ދިވެހިރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައާ ގުޅިގެން ރާއްޖޭގެ ބާ ކައުންސިލް އިންސާފުވެރި ދިރާސާއެއް ކުރެވިދާނެކަމާ މެދު ޝައްކުކަމަށް އެމްއެންޕީގެ ނައިބުރައީސް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެންބަރު އުޝާމް މިފަދައިން ވިދާޅުވީ ރާއްޖެ- މޮރިޝަސް އިމުގެ މައްސަލައިގައި ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ މެދު އެ ކައުންސިލްގެ ރައުޔު ހާމަކުރަން ނިންމުމާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން އުޝާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ތާއީދުކޮށް މަރުހަބާ ކިޔައި ބާކައުންސިލްގެ ރައީސް އަދި އެކްސްކޯގެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވާކަމަށެވެ.
އަދި ކަނޑު ވިއްކާލި މައްސަލާގެ އެންމެ ބޮޑެތި ގޯސްތައް ހަދާފައިވާ ބަންޑާރަނައިބަކީ ބާކައުންސިލްގެ އެކްސްކޯ މެންބަރެއްކަމަށްވެސް އުޝާމް ވިދާޅުވެފައިވެއެވެ.
އެކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ އެފަދަ ހާލަތެއްގަ އޮތް ކައުންސިލަކުން އިންސާފުވެރި ހަމަހަމަ ދިރާސާއެއް ހަދާނެކަމާ ދޭތެރޭ ޝައްކުވާކަމަށެވެ.
އިމުގެ މައްސަލައިގައި ބާ ކައުންސިލްގެ ރައުޔު ހާމަކޮށްދިނުމަށް އެދި ހުށަހެޅީ އެ ކައުންސިލްގެ މެންބަރެކެވެ. އެކަމާ ގުޅިގެން ބާ ކައުންސިލުން އިއްޔެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިޓްލޮސް އިން ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމަކީ ގައުމީ މުހިންމު މައްސަލައެއް ކަމަށެވެ.
އެހެންވެ، އެ މައްސަލަ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމީޓީން ބަލައިގަނެ، މައްސަލަ ދިރާސާ ކުރުމަށް ބާ ކައުންސިލްގެ ލޯ ރިފޯމް އެންޑް ރީސާޗް ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
އެހެންވެ، އެ މައްސަލައިގައި ހިޔާލު އެއްގޮތް ސިޔާސީ ޕާޓީތަކުން ވަނީ އިމުގެ މައްސަލައިގެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް މޮރިޝަސްގެ ސަރުކާރަށާއި އިޓްލޮސްއަށް އެންގުމުގެ އިތުރުން، އެ މައްސަލަ އަލުން އިޓްލޮސްއަށް ހުށަހެޅުމަށް ނިންމައި ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށާފައެވެ.