Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

ފުއްގިރި މައްސަލާގައި ހެކި ބަލައިގަތީ ރަނގަޅަށް ނޫން، އެކަމަކު މައްސަލަ އަލުން ބަލަންނުޖެހޭނެ: ސުޕްރީމް ކޯޓު

ވ.ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ނަމަވެސް އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ފޮނުވަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ފުއްގިރި މައްސަލާގައި ޝަރީޢަތުގެ ކުރިން ރައީސް ޔާމީނުގެ ފަރާތްޕުޅުން ބައެއް ހެކިތައް ބަލައިނުގަތުމަށް ހުށަހެޅި ނަމަވެސް އެ ހެކިތައް ބަލައިގަންނަން އެ ކޯޓުން ނިންމިއެވެ. އެ ނިންމުން ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ ކުރިމިނަލް ކޯޓުގެ ނިންމުން ސައްހަ ކަމަށެވެ. ހެކި ބަލައިގަތުމަށް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވީ ވަކިވަކިން ހެކިތައް ބަލައިގަންނަން ފަނޑިޔާރު ނިންމެވި ސަބަބު ބަޔާންކުރައްވާފައިނުވާތީއެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލައިގެ ގޮތެއް ނިންމުމަށް މިރޭ ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ރައުޔާގައިވަނީ ހެކި ބަލައިގަތުމަށް ކޯޓުން ނިންމުމުގައި ބަލަންޖެހޭ ކަންކަން ތަފުސީލުކޮށް ބަޔާންކުރައްވާފައެވެ. އެގޮތުން ހެއްކަކީ މައްސަލައިގެ ވާގިއާތަކާ ގުޅޭ ހެކިކަކަމަށް ބެލޭނެ ހާލަތްތަކާއި ގުޅުމެއް ނެތްކަމަށް ބެލޭނެ ހާލަތްތައް ތަފުސީލުކޮށް ސުއޫދު ބަޔާންކުރެއްވިއެވެ.

އަދި ހެއްކަކީ މައްސަލައިގެ މައިގަނޑު ވާގިއާތަކާ ގުޅުންހުރި ހެކިކަން ޔަގީންކުރުމުގެ އިތުރަށް އެ ހެއްކަކީ ޤާނޫނީ ގޮތުން ސައްހަ ބަލައިގަނެވޭނެ ހެކިކަން ކަށަވަރުކުރަންވާނެ ކަމަށްވެސް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވިއެވެ.

ހައިކޯޓުގެ ނިންމުމުގައި ގަނޑުކޮށް ހެކިތައް ބަލައިގަތުމަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވާ ނުކުތާއަކީ ރަނގަޅު ވާހަކައެއް ނޫންކަން ފާހަގަކުރައްވައި ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވަނީ ހެކި ބަލައިގަންނަން ނިންމާއިރު ވަކިވަކިން އެ ހެއްކެއް މައްސަލައިގެ މައިގަނޑު ވާގިއާތަކާ ގުޅޭކަން ތިލަ ބަހުން އާންމު މީހަކަށްވެސް ވިސްނޭނެ ގޮތަށް ބަޔާންކުރަންވާނެ ކަމަށެވެ. އަދި އޭގެ އިތުރަށް އެ ހެއްކަކީ ޤާނޫނީ ގޮތުން ސައްހަ ހެއްކެއްކަންވެސް ބަޔާންކުރަންޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް ހެއްކެއް ނުގަވާއިދުން ބަލައިގަތުމަށް ނިންމާ ނިންމުންތައް އިސްތިއުނާފުކުރާ ހާލަތުގައި އެ ހެއްކެއް ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން އަދުލު އިންސާފަށް ފާޅުކަން ބޮޑު ނޭދެވޭ އަސަރެއްކުރާކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކުރަންޖެހޭނެ ކަމުގައިވެސް ސުއޫދު ވިދާޅުވިއެވެ. އަދި ފުއްގިރި މައްސަލާގައި ހެކިތައް ބަލައިގަތުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުން އިންސާފު ޤާއިމުކުރުމަށް ފާޅުކަން ބޮޑު ނޭދެވޭ އަސަރެއް ކުރާނެކަން ސާބިތުކޮށްދެވިފައިނުވާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އެހެންކަމުން ހެކި ބަލައިގަތުމަށް ނިންމި ނިންމުން އަލުން ކުރިމިނަލް ކޯޓުން ބަލަންޖެހޭނެކަމަށް ކަނޑައަޅަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމެވިއެވެ.

އެއާއެކު ހެއްކާބެހޭ ޤާނޫނުގެ ދަށުން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޢަބްދުﷲ ޒިޔަތުގެ ހެކިބަހާމެދު ހުށަހެޅުންތައް ހުށަހެޅުމަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން އެ ފުރުސަތު ނުދިނުމަށް ނިންމާފައިވާ ނިންމުމަކީ ކުރިން ހިނގި ކަމެއްގައި، ފަހުން އެކުލަވައިލި ޤާނޫނެއް ތަތުބީގުކުރެވޭނެ އުސޫލުތައްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމުން ކުރިމިނަލް ކޯޓުގެ އެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޖާގައެއް ނެތްކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

އިތުރު ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރެއްވި ހެކި ހާމަކުރުމުގެ މައްސަލާގައި ސުއޫދު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ދައުލަތްކަމަށް މާނަކުރެވޭނީ ތަހުގީގީ އިދާރާތައް ކަމުގައިވާތީ ތަހުގީގެއްގެ ތެރެއިން އެ އިދާރާއެއްގައި ހުންނާނެކަމަށް ބެލެވޭ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ހާމަކުރަންނުޖެހޭނެ ކަމަށެވެ. ނަމަވެސް މައްސަލައަކަށް މުހިއްމުވާ ލިޔުމެއް އިދާރާއެއްގައި ހުރިނަމަ އެ ލިޔުމެއް ނުވަތަ މައުލޫމާތެއް ހާމަކުރުމުގެ އަމުރު ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން ނެރެވިދާނެކަމަށް ސުއޫދު ވިދާޅުވިއެވެ. އެ މައްސަލާގައިވެސް ސުއޫދު ނިންމަވާފައިވަނީ އެ ހުށަހެޅުމާމެދު ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރާނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުރިހާ އިސްތިއުނާފީ ނުކުތާތަކެއްގައި އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ގޮތަށް ތާއީދުކުރާނެ ޤާނޫނީ ސަބަބެއް ނެތްކަމަށް ސުއޫދު ނެރުއްވި ރައުޔައަށް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު އާއިޝަތު ޝުޖޫނާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމު ތާއީދުކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ