Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޣުނީ

ރައީސް އިބްރާހީމަކީ ވަގެއްކަމަށް ވިދާޅުވުމުން މުޣުނީ މަގާމުން ވަކިކޮށްފި

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަދި އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޙަސަން މުޣުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވަގެއްކަމަށް ވިދާޅުވުމާ ގުޅިގެން ސްޓޭޓު މިނިސްޓަރުކަމުގެ މަޤާމުން ވަކިކޮށްފިއެވެ.

މުޣުނީ މަޤާމުން ވަކިކުރި ސަބަބެއްކަމަށް ރައީސް އޮފީހުގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތުދެއްވީ ރައީސް އިބްރާހީމަކީ ވަގެއްކަމަށް ސިފަކުރައްވައި ޓުވީޓުކުރެއްވުމުން އެ އަމަލަކީ ސިޔާސީ މުވައްޒަފުންގެ އަޚުލާޤީ މިންގަނޑާ ޚިލާފު އަމަލެއްކަމަށްވާތީއެވެ.

މުޣުނީގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމަކީ ވަގެއްކަމަށާއި، އެމަނިކުފާނު ސަރުކާރު ކުންފުނިތައް ހިންގެވުމަށް އިސްކުރައްވާފައިވާ ޓީމަކީ ނާޤާބިލު ކޮރަޕްޓު ވަގުންގެ ޓީމެއްކަމަށް މުޣުނީ ވިދާޅުވިއެވެ.

މުޣުނީވަނީ ސަރުކާރު ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން ނާޤާބިލު ވަގުންގެ ގޮތުގައި ފާހަގަކުރައްވާ ބޭފުޅުންވެސް ހާމަކުރައްވާފައެވެ. ފެނަކައިގެ އެމްޑީ އަޙްމަދު ސައީދާއި، އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކުފަދަ ބައެއް ބޭފުޅުން ފާހަގަކުރައްވައި އޭނާ ސިފަކުރެއްވި ގޮތުގައި އެ ބޭފުޅުންނަކީ މުޅިންވެސް ވަގު ނާޤާބިލު ބޭފުޅުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި މުޣުނީ ހުންނަވަނިކޮށް މިނިސްޓްރީ އޮފް އެންވަރަމެންޓުގެ ސްޓޭޓު މިނިސްޓަރުކަމަށް އޭނާ ބަދަލުކުރެއްވީ އެ މަޤާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަޙްމަދު ޝަރީފު ހަމަޖައްސަވަން ރައީސް އިބްރާހީމު ބޭނުންފުޅުވެވަޑައިގަތުމުންނެވެ.

މުޣުނީއަކީ މި ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީކަމަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ތައުލީމީ އެއް ބޭފުޅާއެވެ. އެމެރިކާއިން ފުރަތަމަ ޑިގުރީއާއި މާސްޓާސް ހާސިލުކުރައްވާފައިވާ މުޣުނީއަކީ ފުލްބްރައިޓް ސްކޮލާޝިޕް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އިބްރާހީމަކީ ވަގެއްކަމަށް ސިފަކުރައްވައި ކުރެއްވި ޓުވީޓު ފަހުން މުޣުނީ ފޮހެލެއްވި ނަމަވެސް އެ ޓުވީޓުގެ ސްކްރީންޝޮޓުތައް ހިއްސާކޮށް ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުންވަނީ އޭނާ މަޤާމުން ވަކިކުރުމަށް ގޮވައިލާ ކެމްޕެއިންކޮށްފައެވެ.

މި ލިއުމާއި ގުޅޭ