ސްޕެއިން ލީގުގެ ޗެމްޕިއަންކަން ބާކީ ހަތަރު މެޗު އޮއްވައި ބާސެލޯނާ އިން ހޯދައިފި އެވެ.
ބާސެލޯނާ ޗެމްޕިއަންކަން ކަށަވަރުކުރީ ރޭ ރަށުން ބޭރުގައި އެސްޕަންޔޯލްއާ ވާދަކޮށް 4-2 އިން މޮޅުވެގެންނެވެ. މިއީ ބާސެލޯނާގެ ކުރީގެ ލެޖެންޑް ޒަވީ، އެޓީމުގެ ކޯޗުކަމާ ހަވާލުވެ ލިބުނު ފުރަތަމަ ލީގު ތައްޓެވެ. ލީގު ޗެމްޕިއަންކަމުގެ އިތުރުން ޒަވީ ވަނީ ބާސެލޯނާ އަށް މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ.
ބާސެލޯނާ އަށް 34 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 34 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ބާކީ ހުރި މެޗުތަކުން މޮޅުވެގެން ވެސް ރެއާލަށް، ބާސެލޯނާއާ އެއްވަރު ނުކުރެވޭނެ އެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އާއި އަލެހަންޑްރޯ ބަލްޑޭ އަދި ޖޫލްސް ކޫންޑޭ އެވެ. މެޗުގައި ލެވަންޑޯސްކީ ދެ ގޯލު ޖެހި އެވެ. ލީގުގައި މި ސީޒަނުގައި ޖެހި 21 ގޯލާ އެކު ލެވަންޑޯސްކީ އޮތީ ސްޕެނިޝް ލީގު ލަނޑު ލިސްޓުގެ އެއް ވަނައިގަ އެވެ.
ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ އެސްޕަންޔޯލް ވަނީ މެޗުގެ ފަހުކޮޅު ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ހާވިއޭ ޕުއާޑޯ އާއި ހޮސެލޫ އެވެ. ލީގުގައި އެސްޕަންޔޯލް އޮތީ 19 ވަނައިގަ އެވެ.
ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން ވަނީ އެސްޕަންޔޯލްގެ ދަނޑުގައި އުފާފާޅުކޮށްފަ އެވެ. އެޓީމަށް ލީގު ޗެމްޕިއަން ޓްރޮފީ ހަވާލުކުރާނީ ލީގުގައި ކުޅޭ ހޯމް މެޗެއްގަ އެވެ. ބާސެލޯނާ އަށް ލީގު ޗެމްޕިއަންކަން އެ ލިބުނީ 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ.
ޒަވީ ވަނީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެ ރަނގަޅު ބަދަލުތަކެއް ގެނެސްފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި 17 އަހަރު ޒަވީ ވަނީ ބާސެލޯނާ އަށް ކުޅެފަ އެވެ. އެ ޓީމާ އެކު އަށް ފަހަރު ލީގު ޗެމްޕިއަންކަން ޒަވީ ހޯދި އެވެ.