއްކާވެސް އަގު ބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހެންވެމުން ފެނަކަވެފައިވަނީ "ދެކޮޅުން ކާ ވެނަކަށް" ކަމުގައިވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. އަދި މިހާރު ފެނަކައިން ދައްކަންޖެހިފައިވާ ދަރަނި 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާއިރު އެ ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ހަމަނުޖެއްސިއްޖެނަމަ މި ދައުރު ނިމޭއިރު އެ ފައިސާ ލިބެންޖެހޭ ކުންފުނިތައް ބަނގުރޫޓުވުމުގެ އިހުތިމާލު އޮތްކަން ފާހަގަކުރައްވައި އާދަމް ޝަރީފުވަނީ މިނިވަން އޮޑިޓު ފާމަކުން އެ ކުންފުނީގެ އޮޑިޓު ހެދުމަށް ގޮވައިލައްވާފައެވެ.

އަދި ދައުރު ނިމުމުން މިހާރު ފެނަކާގައި ތިއްބެވި އިސްވެރިން ރާއްޖެ ދޫކުރައްވައި ވަޑައިގަތުމުގެ ކުރިން އެ ކުންފުނިން ދައްކަންޖެހޭ ފައިސާ ކުންފުނިތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ