ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރުގެ މައްސަލަ އަނބުރާ ގެނެސްފައިވަނީ އެމައްސަލާގައި މަޖިލީހުގެ އިތުރު މެންބަރުންތަކެއް ސޮއިކުރުމަށް ބޭނުންވާތީ ކަމަށް ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް މައްސަލަ ވެއްދިތާ މާ ގިނައިރުތަކެއް ނުވަނީސް އެ މައްސަލަ އަނބުރާ ގެންގޮސްފި ކަމަށް "މިހާރު ނޫސް" ގައި ރިޕޯޓް ކުރުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ކުރިއަށް މިއޮތް 1-2 ދުވަހުގެ ތެރޭގައި މައްސަލަ އަލުން ހުށަހަޅާނަން. ދިވެހިންގެ ކަނޑު ވިއްކާލި މައްސަލާގަ ޝާމިލްވާ ފަރާތްތައް ޖަވާބުދާރީކުރުމަށް މިކުރާ މަސައްކަތުގަ ދޫދިނުމެއް ނެތް." ކަމަށެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު އާ ހަވާލާދީ އެނޫހުގައި ބުނެފައިވަނީ "މެންދުރު ހުށަހަޅާގައި ހަވީރު އަނބުރާ ގެންގޮސްފި، އަނބުރާ ގެންދިޔަ ސަބަބެއް ނުބުނޭ." ކަމަށެވެ.
މިނިސްޓަރުގެ ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ނިންމީ ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަހައްދެއް އެމަނިކުފާނު އަޑީގައި ހުންނަވައިގެން ދޫކޮށްލުމާއިގުޅިގެންނެވެ. އަދި އެ މުއާ މަލާތުގައި މިނިސްޓަރު 500 މިލިއަން ޑޮލަރު ރިޝްވަރުގެ ނަމުގައި ނެންގެވި ކަމަށްވެސް އަޑުތަކެއް ވަނީ ފެތުރިފައެވެ.
މީގެ އިތުރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ އެ ޕާޓީގެ މެންބަރުން ވަކި ކުރާނެ ކަމަށް ބުނެ އެމްޑީޕީން ވަނީ އިންޒާރު ދީފަ އެވެ.