Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

އިދިކޮޅުން ރަށްރަށަށް ކެމްޕެއިން ދަތުރުތައް ފަށަނީ

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށް ކެމްޕެއިން ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

'ޗެނަލް 13' ގެ ޕްރޮގުރާމެއްގައި ރޭ ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެމްޕެއިން ދަތުރުތައް ފެށުމަށް، އެ ރަށްރަށުގައި ތިބި ޕާޓީގެ ފަރާތްތަކާ ގުޅިގެން މިހާރު މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެކަމުގެ އިދާރީ މަސައްކަތްތަކެވެ. އެހެންވެ، ކެމްޕެއިން ދަތުރުތައް ފެށޭނެ ސީދާ ދުވަހެއް ހާމަނުކުރި ނަމަވެސް ވަރަށް އަވަހަށް ދަތުރުތަށް ފަށާނެ ކަމަށް މުއިއްޒު ވިދާލުވި އެވެ.
ރަށްރަށަށް ދަތުރު ފެށުމުގެ އިތުރުންވެސް ރިޔާސީ ކެމްޕެއިނާ ގުޅޭ ގިނަ އިދާރީ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި ބައްދަލުވުންތަކާއި، ޖަލްސާތައް އަދި އިހްތިޖާޖްތައް ވެސް ހިމެނެ އެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެ މަނިކުފާނަށް އެރުވި ފަހުން، ވ. އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު ކުޑަތަން ވެފައިވާއިރު، އިދިކޮޅުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ނުދިއުމާއެކު، އެމަނިކުފާނަށް ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ސަރުކާރުން ނުދޭތީ އެވެ.
ރޭ ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖަލަށް ލީ ފަހުން އިދިކޮޅުގެ ލީޑަރުންނާ ބައްދަލުކުރުމުގެ ފުރުސަތު އެމަނިކުފާނަށް ސަރުކާރުން ދިނީ އެންމެ ފަހަރަކު އެވެ. އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް އެދެމުންދިޔަ ނަމަވެސް ސަރުކާރުން އެފަރާތްތަކަށް ރައީސް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމު މެދުވެރިކޮށް އެމަނިކުފާނާއި ޕާޓީގެ ލީޑާޝިޕާ މައުލޫމާތު ބަދަލުކޮށް، އެމަނިކުފާނުގެ ލަފާފުޅުގެ މަތިން ކަންކަމުގައި މަސައްކައްކަތް ކުރައްވަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެގޮތުން މާ ލަސްތަކެއް ނުވެ، ރަށްރަށަށް ކެމްޕެއިން ދަތުރުތައް ވެސް ފަށާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ލިއުމާއި ގުޅޭ