ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކި މީޑިއާތަކަށް އިއުލާނުކުރުމެއް ނެތި ގިނަ އަދަދެއްގެ ފައިސާ ބެހި މައްސަލާގައި ކޮރަޕްޝަން އެކުލެވިގެންނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާގައި ކޮމިޝަނުގެ މެންބަރުން ދެއްކެވި ހުރިހާ ވާހަކައެއް ކޮމިޝަނުން ސިއްރުކޮށްފިއެވެ.
މި މައްސަލަ އަމިއްލަ ފަރާތަކުން ހުށަހެޅީ ފާއިތުވި 2 އަހަރު މީޑިއާތަކަށް ރައީސް އޮފީހުން 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަހާފައިވާތީ އަމިއްލަ ފަރާތަކުންނެވެ. އެ ފަރާތުން ފާހަގަކުރި ގޮތުގައި މި ފައިސާ ދީފައިވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޚިލާފަށް އިއުލާނުކޮށް ބީލަންކުރުމަކާ ނުލައެވެ.
މައްސަ ހުށަހެޅިތާ 9 މަސް ފަހުން، އޭސީސީއިން އެ ފަރާތަށް ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެ ކޮމިޝަނުން މައްސަލަ ބެލިބެލުމުގައި ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ފައިދާ ލިބެން ނުޖެހޭ މީހަކަށް ނުވަތަ އަމިއްލައަށް މަންފާ ހޯދާފައިވާކަން އެނގެެން ނެތަތީ އެންޓި ކޮރަޕްޝަން ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަމްބަރުގެ ދަށުން އެއީ ކޮރަޕްޝަންގެ ކުށް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މިދިޔަ އަހަރު އޭޕްރިލް މަސްތެރޭގައި އޭސީސީގެ ރައީސަށް ސިޓީއަކުން ހުށަހެޅި މި މައްސަލާގައިވަނީ ދިވެހި ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި ހިލާފަށް އިއުލާން ކުރުމަކާއި ނުލާ މީޑިއާތަކަށް މަސައްކަތްތަކެއް ހަވާލުކޮށް، އެކަމުގެ ބަދަލުގައި ފައިސާ ދިން މައްސަލަ ބެލުމަށް އެދިފައެވެ. މިގޮތުން މިކަންކޮށްފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ކަމަށް ބެލެވޭ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
"ރައީސް އޮފީހުން މިގޮތަށް އަމަލުކޮށްފައި މިވަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި، ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ލިބޭގޮތަށް ކަމަށް ބެލެވޭތީ ޤާނޫނުން ތިޔަ ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ވީ އެންމެ އަވަހަކަށް ބައްލަވައި، މި ފައިސާ އަނބުރާ ދައުލަތަށް ހޯއްދެވުމަށް" އެ ސިޓީގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ފައިސާ ލިބުނު ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ރައީސް އޮފީހުން އެކަންކޮށްފައިވަނީ ކޯޓޭޝަން ހޯދައިގެން އުސޫލުގެ ތެރެއިން ކަމަށެވެ. މާލިއްޔަތު ޤަވާއިދުގެ 10.24 ވަނަ މާއްދާގައި އެގޮތަށް މަދުވެގެން 3 ފަރާތަކުން ކޯޓޭޝަން ހޯދައިގެން ހިދުމަތާއި މުދާ ދައުލަތަށް ހޯދޭނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބުނާގޮތުން އެ އުސޫލުން އަމަލުކުރަން ޖެހޭނީ އާންމުކޮށް އިއުލާންކޮށްގެން އެކަށީގެންވާ ތަރުހީބެއް އަދި ހެޔޮ އަގެއްވެސް ނުލިބިދާނެ ކަމަށް ފެންނަ ހާލަތްތަކުގައި އިޤްތިސާދީގޮތުން އެންމެ ފައިދާހުރި އަދި އެންމެ އެކަށީގެންވާ ގޮތެއްގެމަތިން ވާދަވެރި މާހައުލެއްގައި ހެޔޮ އަގެއްގައި އެކަން ކުރުމަށްޓަކައި ކަމަށެވެ.
އަދި މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލުގައި ބުނެފައިވާ ގޮތުގައި، އެ ޤަވާއިދުގެ 10.24 ވަނަ މާއްދާގައި ބުނާގޮތަށް ކޯޓޭޝަން ހޯދައިގެން މަސައްކަތް ހަވާލު ކުރެވޭނީ ޖުމްލަ މަސައްކަތުގެ އަގު 35،000 ރުފިޔާއަށް ނާރާނަމައެވެ. އެހެން ނަމަވެސް ރައީސް އޮފީހުން ވަކިވަކި މީޑިއާތަކަށް އެކަނި 50،000 ރުފިޔާއަށް ވުރެ ގިނައިން ދީފައިވާއިރު، މި މާއްދާގައި ބުނާ ހަމަަތަކަށް އެކަން ނުފެތެއެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދެއްވި މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ރައީސް އޮފީހުން އަމަލުކޮށްފައި އެވަނީ މާލިއްޔަތު ޤަވާއިދާއި ހިލާފަށެވެ.
އޭސީސީގެ ނިންމުމާ ގުޅިގެން "ދިޔަރެސް"އިންވަނީ އެ ނިންމުން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން ކޮމިޝަނުގައި އެދިފައެވެ. އެ މައުލޫމާތު ހޯދުމަށް އެދުމުން އޭސީސީންވަނީ ޔައުމިއްޔާ ހިއްސާކޮށްފައެވެ. ނަމަވެސް ޔައުމިއްޔާ ހިއްސާޚުރިއިރު އެ ޔައުމިއްޔާގައި މެންބަރުން ދެއްކެވި ހުރިހާ ވާހަކައެއް އެ ކޮމިޝަނުންވަނީ އިސްތިސްނާކޮށް ފޮރުވާފައެވެ. އެ ހުރިހާ ވާހަކައެއްގެ މަތީގައި ކަޅު ރޮނގު ދަމައި ނުފެންނަ ގޮތް ކޮމިޝަނުން ހަދާފައިވެއެވެ.
އެ ޔައުމިއްޔާގެ އިތުރަށް އެމައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެންނުވާކަމަށް ނިންމުމުގައި އަމަލުކުރި އިޖުރާއާތު ހޯދަންވެސް "ދިޔަރެސް"އިން އެދުނެވެ. ކޮމިޝަނުން އެކަމާ ގުޅިގެން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މި މައްސަލާގައި ކޮރަޕްޝަން އެކުލެވިގެންނުވާކަމަށް ކަނޑައެޅުމުގެ ކުރިން ރައީސް އޮފީހުގެ އެއްވެސް ބޭފުޅަކު ނުވަތަ ރައީސް އޮފީހުން ބެހި ފައިސާ ލިބުނު އެއްވެސް މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއް ތަހުގީގަށް ހާޒިރުކޮށް ސުވާލުކޮށް ކަންކަން ހިނގި ގޮތް އޮޅުންފިލުވާފައިނުވާކަން ފާހަގަކުރެވެއެވެ.
މީޑިއާތަކަށް ރައީސް އޮފީހުން ބެހި ފައިސާގެ އަދަދުތައް ހޯދީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން "ދިޔަރެސް" ނޫހުން އެދިގެންނެވެ. ރައީސް އޮފީހުން ހާމަކުރި މައުލޫމާތަށް ބަލާއިރު މިފައިސާއަކީ ރައީސް ޕްރޮމޯޓުކޮށް އެމަނިކުފާނުގެ އިވެންޓުތަކާއި ދަތުރުތަކުގެ ކަވަރޭޖު ހެދުމަށް ދިން ފައިސާއެވެ.
ފާއިތުވި އަހަރުތަކުގައި ސަރުކާރާ ގުޅޭ ގިނަ އަދަދެއްގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީއަށް ހުށަހެޅި ނަމަވެސް ގިނަ މައްސަލަތަކުގައި އެ ކޮމިޝަނުން ނިންމާފައިވަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަން އެކުލެވިފައިނުވާ ކަމަށެވެ. އެ މައްސަލަތަކުގައި ކޮރަޕްޝަން އެކުނުލެވޭކަމަށް ނިންމުމުގައި އެ ކޮމިޝަނުން ބެލި ކަންކަން ކޮމިޝަނުން ހާމަނުކުރެއެވެ.