Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަން ނިންމައިފި

މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަން ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ނިންމައިފި އެވެ.

މިހާރު އުމުރުން 34 އަހަރުގެ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަން ނިންމީ އެ ކްލަބުގައި 18 އަހަރު ހޭދަަކުރުމަށް ފަހު އެވެ. ބުސްކެޓްސް ޔޫތު ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާއާ ގުޅުނީ 2005 ވަނަ އަހަރު އެވެ. އޭގެ ތިން އަހަރު ފަހުން ބާސެލޯނާގެ ސީނިއާ ޓީމަށް ކުޅެން ފަށައި ބުސްކެޓްސް ވަނީ މިދިޔަ އަހަރުތަކުގައި އޭނާގެ މަގާމް ދަމަހައްޓާފަ އެވެ. ބުސްކެޓްސް އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންސިވް މިޑްފީލްޑަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ބުސްކެޓްސް ވަނީ ބާސެލޯނާގެ ޖާޒީގައި 718 މެޗު ކުޅެފަ އެވެ. އެޓީމާ އެކު ހުރިހާ ކާމިޔާބީއެއް ބުސްކެޓްސް ހޯދި އެވެ. އޭގެތެރޭގައި ތިން ޗެމްޕިއަންސް ލީގާއި އަށް ފަހަރު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް، ސްޕެނިޝް ސުޕަ ކަޕް އަދި ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ވެސް ބުސްކެޓްސް ބާސެލޯނާއާ އެކު ހޯދި އެވެ.

"ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ. ފުރަތަމަ ދުވަހުން ފަށައިގެން އަހަރެން ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި އެހީތެރިވެދިން ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރަން" ބުސްކެޓްސް ބުންޏެވެ.

ބުސްކެޓްސް ވަނީ ބާސެލޯނާ އަށް 18 ލަނޑު ޖަހައިދީ 40 ގޯލު ޖަހަން އެހީވެފަ އެވެ. ބާސެލޯނާގެ ސީނިއާ ޓީމުން ބުސްކެޓްސް އަށް 2008 ވަނަ އަހަރު ޖާގަ ލިބުނީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގަ އެވެ. އެދުވަސްވަރު މޮޅު ކުޅުމެއް ދައްކައި ސްޕެއިން ގައުމީ ޓީމުން ވެސް ބުސްކެޓްސް ޖާގަ ހޯދި އެވެ. ސްޕެއިންގެ ތާރީހު ދުށް އެންމެ މޮޅު ޓީމުން 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ބުސްކެޓްސް މޮޅު ކުޅުމެއް ދެއްކި އެވެ. ބުސްކެޓްސް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ ވޯލްޑް ކަޕަށް ފަހު ޑިސެމްބަރު މަހު އެވެ.

ބާސެލޯނާ ދޫކޮށްލުމަށް ފަހު ބުސްކެޓްސް ދެން ފެންނާނެ ކްލަބެއް އަދި ނޭނގެ އެވެ. އެކަމަކު މިހާރު ވެސް ބުސްކެޓްސް ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އޭނާ ގެންދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް ބެލެވެ އެވެ.

މި ލިއުމާއި ގުޅޭ