Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނިއުޕޯޓް ވިއު

"ސްޓްރާޑާގެ ކޮރަޕްޝަނެއް ނެތްކަމަށް އޭސީސީން ނިންމުމުން ބަދަލު ދިނުމުގައި ހުރަހެއް ނެތް"

ބްރިޖްވިއުއިން ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކޮރަޕްޝަން ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ނިންމުމުން، ދައުލަތުން ސްޓްރާޑާއަށް ދޭންޖެހޭ ބަދަލު ދިނުމުގައި މިހާރު ހުރަހަރެއް ނެތްކަމަށް އެ ކުންފުނިން ބުނެފި އެވެ.

ނިއުޕޯޓްގެ ބަދަލު ހޯދަން ސްޓްރާޑާއިން ޕްލޭނިން މިނިސްޓްރީގެ މައްޗަށް ކުރި ދައުވާގައި މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ސްޓްރާޑާގެ ގާނޫނީ ވަކީލު އަހްމަދު މުއިއްޒު ވިދާޅުވީ ސްޓްރާޑާއިން ކުއްޔަށް ހިފާފައި ހުރި އެ ބިން ދައުލަތަށް ނެގި އިރު ބަދަލު ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.
ބަދަލުގެ އަގަކާ ގުޅޭގޮތުން ފުރަތަމަ ވާހަކަ ދެކެވުނީ 31 މިލިއަން ނުވަތަ 32 މިލިއަންގެ ބަދަލެއް ހޯދާށެވެ. އެކަމަކު ދެފަރާތަށް އެއްބަސް ވެވުނީ 14493427ރ. ބަދަލުގެ ގޮތުގައި ދިނުމަށެވެ.
އެ ފައިސާ ދައުލަތުން ސްޓާޑާއަށް ދިނުމުގެ ކަންކަން ކުރިއަށް ގޮސް، އެންމެ ފަހު މަރުހަލާގައި އޮއްވައި އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފައިސާ ދިނުމުގެ ކަންކަން މަޑުޖައްސާލަން އެ ކޮމިޝަނުން އެންގި އެވެ.
އޭސީސީން މައްސަލަ ބެލީ ނިއުޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ބްރިޖް ޕްލެޓްފޯމް ދޫކޮށްފައިވާ އެއްބަސްވުން ބަދަލުކޮށް އެކުންފުންޏަށް ނާޖާއިޒް ފައިދާތަކެއް ހޯދައިދޭން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެވެ.
އެހެންވެ، ސްޓްރާޑާއަށް ދޭން ނިންމާފައިވާ 14 މިލިއަނަކީ ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި، އެ ފައިސާ ސްޓްރާޑާއަށް ދޭން ނުފެން ކަމަށް އޭސީސީން އެންގި ކަމަށް ބުނެ ޕްލޭނިން މިނިސްޓްރީން އެ ކުންފުންނަށް ސިޓީ ފޮނުވި އެވެ. ސްޓްރާޑާއަށް ބަދަލު ނުލިބި އޮތީ އެހެންވެ އެވެ.
އެހެން އޮއްވައި، 2018 ވަނަ އަހަރުގެ ތިން މަހުގެ ކުލި ނުދައްކާ އޮތް ކަމަށާއި އެ ކުއްޔަށް 1.14 މިލިއަން ރުފިޔާ އަރާކަމަށް ބުނެ ކުލީ އެގްރީމެންޓް ބާތިލުކުރަން ޕްލޭނިން މިނިސްޓްރީން ސްޓްރާޑާއަށް ނޯޓިސް ފޮނުވި އެވެ.
"ދައުލަތުން އެއްބަސްވަނީ 14 މިލިއަން ސްޓްރާޑާއަށް ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ސްޓްރާޑާއިން މި ދައްކަންޖެހޭ 1.14 މިލިއަން ނުދެއްކި މިވަނީ ސްޓްރާޑާއަށް ލިބެންޖެހޭ ބޮޑު ބަދަލެއް ނުލިބިގެން އަދި ގާނޫނުއަސާސީގެ ދަށުން ލާޒިމުކުރާ ބަދަލެއް ނުދީ އެތައް ދުވަހެއް ލަސްކޮށްފައި ވުމުގެ ސަބަބުން ކުލި ދެއްކުމަށް ނުކުޅެދިގެން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.
ސެޕްޓެމްބަރު 22، 2016 ގައި ސޮއިކުރި އެގްރީމެންޓުން ކުއްޔަށް ދީފައިވާ ބިމުގެ ތެރެއިން 1291 އަކަފޫޓުގެ ބިމާއި އެތަނުގައި ހަދާފައި ހުރި އިމާރާތް ދައުލަތަށް ނަގާފައިވަނީ އަދުލުވެރި ބަދަލު ނުދީ ކަން ލޯޔަރު މުއިއްޒު ތަކުރާރުކުރެއްވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭސީސީން އެ މައްސަލަ ފުރަތަމަ ނިންމި އިރުގައި ސްޓްރާޑާގެ ބަހެއް އަދި އެ މައްސަލައިގައި ތުހުމަތު ކުރެވުނު ކުރީގެ ހައުސިން މިނިސްޓަރުގެ ބަހެއްވެސް ހޯދާފައިނުވެ އެވެ. ނަމަވެސް ފަހުން ކުރީގެ ހައުސިން މިނިސްޓަރު ހާޒިރުކޮށްގެން އަދި ސްޓްރާޑާއަށްވެސް ބަސް ބުނުމުގެ ފުރުސަތު ދިނުމަށްފަހު މިހާރު އޭސީސީން ވަނީ އެ މައްސަލައިގައި ކޮރަޕްޝަން އޮތްކަން ސާބިތު ނުވާކަމަށް ނިންމާފަ އެވެ.
"އެހެންވީމަ ދައުލަތުން ކުރިން އެއްބަސްވެވަޑައިގެން 14 މިލިއަން ދިނުމުގައި މިހާރު ހުރަހަހެއް ނެތޭ. އެ 14 މިލިއަން ނުލިބުނީ އޭސީސީން އެންގި އެންގުމަކުން ނަމަވެސް މިހާރު އެއީ ކޮރަޕްޝަން އޮތް މައްސަލައެއް ނޫންކަމަށް އޭސީސީން ނިންމަވައިފި އެކަމަކު އަދިވެސް އެ ފައިސާއެއް ނުދެއްވާ،" ލޯޔަރު މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު މިއަދުގެ އަޑުއެހުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ ބަދަލު ނުދޭން ދައުލަތުން ނިންމީ ހަމައެކަނި އޭސީސީގެ ނިންމުމަށް ބިނާކޮށް ނޫން ކަމަށެވެ. މިއަންނަ ހަފްތާގެ ނިޔަލަށް އިތުރު ކަންކަން ސާފުކުރުމަށް މިއަދުގެ އަޑުއެހުން ނިންމާލީ އެވެ.

މި ލިއުމާއި ގުޅޭ