ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރަކީ އާދައިގެ ބޭފުޅެއް ނޫނެވެ. ބޮޑު ދީނީ އިލްމުވެރިއެއްކަމަށް ދައުވާކުރައްވާ ނަންފުޅުގެ ކުރިއަށް ޝައިޚުގެ ލަޤަބު އިތުރުކުރައްވައިގެން އުޅުއްވާ ބޭފުޅެކެވެ. ރާއްޖޭގައި އޮތް ހަމައެކަނި އިސްލާމީ ފިކުރުގެ ޕާޓީކަމަށް ބުނާ ޕާޓީގެ ރައީސެވެ. އެހެންވީމައި އޭނާގެ ހޯމް މިނިސްޓަރުކަމުގައި ރާއްޖޭގެ އިޖުތިމާއީ ފޭރާމުގައި ކެނޑިފައިހުރި ވިދުތައް ރަނގަޅަށް ބައްދަވައި، އިސްލާހީ ފިޔަވަޅުތައް އަޅުއްވައި ގެއްލެމުންދާ އިސްލާމީ އާދަތައް މުޖުތަމައަށް އަލުން އިއާދަކުރައްވާނެއެވެ. މިއީ އެއް ބަޔަކު ކުރި އުންމީދެވެ.
އަދުގެ ހާލަތަށް ނަޒަރުކުރާއިރު މިފަދަ އުންމީދެއް ކުރި، މިފަދަ ހެޔޮ މަގަކުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާމެދު ވިސްނި ބައެއްގެ އުންމީދުތައް މިހާރު ބިލާހަކަށްވެއްޖެކަން އެވެރިންނަށްވެސް ރޭކާލައިފާނެއެވެ. ފާއިތުވި ދެތިން ދުވަހަކީ ރާއްޖޭގެ އިޖުތިމާއީ ހާލަތު ވެއްޓިފައިވާ ނިކަމެތި ހާލަތާއި، އަޚުލާޤިއްޔަތު ފުނޑުވެފައިވާ މިންވަރު ސާފުވެގެން ދިޔަ ދެތިން ދުވަހެވެ.
ފުރަތަމަ ފެންމަތިވި މައްސަލައަކީ ހުޅުމާލޭގެ ގޮނޑުދޮށުގައި ދެމީހަކު ޖިންސީ ގުޅުން ހިންގަން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމެވެ. މައްސަލައަކީ ވީޑިއޯއެއް އާންމުވުމެއް ނޫނެވެ. ދުވާލުގެ އަވީގައި، މަގުމަތީގައި މީސްތަކުންނަށް ފެންނާނެ ފަށުގައި މިފަދަ ކަންކަން ކުރަން ކެރުމެވެ. ވީޑިއޯ އާންމުނުވިނަމަ އެކަމާ ބަޔަކު އަޅައެއް ނުލީހެވެ. ވީޑިއޯ އާންމުވުމުގެ ކުރިން ފުލުހުންނަށް މިއީ ހިނގާ ކަމެއްކަން އެނގޭކަމަށް ނުވެއެވެ.
ނަމަވެސް އަޅުގަނޑު ފަދައިން ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް މިއަދު މިއީ ސިއްރެއް ނޫނެވެ. ނޭނގި ފޮރުވިފައި ހުރި ކަންކަމެއް ނޫނެވެ. ހުޅުމާލޭގެ އެކި ތަންތަނުގައި ބަރަހަނާ ފޮޓޯ ނަގައި އިންސްޓަގުރާމަށް ލައި، އެކި މަންސަތައް މެދުވެރިކޮށް ބަރަހަނާ ފޮޓޯގެ ވިޔަފާރި ދިވެހި އަންހެނަކު ކުރާކަންވެސް ފުލުހުންނަށް އެނގުނީ ނޫސްވެރިން އެވާހަކަ ދެއްކީމައެވެ. ހަމައެހެންމެ ފުލުހުންނަށް ނޭނގުނަސް ހުޅުމާލޭގެ މަގުތަކުގައި އަދި އާންމު ތަންތަނުގައި މިފަދަ ނޭނގާނީ އަމަލުތައް ހިންގާކަން ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ދަނެއެވެ. އެތަންތަން ފެނިގެން ފުލުހުންނަށް އެތައް ފަހަރަކު ގުޅައި ރިޕޯޓުވެސް ކޮށްފައި އެބަހުއްޓެވެ.
ދެން އޮތީ އިއްޔެ ބައެއް ޕްލެޓުފޯމުތަކުގައި އާންމުވި ވީޑިއޯއެވެ. ސުކޫލު ޔުނިފޯމުގައި އެމްޓީސީސީ ބަހެއްގައި ސީއެޗްއެސްސީގައި ކިޔަވާ ކުދިންތަކެއް ހިންގި އަމަލެވެ. އަނެއްކާވެސް ޖިންސީ އަމަލެކެވެ. މި ދަރަޖައަށް މިކަންކަން ފާޅުގައި ކުރަން ކެރިގެން އުޅެނީ ސަބަބެއް އޮވެގެންނެވެ. ސަބަބު ސާފެވެ. އެފަދަ ކަންކަން ފެންމަތިވުމުން ފިޔަވަޅެއް ނޭޅޭތީއެވެ.
އޭގެ ކުރިން ފެންމަތިވި މައްސަލައަކީ މާލޭގައި އަންހެން ހެދުން ލައިގެން ފިރިހެނުންތަކެއް ފާޅުގައި އުޅުނު މައްސަލައެވެ. އޭގެ ދުވަސްކޮޅެއް ކުރިން ކުރިމަތިވި ކަމަކީ މިސްކިތްތަކަށް ވަދެ މީހަކު ދެކަމުހާޖަތަށް ދިއުމެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަޑުއިވުނީ މީސްމީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ދިވެހިން ހަށިވިއްކާ ވާހަކައެވެ. ދެން ފެނުނީ ތެތްފިނީގައި ހަންޑިކުޑަ ފަޅާ އުސޫލުން މާލެ ތެރޭގައި ނާސިގެތައް ފެތުރިގަތް ތަނެވެ.
އަޅުގަނޑާއެކު މީގެ 10 އަހަރު ކުރިއަށް ވަޑައިގަންނަވާށެވެ. އެއިރު ހޯމް މިނިސްޓަރަކީ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދެވެ. ރައީސަކީ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. 16 އަހަރުގެ އަންހެންކުއްޖަކު މާލޭގެ މަގުމަތީގައި ކުރު ހެދުމެއް ލައިގެން އުޅުނީއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެކުއްޖާ ގެންދިޔައީއެވެ. ހަށިގަނޑު ނިވާކުރުވައިގެންނެވެ.
އޭގެ އަހަރުތަކެއް ފަހެވެ. ރައީސް ޔާމީނުގެ ވެރިކަމެވެ. ހޯމް މިނިސްޓަރަކީ އުމަރު ނަސީރެވެ. މާލޭގެ ބޮޑެތި އާއިލާތަކަށް ނިސްބަތްވާ ޒުވާން ކުދިންތަކެއް ފަޅުރަށަކަށް އަރައި ޕާޓީކޮށް ބަރަހަނާވެ ނާޗަރަންގީކުޅެނީއެވެ. ފުލުހުން އެ ރަށަށް އަރައި އެ އެންމެން ހައްޔަރުކޮށް މާލެ ގެނެސް ކޯޓަށް ގެންދިޔައީއެވެ. މުއްދަތު ޖަހައި ތަހުގީގު ހިންގީއެވެ.
މިއަދުގެ ހާލަތު ހެއްޔެވެ؟ މާލޭގައި ކޮންމެ ރެޔަކު ޕާޓީކުރާ ކެފޭތައް އެބަހުއްޓެވެ. މަޖިލީހުގެ ބައެއް މެންބަރުންވެސް އެތަންތަނަށް ގޮސް، އެކަމުގައި ޝާމިލުވެ އުޅެއެވެ. ރޭ ދެބައިވުމާއެކު، ބައިތަށިތަކުން މަސްތުވެ، ދެން އެތަންތަނުގައި ހިނގާ ކަންކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެތަންތަނުގެ ވަށައިގެން ހުރި ގެތަކުގައި ދިރިއުޅޭ މީހުން މިކަމުގެ ޝަކުވާ ފުލުހަށް ހުށަހަޅައެވެ. ނޫސްވެރިން ފުލުހުންނާ އެކަންކަމާމެދު ތަކުރާރުކޮށް ސުވާލުކުރެއެވެ. ކުރެވޭ ކަމެއް ނެތެވެ. ހަމަ ފޯރީގައި އެކަންކަން ދަނީ ކުރިއަށެވެ.
މިކަންކަން މިހެން މިހިނގަނީ މިދެންނެވި ސަބަބާހުރެއެވެ. ފިޔަވަޅުނޭޅޭތީއެވެ. އަޅައިލުން ކުޑަވީމައެވެ. މުޖުތަމަޢުގެ މުޤައްދަސްކަންކަން ހިމާޔަތްކުރުމުގެ ވިސްނުމެއް މުއައްސަސާތަކުގައި ނެތިވުމުންނެވެ. އަޅުގަނޑު އަޖައިބެއްނުވެއެވެ. ކޮމިޝަނާ އޮފް ޕޮލިސްއަކީ ބަނގުރާއާއެކު ޕާޓީކުރާ ތަނެއްގައި ހުންނަވަނިކޮށް ވީޑިއޯއިން ފެނިފައިވާ ބޭފުޅެކެވެ.
ނަމަވެސް ސުވާލަކީ އިސްލާމީ ޕާޓީއެއްގެ ލީޑަރު ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން ޤައުމުގެ ކަންކަން މިހާލަތަށް ދާން ދޫކޮށްލައްވައިގެން ސިޔާސީ ކަންކަމުގައި އެއްތާ ދެފައިންޕުޅު މަޑުޖައްސަވައިނުލައްވައި އުޅުއްވުމަކީ ހަމަ އެންމެ ރަނގަޅު ގޮތްތޯއެވެ؟ ތިމަންނާއަކީ ދިވެހިރާއްޖޭގެ އުރުދުޣާނު ނުވަތަ ދިވެހި ޑރ.މުރުސީކަމަށް ހެދިވަޑައިގެން އުޅުއްވާ ބޭފުޅަކު، މިފަދަ ބާރުގަދަ މަޤާމެއް ލިބުމުން އެ މަޤާމުގައި ހުންނަވައިގެން ޤައުމުގައި މިފަދަ ކަންކަން ފެތުރެން ދޫކޮށްލައްވައިގެން ހުންނަވާތީ ސުވާލު އުފައްދަންޖެހެއެވެ.
ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ ނެގުމަށްފަހު އެންމެ ބާރުގަދަ ތިން މަޤާމަކީ ހޯމް މިނިސްޓަރުކަމާއި، ފޮރިން މިނިސްޓަރުކަމާއި، ޑިފެންސް މިިނިސްޓަރުކަމެވެ. މިއިން މަޤާމެއް އިމްރާނަށް ލިބިވަޑައިގަތުމުން އިސްލާހުގެ މަގަށް ޤައުމު ގެންދަވަން އެޅުއްވި އައު ފިޔަވަޅަކީ ކޮބައިހެއްޔެވެ؟ އުމަރު ނަސީރުގެ ހޯމް މިނިސްޓަރުކަމުގައި ޓެގު އެޅުވުމާއި ކުށުގެ ވެށީގައި ތިބި ކުދިން ދ.ވާނީއަށް ގެންދަވައި ތަމްރީނު ދެއްވައި އަނބުރާ މުޖުތަމައަށް ގެންނަވަން މަސައްކަތްކުރެއްވިއެވެ. ކާމިޔާބާއި ނާކާމިޔާބުގެ ވާހަކަ ބާއްވާށެވެ. މަސައްކަތެއް ފެށުނެވެ. އެކަން އިހުސާސުވިއެވެ.
މިއަދު ޤައުމުގެ އިޖުތިމާއީ ހާލަތު އޮތް ހިސާބަކީ 2013 ވަނަ އަހަރު ކުއްޖަކު ލީ ނިވައިކަން ކުޑަ ހެދުމަށްވުރެ އެތަންތަނެއް ނިވައިކަން ކުޑަ ހެދުމުގައި އެ އުމުރުގެ ކުދިން އެބައުޅެއެވެ. ފާޅުގައި ފާހިޝް ކަންކަން ހިންގަނީއެވެ. އޮރިޔާން ކާޑު އުފެއްދުމުގެ ސިނާއަތެއް އުފެދެން އުޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. މިއިން ކަމެއްގެ ހިލަމެއް ހުވަމެއް ފުލުހުންނަށްވަނީ ނޫސްވެރިޔަކު އެވާހަކަދެއްކުމުން ނުވަތަ އެކަމެއްގެ ވީޑިއޯއާއި ފޮޓޯ މީސްމީޑިއާގައި ފެތުރި އާންމުން ރުޅިގަދަވަމުންނެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިން ވަރަށް ގިނައިން އިމްރާނަށް ތާރީފުކުރައްވައެވެ. ޚާއްޞަކޮށް މޭ 1 2015 ވަނަ ދުވަހުގައި ޑރ.އަފްރާޝީމުގެ މަރާ ގުޅިގެން 7 މީހެއް މަރާލާފައިވާކަމަށާއި، އެ ޤަތުލާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނާ ގުޅުންހުރި ހެކި އެބަހުރިކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅާ ގުޅުވައިގެންނެވެ. ރައީސް ޔާމީނުގެ އިސްތަށިފުޅުގައި އެޅުވި ބޮޑު ތުހުމަތަށް ހެކި ނުދެއްކެވުން ފިޔަވައި އިމްރާނަށް ޤައުމުގެ ހައްގުގައި ދީނީ އަޚުލާޤިއްޔަތުގެ ދިފާއުގައި މިހާތަނަށް ކުރެއްވުނު ކަމަކީ ކޮބާތޯއެވެ؟