Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ރައީސަށާއި ސަރުކާރަށް ހެޔޮ ބަހެއް ބުނަނީ ސިޔާސީ ވަޒީފާގައި ތިބި މަދު ބައެއް: އާޒިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އެމަނިކުފާނުގެ ސަރުކާރަށް މިހާރު ހެޔޮބަހެއް ބުނާ އަޑުއިވެނީ ސިޔާސީ މަޤާމުތަކުގައި ތިބި މަދުބަޔަކު އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ހަރަކާތްތެރިވާ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި އިސްކޮށް މަސައްކަތްކުރައްވާ ޢާޒިމަކީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރެވެ. އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، "ފިކުރެއްގެ ދިރުން"ގެ މެންބަރުން ޝާމިލުވެގެން ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަށްވަނީ ހުށަހަޅާފައެވެ.

"ފިކުރެއްގެ ދިރުން" ހަރަކާތަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެ ޕާޓީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގަވާ ހަރަކާތެކެވެ.

އެ ހަރަކާތުން އަންނަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ތެރެއިން ވާދަވެރި ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ. އެގޮތުން ޗާގޮސްއާއި ރާއްޖޭގެ ދެމެދުގައިވާ އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ބައިކުރުމުގައި ރާއްޖޭގެ އީއީޒެޑްއިން ބައެއް ގެއްލުނު މައްސަލާގައި ކުރަމުން އަންނަ މަސައްކަތުގައި އެ ހަރަކާތުން ބައިވެރިވެއެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ހުށަހެޅުމުގައި ބައިވެރިވާ ހުރިހާ ޕާޓީތަކުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ރައީސް އިބްރާހީމުގެ އިތުބާރުނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އާޒިމް ވިދާޅުވި ގޮތުގައި ރައީސާއި އެމަނިކުފާނުގެ ސަރުކާރުގެ ދިފާއުގައި ހެޔޮބަހެއް ބުނާތީ މިހާރު އަޑުއިވިވަޑައިގަންނަވަނީ ހަމައެކަނި ސިޔާސީ މަޤާމުތަކުގައި ތިއްބެވި މަދު ބޭފުޅުންކޮޅެކެވެ.

އަދި ގިނަ ދިވެހިން ރައީސް އިބްރާހީމަށް ތާއީދުނުކުރާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވެފައިވަނީ "ދިވެހިން ތިބީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭކަށެއް ނޫން" ކަމަށެވެ.

މި ލިއުމާއި ގުޅޭ