އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޑައިރެކްޓަރ އޮފް މެޑިކަލް ސާވިސަސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޑރ.އާމިނަތު ނަޒީރު ހަވާލުވިފަހުން ރޭޑިއޮލޮޖިސްޓެއްގެ ގޮތުގައި އަދާކުރަން ޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން "ދިޔަރެސް" އިން ހޯދި މައުލޫމާތަށް ބަލާއިރު ޑރ.އާމިނަތު ނަޒީރު ސީނިއަރ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓެއްގެ ފުރިހަމަ މުސާރައާއި އިނާޔަތްތައް ނަގައެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 47،000 ރުފިޔާ އަދި ސާވިސް އެލޮވެންސެއްގެ ގޮތުގައި 10،200 ރުފިޔާއެވެ. އޭގެ އިތުރުން ފޯނު އެލޮވެންސެއްގެ ގޮތުގައި 415 ރުފިޔާ ނަގައެވެ. މިއީ އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓެންޓެއްގެ މުސާރައެވެ. މި މުސާރައިގެ އިތުރަށް ޑިރެކްޓަރ އޮފް މެޑިކަލް ސާވިސަސްގެ މަސްއޫލިއްޔަތުތައް އަދާކުރާތީ މަސައްކަތު ކޮންމެ ދުވަހަކަށް 1000 ރުފިޔާ ލިބެއެވެ. އެހެން ކަމުން މަހަކު 26 ދުވަހު މަސައްކަތްކުރާ ކަމަށް ބަލާނަމަ 26،000 ރުފިޔާ ލިބޭނެއެވެ. އެއީ މުޅި އެކު 83،615 ރުފިޔާއެވެ.
އައިޖީއެމްއެޗުން ލިޔުމުން ދިން ޖަވާބުގައި ބުނެފައިވާ ގޮތުގައި ޑިރެކްޓަރ އޮފް މެޑިކަލް ސާވިސަސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި މަސައްކަތްކުރުން ނުހިމެނެއެވެ. އެހެން ނަމަވެސް އެ ޑިޕާޓްމެންޓަށް ބޭނުންޖެހޭ ހާލަތެއްގައި ޑރ.އާމިނަތު ނަޒީރު "އެހީތެރިކަން ދެއްވާ" ކަމަށް ބުނެފައިވެއެވެ.
އެކަމަކު އައިޖީއެމްއެޗުން ދީފައިވާ މުސާރައިގެ އޮނިގަނޑަށް ބަލާއިރު ޑރ.އާމިނަތު ނަޒީރުގެ މައިގަނޑު މަސްއޫލިއްޔަތަކީ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި މަސައްކަތްކުރުން ކަން އެނގެއެވެ. އަދި މެޑިކަލް ޑިރެކްޓަރގެ މަގާމަކީ އިތުރު ޒިންމާއެއް ކަމަށް ބަލައި އެކަމަށް ވަކިން ދުވާލަކަށް 1000 ރުފިޔާ ލިބެއެވެ. އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި މަގާމާއި ހަވާލުވިފަހުން ޑރ.އާމިނަތު ނަޒީރު މިހާތަނަށް ދޫކޮށްފައިވަނީ އެންމެ 104 ރިޕޯޓެވެ. ޑރ.އާމިނަތު ނަޒީރު މެޑިކަލް ޑިރެކްޓަރގެ ގޮތުގައި ހަމަޖެއްސީ ފާއިތުވި އަހަރު ޖޫން މަހުން ފެށިގެންނެވެ.
އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓުގައި 12 ޑޮކްޓަރުން ތިބޭއިރު، އެވަރެޖްކޮށް ކޮންމެ ޑޮކްޓަރަކު އެންމެ މަހެއްތެރޭ 360 ރިޕޯޓު ދޫކުރެއެވެ. އަދި ސީނިއަރ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓުން ހަފްތާއަކު 3 ނޫނީ 4 ދުވަހު އޯޕީޑީގައި މަސައްކަތްކުރާއިރު ކޮންމެ ދުވަހަކަށް ގާތްގަނޑަކަށް 10 ވަރަކަށް ބަލިމީހުންނަށް އަލްޓްރާސައުންޑް ސްކޭން ހަދައެވެ. އެހެންކަމުން ސީނިއަ ކޮންސަލްޓެންޓުން ހަމައެކަނި އަލްޓްރާސައުންޑް ސްކޭންގެ 40 ރިޕޯޓު ހަފްތާއެއްގެ ތެރޭގައި ތައްޔާރުކުރެއެވެ. ޑރ.އާމިނަތު ނަޒީރު އަހަރެއްހާ ދުވަސް ތެރޭގައި އެހެން ސީނިއަރ ކޮންސަލްޓެންޓުން 1 މަސް ތެރޭގައި ދޫކުރާވަރަށްވެސް ރިޕޯޓު ދޫކުރެވިފައިނުވެއެވެ.
"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.އާމިނަތު ނަޒީރު އެއްވެސް ވަރަކަށް މިހާރު އޯޕީޑީގައި މަސައްކަތް ނުކުރެއެވެ. އައިޖީއެމްއެޗުން ދީފައިވާ ޖަވާބުން މިކަމަށް އިތުރަށް ބާރުލިބެއެވެ. މީގެ ކުރިން މެޑިކަލް ޑިރެކްޓަރުންގެ މަޤާމުގައި ތިބި ފަރާތްތަކުން އޯޕީޑީގައި މަސައްކަތްކުރިއެވެ. މިގޮތުން ޑރ.އާމިނަތު ނަޒީރުގެ ކުރިން އެ މަގާމުގައި ހުރި ޑރ.ޔޫސުފް ޝާން ވެސް އޯޕީޑީގައި މަސައްކަތްކުރިއެވެ. ހަމައެކަނި އެހެން ކޮންސަލްޓެންޓުންނާއި ތަފާތަކީ ވާރޑް ރައުންޑްތަކުގެ އަދަދު މަދުވުމާއި 24 ގަޑިއިރު ގެ ޑިއުޓީތަކާއި ނައިޓް ޑިއުޓީތައް ހަދަން ނުޖެހުމެވެ.
ރޭޑިއޮލޮޖިސްޓެއްގެ ޒިންމާ ޑރ.އާމިނަތު ނަޒީރު އަދާނުކުރާއިރު މެޑިކަލް ޑިރެކްޓަރގެ މަސްއޫލިއްޔަތުވެސް ރަނގަޅަށް އަދާނުކުރާކަމަށް ބައެއް ޑޮކްޓަރުން "ދިޔަރެސް" އަށް މައުލޫމާތު ދީފައިވެއެވެ.
"ވަރަށް ގިނަ ޑޮކްޓަރުން އެކި އިޝޫތަކުގަ ޑރ.އާމިނަތު ނަޒީރާ ބައްދަލުކުރަން އެދިގެންވެސް ނުވޭ. އަބަދު މީޓިންތައް ރީޝެޑިއުލްކުރަނީ" ދިޔަރެސްއަށް މައުލޫމާތު ދެއްވި ޑޮކްޓަރަކު ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ އޯޕީޑީގައި މަސައްކަތް ނުކުރިނަމަވެސް ޑރ.އާމިނަތު ނަޒީރު ބައެއް އަމިއްލަ ކްލިނިކުތަކުގައި މަސައްކަތްކުރެއެވެ. އަދި ޑރ.އާމިނަތު ނަޒީރަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ބިޒްނަސް ޕާޓްނަރެވެ. ރޮޒައިނާ އާއި ޑރ.އާމިނަތު ނަޒީރު ދަނީ ހުޅުމާލޭގައި ވެލްނެސް ސެންޓަރެއް ތަރައްގީ ކުރަމުންނެވެ. އެތަން ހަދަން ބިން ހޯދާފައިވަނީ ރޮޒައިނާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ނުފޫޒު ފޯރުވައިގެންކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.