އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިން ވަކި ކުރެއްވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ޗެއާ، އަދި އެޕާޓީގެ ނައިބްރައީސް މުހައްމަދު ޝިފާޒް އަށް ވެސް އެންގުމަކާ ނުލައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދެއްވަމުން ޝިފާޒް ވިދާޅުވީ، އަލީ އާޒިމް އެމްޑީޕީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ނިންމާފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެން އޭނާ ވެސް "ސަޕްރައިޒް" ވި ކަމަށެވެ.
ޝިފާޒް ވިދާޅުވީ އާޒިމް ވަކި ވެފައިވާ ކަމަށް އަދި ދެންނެވެން ނެތް ކަމަށެވެ. ސަބަބަކީ އޭނާ އަކީ އެހެންގޮތަކަށް ނުނިންމާ ހާހިނދަކު އަދިވެސް އޭނާ އަކީ އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ޗެއާ، އަދި އެޕާޓީގެ ނައިބްރައީސް ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް މީގެ ކުރިން ތާވަލު ކޮށް ބަލަހައްޓަމުން ގެންދެވީ އޭނާ ކަމަށެވެ.
"އެފަދަ މައްސަލަ އެއް ކޮމިޓީއަށް ހުށަހެޅުމުން އަޅުގަނޑު އެމައްސަލަ ތާވަލު ކޮށް އެކަމާ ގުޅުންހުރި މީހުންނަށް ގުޅާ ކޮމިޓީއަށް ހާޒިރުކުރަނީ އަޅުގަނޑު. އަޅުގަނޑު ބުނީމާ ތާވަލް ކުރެވޭނީ. ހަމަ ގައިމުވެސް އަޅުގަނޑެއް ޝެޑިއުލް އެއް ނުކުރަން މީޓިން އެއް ބާއްވާކަށް. އެކަމަކު މިއަދު ހަވީރު އެކޮމިޓީގެ މީޓިން އެއް އޮތްކަމަށް ލިޔެފަ އޮތް އަޅުގަނޑަ ފެނުނީވެސް މާފަހުން. އަޅުގަނޑަ ގުޅާފައެއް ނެތް މި މީޓިން އޮތްކަން އަންގަން ވެސް. އޭގެ ފަހުން މީޓިއެއް ބޭއްވިކަމާ އާޒިމް ވަކި ކުރިކަން އެނގުނީ މީޑިއާތަކުން ގުޅަން ފެށުމުން" ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ މީގެ ކުރިން މިފަދަ މައްސަލަ ތަކުގައި އެކަށީގެންވާ ވަގުތު އެމައްސަލައިގައި ހިމެނޭ މެމްބަރުންނަށް ދީފައިވާނެ ކަމަށާއި ނަމަވެސް މި މައްސަލައިގައި އަމަލު ކޮށްފައި މިވަނީ ކިހިނެއްކަން އެނގިވަޑައި ނުގަންނަ ކަމަށެވެ. އަދި މިކަން ހިނގާފައިވާ ގޮތް ސާފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
"މިއީ ދޮގު ޚަބަރެކޭ ބުނާހިތްވެސް ވޭ. އެއީ ވަގުތުންނެއް ނުއެއް ނިންމޭނެ މިކަހަލަ މައްސަލައެއް. މައްސަލަ އެއް ހުށަހެޅީމާ އެމައްސަލަ ރައްދުވާ ފަރާތަށް ނޯޓިސް ދީފަ އޭނަ ގެނެސް އޭނައާ ވާހަކަ ދައްކާފަ އޭނަ ގެނެސް ބާޔާނެއް ނަގާ ދެން ބައިވަރު ކަންކަން މީގެތެރޭގައި ހިނގައިގެން ގޮސްފަ ހަތަރު މީޓިން އިން ކިރިޔާ ކަމެއް ނިންމާފަ އޮންނާނީ. އެހެންވީމާ ހަމަ މިހެން އިށީނދެލާފަ ނިންމާލެވޭ ކަމަކަށް ވަންޏާ އެއީ އަޅުގަނޑު މިހާތަނަށް ދަންނަމުން އައި އުސޫލުން ހިނގާފައިވާ ކަމެއްގެ ކަމުގައި ގަބޫލެއް ނުކުރެވޭ" ޝިފާޒް ވިދާޅުވިއެވެ.
މިކަން މިހެން ހިނގާ ކަމުގެ މިސާލެއްގެ ގޮތުން ޝިފާޒް ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް މިފަދަ މައްސަލައެއް އެކޮމިޓީއަށް އެމްޑިޕީގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމަށްވާ މޫސާ މަނިކު ވިޕްލައިނާ ޚިލާފް ވެގެންގެ އެމައްސަލަ ބެލުމަށް ހުށަހެޅުއްވި ކަމަށެވެ.
"އޭރު ކަންތައް ކުރި ގޮތަކީ ޕާލަމަންޓަރީ ގްރޫޕުން ފިޔަވަޅު އަޅަމުން އަޅަމުންގޮސް ތިންވަނަ މަރުހަލާ އަށް އައިމަ ޕާޓީގެ ސެކެޓްރީއަށް ފޮނުވީމަ، ސެކެޓްރީ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނޮވަނީ. ފޮނިވީމަ ފިޔަވަޅު އަޅާ ކޮމިޓީން އިން އެކޮމިޓީގެ މެމްބަރުންނަށް މީޓިންތަކަށް ކިޔާފަ ދެން އެމައްސަލަ ހިނގަން ފަށަނީ. މިދެންނެވި މައްސަލައަކީ އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅި މައްސަލައެއް. ދެން އެއާއެކީގަ ފޮނޮވި އިތުރު ތިންބޭފުޅެއްގެ މައްސަލަ ވެސް. އެތިން ބޭފުޅުން ކޮމިޓީއަށް ޖަވާބުދާރީވި. ރީކޯމޫސަ ޕާޓީއަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި މީޑިއާތަކަށް ޖަވާބު ދާރީވަމުން ދިޔައީ ޖާވާބު ދާރީ ވާން ޖެހޭ ތަނެއް ނޯންނާނެއޭ. އެހެންވެ މޫސަ ވަކި ކުރަން އޭރު ނިންމުނީ" ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ޖަވާބުދާރީ ވާން މޫސައަށް ވެސް ވަރަށް ގިނަ ފުރުސަތު އޭރު ޕާޓީން ދެއްވި ކަމަށެވެ. އެހެންކަމުން އާޒިމްގެ މައްސަލައިގައި ކަންކަން ހިނގާފައިވާ ގޮތް ގަބޫލު ނުކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވެފައިވަނީ މީޓިންއެއް އޮތްކަން އެބޭފުޅާއަށް އެނގި ނުލައްވާ ކަމަށެވެ. އެހެންކަމުން ޖަވާބު ދާރީ ވާންވެސް ފުރުސަތު ނުލިބޭކަމަށް އާޒިމް "ދިޔަރެސް" އަށް ވިދާޅުވިއެވެ. އަދި ޕާޓީން ވަކި ކުރިކަން ވެސް އެނގުނީ މީޑިއާއިން ކަމަށެވެ.
އެމްޑީޕީގެ އިސް ބޭފުޅަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާއިދުގެ 19 ވަނަ މާއްދާއާ އާޒިމު ޚިލާފުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ނުވަތަ އެހެން ޕާޓީއަކުން އެމްޑީޕީގެ ސަރުކާރަކާ ދެކޮޅަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ އެ ޕާޓީގެ މެންބަރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.