Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗާގޮސް

ކަނޑުން ބައެއް ވިއްކައިލި މައްސަލާގައި ރައީސަށް ހުށަހަޅާ އިލްތިމާސްގައި ސޮއިކުރަން ފަށައިފި

ރާއްޖޭގެ ދެކުނުން އައްޑޫއިން ފެށިގެން އޮންނަ ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލުމާ ގުޅިގެން "ކަނޑު ވިއްކާލުމާ ދެކޮޅު" އިއްތިހާދުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާ އިލްތިމާސެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

"ކަނޑުން ބައެއް ވިއްކައިލުމާ ދެކޮޅު" އިއްތިހާދުގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއާއި އަދާލަތު ޕާޓީ އަދި އެމްޑީޕީ ފިޔަވައި ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތައް ހިމެނެއެވެ. ޕީޕީއެމް/ޕީއެންސީއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތް އެ ކޯލިޝަނުގައި ހިމެނެއެވެ. އެ ޕާޓީތަކުގެ އިތުރަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން އިއުލާނުކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި އިއްތިހާދުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވަނީ އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ކަނޑުގެ ޤާނޫނުގެ މާހިރު އަދި ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މަނައްވަރެވެ. މުނައްވަރުގެ އިތުރަށް މި އިއްތިހާދުގެ މަސައްކަތްތަކުގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުވެސް އުޅުއްވައެވެ.

އެ އިއްތިހާދުން ބުނެފައިވަނީ ތަފާތު ސިޔާސީ ވިސްނުންތަކުގެ ގިނަ ޕާޓީތަކާއި ޝަޚުޞިއްޔަތުތައް އެ މައްސަލާގައި އެއްގަލަށް އަރައިގެން މަސައްކަތްކުރާ މައިގަނޑު ސަބަބަކީ އެ މައްސަލައަކީ ވަޠަނީ ޤައުމީ މައްސަލައެއްކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި އެ މައްސަލައަކީ ސިޔާސީ މައްސަލައެއް ކަމުގައި ނުދެކޭތީ ކަމަށެވެ.

އެ އިއްތިހާދުގެ ފަރާތުން ސިލްސިލާ ގޮތެއްގައި ހަރަކާތްތަކެއް ހިންގަން އިއުލާނުކުރިއިރު ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އިއުލާނުކުރީ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސެއް ހުށަހެޅުމެވެ. އެ އިލްތިމާސް ހުށަހަޅަނީ ޕެޓިޝަނެއްގެ ގޮތުގައެވެ. މިއަދު ހަވީރު މާލޭ މާރުކޭޓު ސަރަހައްދުގައި އެ މަސައްކަތް އިދިކޮޅު ޕީޕީއެމްގެ އިސްނެގުމަށްވަނީ ފަށާފައެވެ. އެ ޕާޓީގެ ލީޑަރުންވަނީ އެ ޕެޓިޝަނުގައި ސޮއިކުރައްވާފައެވެ.

އެ އިލްތިމާސްގައި މަޑުގަނޑު ގޮތެއްގައި އިލްތިމާސްކޮށްފައިވަނީ ސަރުކާރުން ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނިންމުން ބަލައިނުގަންނާނެކަން މޮރިޝަސްއަށް އަންގަވައިދެއްވުމަށެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ 200 ނޯޓިކަލް މޭލުގެ ސަރަަހައްދު ހޯދުމަށާއި، 2010 ވަނަ އަހަރު ރާއްޖެއިން ކޮންޓިނެންޓަލް ޝެލފު ހޯދުމަށް އެދުނު މައްސަލާގައި ހޯދަން އެދުނު ސަރަހައްދު އެކީ ހޯދުމަށް މަސައްކަތްކޮށްދެއްވަންވެސް އެ ގޮވައިލުމުގައި ރައީސް އިބްރާހީމަށް އިލްތިމާސްކޮށްފައިވެއެވެ.

ކަނޑުގެ ސަރަހައްދެއް ވިއްކައިލުމާ ދެކޮޅު ކޯލިޝަނުން ބުނެފައިވަނީ އެ ޕެޓިޝަނަށް ވީހާވެސް ގިނަ ބައެއްގެ ސޮއި ހޯދުމުގެ މަސައްކަތް އެ ކޯލިޝަނުން ކުރާނެ ކަމަށެވެ.

ރައްޔިތުންގެ ގޮވައިލުމުގެ ނަމުގައި ރައީސް އިބްރާހީމަށް އިލްތިމާސެއް ހުށަހެޅުމުގެ އިތުރަށް އަންނަ ޖޫން މަހުގެ 2ވަނަ ދުވަހުގައި އެ މައްސަލައާ ގުޅިގެން ބޮޑު އެއްވުމެއް ބާއްވަން އެ ކޯލިޝަނުން ނިންމާފައިވެއެވެ. އެ އެއްވުން މުޅި ރާއްޖޭގައި ކުރިއަށްގެންދާނެކަމަށްވެސް ކޯލިޝަނުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ