Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ދަރަނި

ދައުލަތުގެ ދަރަނީގެ އާ ރެކޯޑެއް: 2022 ނިމުނުއިރު 107 ބިލިއަން!

ދިވެހި ދައުލަތުގެ ދަރަނި ރެކޯޑު މިންވަރަކަށް އުފުލިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން 2022 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ޖުމްލަ ދަރަނި ވަނީ 107.77 ބިލިއަނަށް އަރާފައެވެ. އެއީ އާބާދީގެ ނިސްބަތުން ބޮލަކަށް 281،587 ރުފިޔާއެވެ. ޖުމްލަ ދަރަނީގެ ތެރެއިން 48 ބިލިއަނަކީ ބޭރުގެ ދަރަންޏެވެ. އަދި 58 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި ރާއްޖޭގެ ދަރަނި މިހާރުވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 އިންސައްތައަށް އަރާފައެވެ.

ބޭރުގެ ފަރާތްތަކުން ނަގާފައިވާ 48 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 72 އިންސައްތަ އަކީ ލޯނެވެ. އަދި ބާކީ އަކީ އެކިއެކި ސެކިއުރިޓީސްއެވެ. ލޯނުތަކުގެ ތެރެއިން 15 ބިލިއަނަކީ ކުރިއަށް އޮތް 10 އަހަރު ތެރޭގައި ދައްކަން ޖެހޭ ލޯނުތަކެވެ. އަދި ބާކީ 17 ބިލިއަން ދައްކާ ނިންމަން ޖެހެނީ އަދި 10 އަހަރު ފަހުންނެވެ. ސެކިއުރިޓީސްއަށް ބަލާއިރު ކުރިއަށް އޮތް 6 އަހަރުތެރޭ 26 ބިލިއަންގެ ސެކިއުރިޓީސް މެޗުއަރވެ އަނބުރާ ދައްކަންޖެހޭނެއެވެ.

ރައީސް އިބްރާހީމް ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ދައުލަތުގެ ދަރަނި ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. މިގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އެކަނި ދައުލަތުގެ ދަރަނި ވަނީ 46 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ. މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާއިރު ރައީސް އިބްރާހީމްގެ ވެރިކަމުގެ ދައުރު ނިމޭއިރު އެމަނިކުފާނުގެ ވެރިކަމުގައި އެކަނި އުފެއްދި ދަރަނި 50 ބިލިއަނަށް އަރާނެއެވެ. މިއީ ރާއްޖޭގައި ރަސްކަން ކުރި ޒަމާނުން ފެށިގެންވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ދަރަނި އިތުރުނުވާ މިންވަރެކެވެ.

ދައުލަތުގެ ދަރަނި ބިރުވެރި މިންވަރަކަށް އިތުރުވަމުން ދިޔަ ނަމަވެސް ސަރުކާރުން ހަރަދު ކުޑަކުރަން މާބޮޑު މަސައްކަތެއް ނުކުރެއެވެ. މިއަހަރު އަލަށް ޖީއެސްޓީ، ޓީޖީއެސްޓީ ބޮޑުކޮށް، އަދި ކޮތަޅު ޓެކްސް ތައާރަފްކުރުމަށްފަހުވެސް ބަޖެޓު ޑެފިސިޓު އެހެން އަހަރުތަކަށްވުރެ އިތުރެވެ.

ރާއްޖޭގެ މާލީ ހާލަތާއި މެދު ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް ސަރުކާރުން ބުނަމުންދަނީ ރާއްޖޭގެ އިޤްތިސާދު އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެފަދަ މާލީ އިދާރާތަކަށް ސަރުކާރުގެ ވެރިން ވަނީ މީގެ ކުރިން ފާޑުވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ