Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރުމަށް ގޮވައިލައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިގު މޮރިޝަސްއަށް ފޮނުވި ސިޓީއާއި، އެ ސިޓީ ފޮނުވަން ޖެހުނު ސަބަބު ހާމަކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

އިމުގެ މައްސަލައިގައި ރައީސް އިބްރާހީމް މޮރިޝަސްއަށް ފޮނުއްވި ސިޓީ ހާމަކުރުމަށް ގޮވައިލައި މީގެ ކުރިންވެސް މަޖިލީހަށް މައްސަލަ ހުށަހެޅި ނަމަވެސް މިހާތަނަށް ސަރުކާރުން އެ ސިޓީ ހާމަކޮށްފައެއްނުވެ އެވެ.

"ރާއްޖޭގެ މަސްކަނޑުން ބައެއް ގެއްލޭ ގޮތަށް ސަރުކާރުން މޮރިޝަސްއަށް ފޮނުއްވި ސިޓީ" ހާމަކުރުމަށް ގޮވައިލައި މަޖިލީހުގެ ދެވަނަ ދައުރު ފެށުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް އަނެއްކާވެސް ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

އެ ކުއްލި މައްސަލައިގައި ބުނީ، ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ގައުމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައި އޮތް މައްސަލައިގައި ރާއްޖެއިން ކުރިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑު މި ސަރުކާރުން ބަދަލުކޮށްފައިވާކަން އިޓްލޮސް އިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނެރުނު ބަޔާނުން ދޭހަވާ ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލައިގައި މި ސަރުކާރުން ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ކުއްލި މައްސަލައިގައި ބުންޏެވެ.

އޭގެ ބަދަލުގައި އެ މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވަނީ ރައްޔިތުންނަށް އެއްވެސް ކަމެއް ހާމަކުރުމެއް ނެތި، މަޖިލީހަށް ވެސް އެއްވެސް ކަމެއް ހިއްސާކުރުމެއް ނެތި ކަމަށެވެ. އަދި އެ ސިޓީން ރާއްޖެއިން ގެންގުޅެމުން އައި ސްޓޭންޑު ބަދަލުކުރުމާ ގުޅިގެން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން ރައީސް ފޮނުއްވި ސިޓީ ރައްޔިތުންނަށް ހާމަ ކުރުމަށާއި އަދި އެ ސިޓީ ފޮނުވަން ޖެހިވަޑައިގެންނެވި ސަބަބުތައް ރައްޔިތުންނަށް ހާމަ ކުރުމަށް ސަރުކާރަށް ގޮވައިލައި މި ކުއްލި މައްސަލަ ހުށަހަޅަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓުދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 18 މެންބަރުންނެވެ.

އިމުގެ މައްސަލާގައި ދިވެހި ސަރުކާރުތަކުން މީގެ ކުރިން ގެންގުޅެފައިވާ ވިސްނުމަކީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ނުހިނގާނެ ކަމަށެވެ. އެ ސްޓޭންޑު ބަދަލުކޮށް، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް އެއްބަސްވެވަޑައިގެން، ރައީސް އިބްރާހީމް އެ ގައުމުގެ ބޮޑުވަޒީރަށް މިދިޔަ އަހަރު ސިޓީ ފޮނުއްވެވީ އެ މައްސަލައިގައި މޮރިޝަސްއާ އެއްކޮޅަށް ވާޓުދެއްވާނެކަން ހާމަކޮށެވެ. އެ ސިޓީ ފޮނުއްވީ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިޓްލޮސް އަށް ހުށަހަޅާފައި އޮތުމުންނެވެ.

އެ މައްސަލައިގައި އިޓްލޮސްއިން މިދިޔަ މަހު 28 ގައި ނިންމީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ބެހުމަށެވެ. އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް ދިވެހިންނަށް ގެއްލި، ޗާގޯސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސްއަށް ލިބިފަ އެވެ.

މި ލިއުމާއި ގުޅޭ