ކޮސޯވޯއަކީ އަކީ މިނިވަން ޤައުމެއްގެ ގޮތުގައި މިހާރު ދިވެހިރާއްޖެއިން ނުބަލާކަމަށް ސާބިއާގެ ރައީސް އެލެކްސެންޑަރ ވުޖިކް ވިދާޅުވެއްޖެއެވެ.
ސާބިއާގެ ރައީސް ވިދާޅުވިގޮތުގައި ކުރިން ކޮސޯވޯއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގެންފައިވާ 9 ޤައުމަކުން މިހާރު ކޮސޯވޯއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމާފައިވާކަމަށެވެ.
"ސޮމާލިއާ، ބުރުކިނާ ފާސޯ، ގެބޮން، އެސްވަޓިނީ، ލީބިޔާ، އެންޓިގުއާ އެންޑް ބަރްބުޑާ، ސެއިންޓް ލޫސިއާ އަދި ދިވެހިރާއްޖެ ވަނީ ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމަށް ކުރިން ނިންމި ނިންމުން އަނބުރާ ގެނެސްފަ" ސާބިއާގެ ރައީސް ޤައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކައިގައި ވިދާޅުވިއެވެ.
ކޮސޯވޯއަކީ މީގެކުރިން ސާބިއާގެ ޕްރޮވިންސެކެވެ. އެ ސަރަހައްދުގައި ގިނައިން ދިރިއުޅެނީ މުސްލިމުންނެވެ. 1990 ގެ އަހަރުތަކުގެ ތެރޭގައި ސާބިއާއިން ވަނީ ކޮސޯވޯއާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ. މިގޮތުން ނަސްލު ނައްތައިލުމުގެ އަމަލުތައް ހިންގުމާއި، އިންސާނިއްޔަތާއި ހިލާފު ގިނަ ކަންކަން ކޮށްފައިވެއެވެ. ބޮސްނިއާގައި ހިނގި ފަދަ ގަތުލު އާންމެއް ހިނގާފާނެ ކަމުގެ ބިރަށް ނޭޓޯއިން ވަނީ ސާބިއާއަށް ބޮން އަޅާފައެވެ. 78 ދުވަސްވަންދެން ބޮން އެޅުން ނޭޓޯއިން ކުރިއަށް ގެންދިޔައެވެ. އޭގެ ސަބަބުން ސާބިއާގެ ސިފައިން ވަނީ ކޮސޯވޯއިން ފައިބާފައެވެ.
ކޮސޯވޯގެ މިނިވަންކަން އިއުލާންކޮށްފައިވަނީ 2007 ވަނަ އަހަރުގައެވެ. ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތީ 2008 ވަނަ އަހަރުގައެވެ. ރާއްޖެ އަކީ ކޮސޯވޯގެ މިނިވަންކަން ބަލައިގަތް 55 ވަނަ ޤައުމެވެ. މިހާރު 100 އަށްވުރެ ގިނަ ޤައުމުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެއެވެ. އޭގެ ތެރޭގައި އެމެރިކާ އަދި އީޔޫގެ ޤައުމުތައް ހިމެނެއެވެ. އެހެން ނަމަވެސް ސާބިއާއިން ދެކެނީ އަދިވެސް ކޮސޯވޯއަކީ އެ ޤައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.
ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިނުގަތުމަށް މިހާރު ނިންމާފައިވާކަމަށް ސާބިއާގެ ރައީސް ވިދާޅުވެފައިވާއިރު މިކަން ދިވެހި ސަރުކާރުން އިއުލާންކޮށްފައިނުވެއެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިދިޔަ މާޗު މަސްތެރޭ ޤަތަރުގެ ވެރިރަށް ދޯހާގައި އޮތް ކޮންފަރެންސް އޮން ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް ގެ ހަވާސާގައި ސާބިއާގެ ރައީސް އާއި ބައްދަލުކުރައްވާފައެވެ. އަދި ރައީސް އިބްރާހީމް އޮތީ ސާބިއާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވަން ހަމަޖެހިފައެވެ. ނަމަވެސް ފަހުން އެ ދަތުރުފުޅު ނުކުރައްވައެވެ. އަދި އޭގެ ސަބަބެއްވެސް ހާމަނުކުރެއެވެ.
އެފަހުން މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ ސާބިއާއަށް ވަޑައިގެން ސާބިއާގެ ރައީސްއާއި ބައްދަލުކުރައްވާފައެވެ. އަދި އޭގެ ކުރިން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަޤާމު ފުރުއްވަމުން ގެންދެވިއިރު ނިއުޔޯކުންވެސް ސާބިއާގެ ރައީސް އާއި ބައްދަލުކުރެއްވިއެވެ.
ކޮސޯވޯގެ މިނިވަންކަން ބަލައިނުގަންނަން ރާއްޖެއިން ނިންމި ކަމަށް ސާބިއާގެ ރައީސް ވިދާޅުވި ވިދާޅުވުމާއި ގުޅޭގޮތުން "ދިޔަރެސް" އިން ޝާހިދުއާއި ސުވާލުކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.