ހުޅުމާލޭގެ މާސްޓަރ ޕްލޭން ބަދަލު ކުރުމަކީ އޭގެ ނޭދެވޭ އަސަރުތައް ތާއަބަދަށް ފޯރާނެ ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިރޭ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ މާލޭގެ ބަނދަރުން ޖާގަ ނުލިބިގެން ރައްޔިތުން އުފުލަންޖެހޭ ތަކުލީފުރައް މިހާރުވެސް އިންތިހާއަށް ބޮޑު ކަމަށެވެ.
އަލީ ހުސައިން މިހެން ވިދާޅވެފައި މިވަނީ ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ކްރޫޒް ޓާމިނަލަށް ހާއްސަކޮށްފައި އޮތް ބައި ހިއްކަން އުޅޭ ކަން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް އެ ޕްލޭން ބަދަލުކޮށް އެ ސަރަހައްދު ހިއްކަނީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ސަރުކާރުން ވެފައިވާ ވައުދު ފުއްދަން ބޭނުންވާ ބިން އުފެއްދުމަށެވެ.
އެ ސަރަހައްދު ހިއްކާ އިރު ފޭސް އެކަކާއި ދޭއް ގުޅޭ ސަރަހައްދުގައި މިހާރު އޮތް ޗެނަލް ހުރަސްކޮށް ހިއްކަން ޖެހޭތީ އާބަންކޯއިން ނިންމާފައި އޮތީ އެ ޗެނަލް ގޮސް ފޭސް އެކެއްގެ ފަޅުތެރެއާ ގުޅޭ ގޮތަށް އަނބުރާލައި، މެރީ ބްރައުން ހުރި ސަރަހައްދާއި އަލަށް ހިއްކާ ބަޔާ ދެމެދު ހުސްތަނެއް ބާއްވާށެވެ. އޭރުން ޗެނަލްގެ އެ ސަރަހައްދު އޮންނާނީ ރަށުދިގަށެވެ.