Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ޝުޖާ

"ނިމިގެން ދިޔައީ ރައީސް އިބްރާހިމް ކައުންސިލަށް އިންތިހާއަށް ދުއްޕާން ކުރެއްވި ދެ އަހަރު"

ނިމިގެން ދިޔަ ދެ އަހަރަކީ މާލޭ ސިޓީ ކައުންސިލްއަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިންތިހާއަށް ދުއްޕާން ކުރެއްވި ދެ އަހަރުކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝުޖާއު މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 102 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ޝުޖާއު ވިދާޅުވީ ނިމިގެން ދިޔަ ދެ އަހަރުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ދޭން ޖެހޭ ފައިސާ ރައީސް އިބްރާހިމް އަންގަވައިގެން ހިފާއްޓާފައި އޮތްކަމަށާއި މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ސިޓީ ކައުންސިލުން އެ ފައިސާ ހޯދަން ޖެހުނީ ތަޅާ ފޮޅައިގެންކަމަށެވެ.

"އެއީ މާލޭގެ ބަޖެޓަށް ވަންނަ ފައިސާ ތަޅާފޮޅައިގެން އަޅުގަނޑުމެން މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރަން ފައިސާ ހޯދަން ޖެހުނު ދެ އަހަރު ނިމިގެން މިދިޔައީ، އަޅުގަނޑުމެންނަށް ބޭންކް އޮފް މޯލްޑިވްސްއިން އެކައުންޓެއް ހުޅުވަ ނުދީ ރައީސް އިބްރާހިމް ހިފެހެއްޓެވި ތަޅާ ފޮޅައިގެން އެކަން އަޅުގަނޑުމެންނަށް ކުރަން ޖެހުނީ" ޝުޖާއު ވިދާޅުވިއެވެ.

މީގެއިތުރުން ޝުޖާއު ވިދާޅުވީ އޭނާގެ ދާއިރާކަމަށްވާ ހުޅުމާލެ ދައިރާގެ އެއްވެސް ބާރެއް ކައުންސިލަށް ނުދީ މިއަދާ ހަމައަށް ރައީސް އިބްރާހިމް އަންގަވައިގެން ހިފަހައްޓާފައިވާކަމަށެވެ.

"ލާމަރުކަޒީ ނިޒާމުގައި އިހްތިޞާސް ކަނޑައެޅިފައި ސީދާ އަޅުގަނޑުމެންގެ ބާރުގެ ދަށުގައި އޮންނަ ޖެހޭ ކަމެއް، ހުޅުމާލޭ ރައްޔިތުން އެދި އެދި އާދޭސްކޮށް 2000 އަށް ވުރެ ގިނަ ރައްޔިތުންގެ ޕެޓިޝަން ހުށަހެޅީމާވެސް އިހްތިޞާސީ ބާރު ރައީސް އިބްރާހިމް ވަނީ ހިފަހައްޓަވާފައި" ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނާއި ގްރޭޓާ މާލޭގެ ރައްޔިތުންނަށް އޮތް ޕާކިންގެ މައްސަލައަށް ހައްލު ހޯދައިދޭން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތަށްވެސް ހުރަސް އަޅުއްވަނީ ރައީސް އިބްރާހިމްކަމަށެވެ.

އެކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ ނިމިގެން ދިޔައީ ރައީސް އިބްރާހިމް ސިޓީ ކައުންސިލަށް އިންތިހާއަށް ދުއްޕާން ކުރެއްވި ދެ އަހަރުކަމަށާއި ނަމަވެސް އެ ކައުންސިލުން ވަނީ ރައީސް އިބްރާހިމް ވިދާޅުވި ހުރިހާ ކަމެއްކޮށް އުނދަގުލުގެ ތެރެއިންވެސް ކާމިޔާބު ހޯދާފައިކަމަށެވެ.

މި ލިއުމާއި ގުޅޭ