Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢާންމުންގެ އެކުވެރި ގުޅުން

"މާސްޓާ ޕްލޭން ބަދަލުކޮށްފިނަމަ ކުލީގެ އަޅުވެތިކަމާއެކު ހުޅުމާލެ ވާނީ ދެވަނަ މާލެއަށް"

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭން ބަދަލުކޮށްފި ނަމަ ޒަމާނީ ސިޓީއެއްގެ ބަދަލުގައި އެތަން ވާނީ މާލެ ފަދަ ތޮއްޖެހިފައިވާ ތަނަކަށް ކަމަށް ބުނެ، ސަރުކާރުގެ ނިންމުން ބަދަލުކުރަން އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ގޮވައިލައިފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގެ ބޭރުން އޮތް ފަޅު އެކީގައި ހިއްކައި، 75 ހެކްޓަރުގެ ބިމެއް ހިއްކަން ސަރުކާރުން ނިންމާފައިވާކަން ވަނީ ހާމަވެފަ އެވެ. އެ ސަރައްދަކީ ކުރީ ސަރުކާރުން އެކުލަވާލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ކުރިން ދުނިޔޭގެ ފެންވަރުގެ ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ހާއްސަކޮށްފައިވާ ފަޅެކެވެ.

އެކަން ކުރުމަށް ކުރީ ސަރުކާރުން އެ ފަޅުގައި ދެތިން ރަށްވެސް ހިއްކާފައިވެ އެވެ. ރާއްޖޭގައި ކުރޫޒު ޓާމިނަލެއް އަދި އެކަށީގެންވާ މިންވަރުގެ ޔޮޓު މެރީނާއެއް ނެތުމުން އެކަމަށް ހާއްސަކޮށް އެ ފަޅު ތަރައްގީކުރަން އެއިރު ނިންމި އެވެ. އަދި އެކަމަށް މި ސަރުކާރުންވެސް މަސައްކަތްކުރި އެވެ.
އެކަމަކު އެ ޕްލޭން މި ސަރުކާރުން ކުއްލިއަކަށް ބަދަލުކުރުމާ ގުޅިގެން އާންމުންގެ ޖަމިއްޔާއިން މިއަދު ބުނީ ސަރުކާރުން އެ ސަރަހައްދު ހިއްކަން ނިންމީ ބޯހިޔާވަހިކަމުގެ އެއްވެސް ވައުދެ ނުފުއްދި ދައުރު ނިމެން ކައިރިވުމުން ހުޅުމާލޭން ގޯތި ބެހުމުގެ ބޭނުމުގައި ކަމަށެވެ.

އާންމު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ އެ ޖަމިއްޔާއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭން ހެދިފައިވަނީ ހުރިހާ ފަންތީގެ ބޯހިޔާވަހިކަމުގެ އިތުރުން އާންމު އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ބައިތައް ވެސް ހިމެނޭގޮތަށް ޒަމާނީ ސިޓީއެއްގެ ސިފަ ގެނުވައި އެގޮތުގައި އެތަން ދެމެހެއްޓޭނެ ގޮތަށް ކަމަށެވެ.

ދެވަނަ ފިޔަވަހީގެ އެ ފަޅަކީ މިހާރުވެސް އޮޑިދޯންޔާއި ސަފާރީތަކުން ބޭނުން ކުރަމުންދާ ބާރު ބޮޑު ފަޅެއްކަން އާންމުންގެ ޖަމިއްޔާއިން ފާހަގަކުރި އެވެ. އަދި ހަމަ އެހެންމެ އެއީ މުޅި ފޭސް އެކެއް ހިއްކަން ވެލި ނެގިތަން ކަމަށް ވުމުން އާންމުކޮށް ހިއްކާ ތަންތަނަށްވުރެ އެތަން ތިން ގުނަ ފުންވާނެ ކަމަށާއި، ހިއްކަން އާންމު އަގަށްވުރެ ތިންގުނަ ބޮޑު ހަރަދު ދާނެކަން ވެސް ފާހަގަކުރި އެވެ.
"އެއަގުގައި އެތަން ހިއްކާ ސަރުކާރުން ބޭނުންވާ ވަކިބަޔަކަ ހިލޭ ބެހުމަކީ އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ހަރަދު އެކަމަކަށް ދާއިރު، އޭގެ ސަބަބުން ދެވަނަ ފިޔަވަހީގައި އާބަދުވެ، ވަމުން އަންނަ މީހުންގެ މުސްތަގުބަލަށް ތާއަބަދަށް ނުހަނު ގެއްލުން ވާނެ،" އާންމުންގެ ޖަމިއްޔާއިން ބުންޏެވެ.
ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭން އެއްކޮށް ވީދާލާ ވަގުތީ ސިޔާސީ އަދި އަމިއްލަ މަސްލަހަތު ތަކެއް ހައްލު ކުރަން މިކުރާ ކަމުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެނެވެން އޮތް ތަރައްގީ މަޑުޖެހި، ޒަމާނީ ސިޓީއެއްގެ ސިފަ ނުޖެހި އެތަން ބަދަލުވެގެން ދާނީ ހަމަ ދެވަނަ މާލެ އަކަށެވެ."
އޭގެ ގެއްލުން ކުރިން މާލޭގައި ދިރިއުޅުނު ހާލަތު ބަދަލުކޮށް، އާ އުންމީދަކާއި އެއްކޮށް ތޮއްޖެހުން ކުޑަ، ޒަމާނީ ސިޓީއެއް އަނބިދަރިންނަށް ހޯދައިދޭން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލުވި އާންމު އެތައް ހާސް މީހުންނަށް ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އަދި "މާލޭގެ ކޮންކްރީޓު ޖަންގަލީން ދިވެހިން މިންޖުކޮށް ޒަމާނީ ސިޓީއެއް ހެދުމުގެ ނިޔަތުގައި ވަށާޖެހޭ މާސްޓާރ ޕްލޭނަކާއެކު ކުރީ ސަރުކާރުން ހިއްކައި ތަރައްގީ ކުރަން ފެށި ފޭސް-2 މިސަރުކާރުން ބޭނުންވާ ވަކިބަޔަކަށް ގޯތިބަހައި، ދެވަނަ މާލެއަކާއި ކުލީގެ އަޅުވެތިކަން ފޭސް-2 އަށްވެސް ތާރަފް ކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލުމަށް،" އެ ޖަމިއްޔާއިން ގޮވައިލި އެވެ.
މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ބޭނުން ވާނަމަ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ގޯތިބެހުން ހުއްޓާލައި، ގޯތި ބަހަން ހާއްސަ ފަޅެއް ކަނޑައަޅައި، އެތަން ހިއްކައި، މީހުން އަަބާދުކޮށް އެތަނެއް ތަރައްގީ ކުރުން މާ ރަނގަޅުވާނެ ކަމަށް އާންމުންގެ ޖަމިއްޔާއިން ބުންޏެވެ.
އެކަމަކު ހުޅުމާލެ ފަދަ ތަނަކުން އެގޮތަށް އަނެއްކާވެސް ބިން ހިއްކައި ގޯތި ބެހުމުން އާންމުންގެ ޖަމިއްޔާއިން ބުނި ގޮތުގައި ހެޔޮ ބަދަލެއް ނާންނާނެ އެވެ. އެކަން އެ ކުރެވެނީ އަނެއްކާވެސް އިތުރު ސްލަމް ސިޓީއެއް، އިތުރު މާލެއެއް އުފައްދައި މާލޭގައި އޮތް ކުލީގެ އަޅުވެތިކަމުގެ ވިޔަފާރި ދަމަހައްޓައި ފުޅާ ކުރުމަށް ކަމަށް އާންމުންގެ ޖަމިއްޔާއިން ބުންޏެވެ.
"ރައީސްގެ އަދި ސަރުކާރުގެ އެތައް އިސްވެރިންތަކެއްގެ އާއިލީ ވިޔަފާރިއަކީ ކުލީގެ އަޅުވެތިކަމުން ނަފާ ހޯދާ ބަޔަކަށް ވީކަމުގައިވިޔަސް ވެސް، މި އިއާދަނުކުރެވޭނެ، ތާއަބަދަށް ގެއްލުންވާނެ އަމަލު ހުއްޓާލުމަށް އަޅުގަނޑުމެން އަދިވެސް އެއްފަހަރު އަޅުގަނޑުމެން ސަރުކާރަށް މިގޮވާލަނީ ސަރުކާރުން އިސްކުރަން ޖެހެނީ ރައްޔިތުންގެ މަސްލަހަތުކަން ހަނދާން ކޮށްދެމުން،" އާންމުންގެ ޖަމިއްޔާއިން ބުންޏެވެ.
މި ލިއުމާއި ގުޅޭ