ދިގު ރާސްތާގެ ކްރޫޒް މިސައިލްތައް ޔޫކްރެއިންއަށް ފޯރުކޮށްދޭން ފެށި ފުރަތަމަ ގައުމަށް އިނގިރޭސިވިލާތް ވެއްޖެ އެވެ.
ދުރު ރާސްތާގެ މިސައިލް ހޯދުމަށް ޔޫކްރެއިންއިން އެތައް މަހެއް ވަންދެން އެދެމުން އައި ނަމަވެސް އިނގިރޭސިވިލާތާއި އެމެރިކާ ފަދަ އެހެން ބައިވެރިންވެސް އެޤައުމަށް ދީފައިވަނީ ކުރު ރާސްތާގެ ހަތިޔާރުގެ ބާވަތްތައް އެކަންޏެވެ.
އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ބެން ވޮލެސް ޕާލަމެންޓުގައި ވިދާޅުވީ، އިނގިރޭސިވިލާތުން ސްޓޯމް ޝެޑޯ މިސައިލްތައް ޔޫކްރޭނަށް ސަޕްލައި ކުރަމުން ދަނީ އެ މިސައިލްތައް އެގައުމުގެ ސަރަހައްދުގެ ތެރޭގައި ބޭނުން ކުރެވޭނެ ގޮތަށް ކަމަށާއި އޭގެ މާނައަކީ އެ މިސައިލްތައް ރަޝިއާގެ ތެރެއަށް އަމާޒު ނުކުރާނެ ކަމުގެ ޔަގީންކަން ޔޫކްރެއިންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
އަދި އެ މިސައިލްތައް މިހާރު ދަނީ ޔޫކްރެއިންނަށް ފޯރުކޮށްދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރެމްލިން އިން މީގެ ކުރިން ބުނެފައި ވަނީ އިނގިރޭސިވިލާތުން މި މިސައިލްތައް ފޯރުކޮށްދީފިނަމަ އެކަމަށް "އަޅުގަނޑުމެންގެ އަސްކަރިއްޔާގެ އެކަށީގެންވާ ޖަވާބެއް" ބޭނުންވާނެ ކަމަށެވެ.
މިފަހަކަށް އައިސް ރަޝިޔާއިން ވަނީ ޔޫކްރެއިންއާ ދެކޮޅަށް ދުރު ރާސްތާގެ މިސައިލް ހަމަލާތަކެއް ދީފައެވެ. އަދި މިފަދަ ހަމަލާތައް ދީފައިވަނީ ކިއެވްގެ ހަނގުރާމަކުރުމުގެ ޤާބިލުކަން ގެއްލުވާލުމަށް ކަމަށާއި، އެއީ އާންމުންނަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ނޫން ކަމަށް ވެސް ރަޝިއާއިން ބުނެފައިވެއެވެ.
ޔޫކްރެއިންގެ ސިފައިން ވަރުގަދަ ހަމަލާއަކަށް ތައްޔާރުވަމުން ދާކަމަށާއި، ހަނގުރާމަ ފެށުނު ފަހުން ނުދޭވަރު ވަރުގަދަ ހަމަލާތަކެއް ކައުންޓާއޮފެންސިވް އެއްގެ ގޮތުގައި ނެރޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރަޝިއާއިން މި ހަނގުރާމައިގައި ބަރު ހަތިޔާރާއި، ދުރުރާސްތާގެ ވަރުގަދަ ހަމަލާތައް ކެނޑިނޭޅި ދޭތާ 15 މަސް ވެފައިވާއިރުވެސް، މާބޮޑު ކާމިޔާބެއް ލިބެމުން ނުދާކަމަށް ދުނިޔޭގެ މީޑިއާތަކުން ބުނެއެވެ.
ޔޫރަޕްގެ މިސައިލް އުފައްދާ ކުންފުނި އެމްބީޑީއޭ އިން އުފައްދާ ސްޓޯމް ޝެޑޯސް އަކީ ވައިގެ މަގުން އުދުއްސާލާ ދުރު ރާސްތާގެ މިސައިލްތަކެކެވެ.
ލަންޑަންގެ ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓިޓިއުޓްގެ ސީ ޕަވާގެ ރިސާޗް ފެލޯ ސިދާތު ކޯޝަލް ވިދާޅުވީ ސްޓޯމް ޝެޑޯސް ސަޕްލައި ކުރަން އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ ޔޫކްރެއިންގެ ސިފައިންނަށް ދެ ގޮތަކުން މުހިންމު ނިންމުމެއް ކަމަށެވެ.
ކޯޝަލް ވިދާޅުވީ ރަޝިއާގެ އެމިއުނިޝަން ޑިޕޯތައް އަނެއްކާވެސް ރޭންޖަށް ލާނީ ރަޝިއާ ސިފައިން މިދިޔަ އަހަރު އެމެރިކާއިން ސަޕްލައިކުރި ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާރސް) ގާތްގަނޑަކަށް 70 ކިލޯމީޓަރު (45 މޭލު) ގެ ރޭންޖުން ބޭރުކޮށްގެން އެ ޑިޕޯތައް ތައާރަފްކުރުމާ ގުޅިގެން ކަމަށެވެ.
ދެވަނަ ކަމަކީ ކްރައިމިއާގެ ބަނދަރު ކަމަށްވާ ސެވަސްޓޮޕޯލްގައި ރަޝިއާގެ އުޅަނދުތަކަށް އަމާޒުކޮށް ސްޓޯމް ޝެޑޯސް ބޭނުން ކުރެވިދާނެ ކަމަށާއި އެއީ ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދިނުމުގައި ރަޝިއާގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވަމުންދާތީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާއަށްފަހު އިނގިރޭސިވިލާތަކީ މިދިޔަ އަހަރު ޔޫކްރެއިންއަށް ދެވަނައަށް އެންމެ ގިނަ އިން އަސްކަރީ އެހީ ފޯރުކޮށްދިން ގައުމެވެ.
މިއީ އެމެރިކާއިން ފޯރުކޮށްދިން މިންވަރަށް ވުރެ ދަށް އަދަދެއް ނަމަވެސް އިނގިރޭސިވިލާތަކީ ޔޫކްރެއިންއަށް އެންމެ ފުރަތަމަ ޒަމާނީ ހަތިޔާރު ފޯރުކޮށްދިން ގައުމެވެ.