ރޭގެ މެޗަކީ ދެ ހަފްތާގެ ސަސްޕެންޝަނަކަށް ފަހު އެނބުރި އައިސް މެސީ ކުޅުނު ފުރަތަމަ މެޗެވެ. މެސީ ސަސްޕެންޑް ކުރީ ކްލަބުގެ ހުއްދަ ނެތި ސައުދީ އަރަބިއާ އަށް ދިއުމުންނެވެ. އެ މައްސަލައިގައި ފަހުން މެސީ މާފަށް އެދުނެވެ. ރޭގެ މެޗު އެއްކޮށް މެސީ ކުޅުނު ނަމަވެސް ގޯލެއް ނުޖެހުނެވެ. މެޗުގެ ތެރެއިން ޕީއެސްޖީގެ ބައެއް ސަޕޯޓަރުން ވަނީ މެސީއާ މެދު ހިތްހަމަނުޖެހި ޝުއޫރު ފާޅުކޮށްފަ އެވެ.
މެސީ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެހެންވެ ސީޒަން ނިމުމުން މެސީ އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.
މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ޖެހީ ފަބިއަން ރުއިޒް އެވެ. އޭގެ އިރުކޮޅެއް ފަހުން އަޝްރަފް ހަކީމީ ޖެހި ގޯލުން ލީޑު ފުޅާކުރި އެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނެޓު ތެރޭ ކިލިއަން އެމްބާޕޭ ދެ ގޯލު ޖެހި އެވެ. އެމްބާޕޭގެ ދެ ގޯލާ އެކު މިފަހަރުގެ ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 26 އަށް އަރައިފަ އެވެ. ޕީއެސްޖީގެ ފަހު ގޯލަކީ އަޖާސިއޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މުޅި މެޗުގައި ވެސް ޕީއެސްޖީ އިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެކަމަކު މެޗުގެ ފަހުކޮޅު ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ޕީއެސްޖީގެ ހަކީމީ އާއި އަޖާސިއޯގެ ތޯމަސް މަންގާނީ އަށް ރެފްރީ ރަތް ކާޑު ދެއްކި އެވެ.
މޮޅާ އެކު ޕީއެސްޖީ ވަނީ ލީގު ހޯދުމާ ގާތަށް ޖެހިލާފަ އެވެ. 35 މެޗުން ލިބުނު 81 ޕޮއިންޓާ އެކު އެޓީމު އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ލެންސް އަށް 35 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.