Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ގްރޫޕުގައި ވަރުގަދަ ލެބަނާން ހިމެނިއްޖެ

އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ވާދަކުރާ ގްރޫޕްގައި ވަރުގަދަ ލެބަނާން ހިމެނިއްޖެ އެވެ.

ހާއްސަ ދައުވަތަކާ އެކު މިފަހަރުގެ މުބާރާތުގައި ލެބަނާން އާއި ކުވެއިތު ވާދަކުރެ އެވެ. ލެބަނާން އަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް ޓީމެވެ. އެޓީމު 99 ވަނައިގައި އޮތްއިރު އެންމެ ގާތުން ވާދަކުރާ އިންޑިއާ އޮތީ 101 ވަނައިގަ އެވެ. ކުވެއިތު އޮތީ 143 ވަނައިގަ އެވެ.

ލެބަނާން ވަނީ އޭޝިއާގެ އެއްވަނަ މުބާރާތް ކަމަށްވާ އޭއެފްސީ އޭޝިއަން ކަޕްގައި 2000 ވަނަ އަހަރާއި 2019 ވަނަ އަހަރު ކުޅެފަ އެވެ. މިއަހަރު ގަތަރުގައި އޮންނަ އޭޝިއަން ކަޕަށް ވެސް އެގައުމު ވަނީ ކޮލިފައިވެފަ އެވެ. ލެބަނާން އަކީ ފަހަކަށް އައިސް ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުން އަންނަ ގައުމެކެވެ.

ރާއްޖެ އާއި ލެބަނާންގެ އިތުރުން ގްރޫޕް ބީގައި ހިމެނެނީ ބޫޓާން އަދި ބަންގްލަދޭޝް އެވެ. ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ އާއި ކުވެއިތުގެ އިތުރުން ނޭޕާލް އަދި ޕާކިސްތާނެވެ. ފީފާ އިން ސަސްޕެންޑް ކޮށްފައިވާތީ މިފަހަރުގެ މުބާރާތުގައި ސްރީ ލަންކާ އަށް ވާދައެއް ނުކުރެވެ އެވެ.

ބެންގަލޫރުގައި މުބާރާތް ކުރިއަށްދާނީ ޖޫން 21 އިން ޖުލައި 4 ގެ ނިޔަލަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކުވެއިތާއި ނޭޕާލް އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޖޫން 22 ވަނަ ދުވަހު ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ޖޫން 25 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލެބަނާންއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ޖޫން 28 ވަނަ ދުވަހު އެވެ.

މިދިޔަ 13 ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިންޑިއާ އިންނެވެ. އިންޑިއާގެ ފަހަތުން މުބާރާތުގައި އެންމެ ކާމިޔާބީ ރާއްޖެ އެވެ. ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 އަދި 2018 ވަނަ އަހަރު އެވެ. އިންޑިއާ އާއި ރާއްޖޭގެ އިތުރުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި އަފްގާނިސްތާނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑް މިއަދު ވަނީ އެކުލަވާލާފަ އެވެ. 30 ކުޅުންތެރިންގެ ސްކޮޑުން ޒުވާން ބައެއް ކުޅުންތެރިންނަށް ވަނީ ފުރުސަތުދީފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

މި ލިއުމާއި ގުޅޭ