Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ޒަރީރު މަރައިލަން އުޅުނުކަމުގެ ތުހުމަތުގައި އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރެއް ފުލުހުން ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ މއ.ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (32 އ) އެވެ. އޭނާއަކީ އެމްޑީޕީ ޤައުމީ މަޖިލީހުގެ މައްޗަންގޯޅި ދާއިރާގެ މެންބަރެވެ. އޭނާއަކީ އެމްޑީޕީގެ އެންމެ މަތީ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ޒަރީރަށް ދިން ހަމަލާއާ ގުޅިގެން "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ޒަރީރު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިނުމުގެ ފަހަތުގައި ހުރީ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ)އެވެ. އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ސަމާލުކަމަށް ގެންނަވާފައިވާނެކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

މިއަދު ފުލުހުން ބުނި ގޮތުގައި ގައްބަރޭ ހޯދަނީ ގުރޫޕު ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރައިލަން އުޅުނުކަމަށް ތުހުމަތުވާ މައްސަލައެއްގައެވެ.

އޭނާ ހޯދަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓުން ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

ގައްބަރޭއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓުގެ ފޯނު ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.

މި ލިއުމާއި ގުޅޭ