ރިޔާސީ އިންތިހާބަށް ހަތަރު މަހަށް ވެފައި ވަނިކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭ ގޮތަށް ޕްލޭންކޮށްފައި އޮތް ހުޅުމާލޭގެ މާސްޓާ ޕްލޭން ބަދަލުކުރުމުން ހާމަވަނީ މި ސަރުކާރަށް ތާއީދު ނެތްކަން ކަމަށް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަން ދިނުމަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގެ ބޭރުން އޮތް ފަޅު އެކީގައި ހިއްކައި، 75 ހެކްޓަރުގެ ބިމެއް ހިއްކަން ސަރުކާރުން ނިންމާފައިވާކަން ވަނީ ހާމަވެފަ އެވެ. އެ ސަރައްދަކީ ކުރީ ސަރުކާރުން އެކުލަވާލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ކުރިން ދުނިޔޭގެ ފެންވަރުގެ ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ހާއްސަކޮށްފައިވާ ފަޅެކެވެ.
އެކަމާ ގުޅިގެން އަމްރު ނެރުއްވި ނޫސްބަޔާނެއްގައި ބުނީ މާސްޓާޕްލޭނަކީ ދުރު ރާސްތާގެ ތަރައްގީ ކުރިއަށްގެންދާނެ ގޮތް ބައްޓަންކޮށް ފަރުމާކުރުމުގެ މަގްސަދުގައި، ތަރައްގީއާ ގުޅޭ އެކި ދާއިރާތަކުގެ ސިފަތަކާއި ބޭނުންތަކަށް ވިސްނުމަށްފަހު އެންމެ ފައިދާހުރި ނަފާވާ ގޮތްތައް ފާހަގަކޮށްގެން ކުލަވާލެވޭ ރޭވުމެއް އަދި މަގުޗާޓެއް ކަމަށެވެ.
މިއަދު ކުއްލިއަކަށް ސަރުކާރުން ހުޅުމާލެއަށް ހަދާފައިވާ ދިގު ރާސްތާ ޕްލޭންގައިވާ ކްރޫސްލައިން ޓާމިނަލް ހަދަން އޮތް ސަރަހައްދު ހިއްކާ ގޯތި ދޭން ނިންމާފައިވާކަން ފާހަގަކޮށް އަމްރު ވިދާޅުވީ ރައްޔިތުންނަށް ގެދޮރު ހޯދައިދޭއިރު، އެތަނުގައި އުޅޭ މީހުންނަށް އާމްދަނީ ލިބޭނެ މަގު ބަންދުކުރުމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން އޮންނަ ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަަމަށެވެ.
އޭނާ ފާހަގަކުރި ގޮތުގައި ކްރޫޒް ޝިޕަކުން ރާއްޖެއަށް އެތައް ހާސް ފަތުރުވެރިން އައި ނަމަވެސް މާލެއަށް އަދި ހުޅުމާލެއަށް ކްރޫޒް ޝިޕްތައް ކައިރި ނުކުރެވޭތީ އެ ބޯޓުތަކުން މާލެއަށް ފައިބަނީ ވަރަށް މަދު ބަޔެކެވެ.
"ހުޅުމާލެއަށް ކްރޫޒު ޝިޕް ބަނދަރުކުރެވޭނެ ޓާމިނަލެއް އޮވެއްޖެނަމަ ރާއްޖެއަށް އަންނަ ކްރޫޒް ޝިޕްތައް އިތުރުވެ، އޭގެން އަންނަ އެތައް ހާސް ފަތުރުވެރިންނެއް ހުޅުމާލެއަށް ފައިބާނެ އެވެ. އެ ފަތުރުވެރިންނަށް އެކި ކަހަލަ ހިދުމަތްތައް ދިނުމަށްޜަކައި އެކި ކަހަލަ ވިޔަފާރިތައް އުފެދިގެންދާނެ އެވެ. އެކަމުގެ ސަބަބުން ވަޒީފާތައް އުފެދި އާމްދަނީ އިތުރުވެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވެގެންދާނެ އެވެ،" އަމްރު ވިދާޅުވި އެވެ.
"ހުޅުމާލެ ދިގުރާސްތާ ޕްލޭންގައި އެ ސަރަހައްދުގައި އެކަން ކުރަން ރާވާފައިވަނީ އެ ހުރިހާ ކަންކަމަށް ކަމާބެލޭ މާހިރުން ވަރަށް ފުޅާކޮށް ވިސްނާފަ އެވެ. ނަމަވެސް ފަސް އަހަރުވާއިރު ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވުމުން އިންތިހާބަށް ހަތަރު މަހަށް ވުމުން މުޅި ހުޅުމާލޭ ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ހޯދުމަށް ޕްލޭންކޮށްފައި އޮތް ފުރުސަތު ގެއްލުވާލަން ނިންމުމަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދު އެއްވެސް ވަރަކަށް ނެތްކަން ސާފުވާ ކަމެކެވެ."
ހުޅުމާލެ މާސްޓާ ޕްލޭންގެ ކުރެހުމެއް: ޕްލޭންގައި ކްރޫޒް ޓާމިނަލް އޮންނަ ސަރަހައްދު--- އެތަން މިހާރު ވަނީ ހިއްކަން ނިންމާފަ
ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތަށް ކުރިން އެ ސަރަހައްދުގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާ ހެދުމަށް ކުރީ ސަރުކާރުން އެ ފަޅުގައި ދެތިން ރަށްވެސް ހިއްކާފައިވެ އެވެ. ރާއްޖޭގައި ކުރޫޒު ޓާމިނަލެއް އަދި އެކަށީގެންވާ މިންވަރުގެ ޔޮޓު މެރީނާއެއް ނެތުމުން އެކަމަށް ހާއްސަކޮށް އެ ފަޅު ތަރައްގީކުރަން އެއިރު ނިންމި އެވެ. އަދި އެކަމަށް މި ސަރުކާރުންވެސް މަސައްކަތްކުރި އެވެ. އެކަމަކު އެ ސަރަހައްދު ހިއްކައި، ބޯހިޔާވަހިކަމަށް ގޯތި ބަހަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.