Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ

ޔޮޓް މެރީނާއާއި ކުރޫޒު ޓާމިނަލް ހަދަން އޮތް ފަޅުހިއްކައިދިނުމުން ބައެއް ބިން އިންޑިއާ ކުންފުންޏަކަށް ދެނީ

ހުޅުމާލޭގެ ފޭސް އެކާއި ފޭސް 2 ގުޅޭ ސަރަހައްދުގެ ބޭރުން އޮތް ފަޅު އެކީގައި ހިއްކައި 75 ހެކްޓަރުގެ ބިމެއް ހިއްކަން ސަރުކާރުން ނިންމައިފިއެވެ.

"ދިޔަރެސް"އަށް ނަން ނުޖެހުން ޝަރުތުކޮށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަޝްވަރާތައް ފެށި އެ މަސައްކަތްކުރަން ހަވާލުކުރާ ކުންފުންޏާއެކު އެއްބަސްވުން އެކުލަވައިލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް 2 ބޭރުން ހިއްކާ މި ސަރަހައްދަކީ ކުރިން ޔޮޓް މެރީނާއަކާއި ކުރޫޒް ޓާމިނަލެއް ތަރައްޤީކުރުމަށް ޚާއްޞަކޮށްފައިވާ ފަޅެކެވެ. އެކަން ކުރުމަށް ކުރީ ސަރުކާރުން އެ ފަޅުގައި 2، 3 ރަށްވެސް ހިއްކާފައިވެއެވެ. ރާއްޖޭގައި ކުރޫޒު ޓާމިނަލެއް އަދި އެކަށީގެންވާ މިންވަރުގެ ޔޮޓު މެރީނާއެއް ނެތުމުން އެކަމަށް ޚާއްޞަކޮށް މި ފަޅު ތަރައްޤީކުރަން އެއިރު ނިންމިއެވެ. އަދި އެކަމަށް މި ސަރުކާރުންވެސް މަސައްކަތްކުރިއެވެ.

ނަމަވެސް ރިޔާސީ އިންތިޚާބު ކައިރިވެފައިވުމާއެކު މާލޭ މީހުންނަށް އެ ސަރަހައްދުން ގެދޮރު ބެހުމަށް ސަރުކާރުން ނިންމައި ހުޅުމާލޭގެ ޔޮޓް މެރީނާ އަދި ކުރޫޒު ޓާމިނަލުގެ ވިސްނުން ދޫކޮށް އެ ފަޅު އެކީ ހިއްކަން ނިންމީއެވެ. އެ ފަޅުގައި ހިއްކަނީ ޖުމްލަ 75 ހެކްޓަރުގެ ބިމެއްކަމަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

މި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރާ ކުންފުންޏަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ގުޅިފަޅުގެ މަސައްކަތްކުރި އިންޑިއާ ކުންފުންޏެވެ. އެ ކުންފުންޏާ މިހާރުވެސް ތިލަފުށިން ބައެއް ހިއްކަންވަނީ ހަވާލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުންޏަކީ ރާއްޖޭގައި ހިންގި މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް އެއްވެސް ތަނެއްގައި ކޮށްފައިވާ ކުންފުންޏެއް ނޫނެވެ.

ބިން ހިއްކުމުގެ ބަދަލުގައި އެ ކުންފުންޏަށް މި ހިއްކާ 75 ހެކްޓަރުގެ ބިމުގެ ތެރެއިން ކޮމާޝަލް ބިމުގެ ގޮތުގައި ކަނޑައަޅާ ފަސް ހެކްޓަރާއި، އޮފީސް އިމާރާތްތަކަށް ޚާއްޞަ 2 ހެކްޓަރުގެ ބިން ދިނުމަށް ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ.

މި 75 ހެކްޓަރުގެ ތެރެއިން ބިން ބެހުމަށް 16 ހެކްޓަރގެ ބިން ޚާއްޞަކޮށްފައިވެއެވެ. އަދި ޕާކިސް ކަންކަމަށް 5 ހެކްޓަރު ބިމާއި، މަގުތަކަށް 22 ހެކްޓަރުގެ ބިން ޚާއްޞަކޮށްފައިވާކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫޢު ނިމޭއިރު ހިއްކާ ސަރަހައްދާއި މިހާރު ހުޅުމާލޭގައި މީހުން ދިރިއުޅޭ ދެ ފޭސްގެ ދެމެދުގައި އޮންނާނީ ހަނި ކަނޑުއޮޅިއެއްހައި ތަނެވެ. އެހެންކަމުން ހުޅުމާލެއަށް ރިސޯޓުތަކާއި އަތޮޅު ތެރެއިން އަންނަ އުޅަނދު އެޅުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށް ލަފާކުރެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭ މީހުންނަށް އިންތިޚާބާ ދިމާކޮށް ހިއްކަން ނިންމާފައިވާ މި ސަރަހައްދު ހިއްކުމުން ހުޅުމާލޭގައި އާބާދުވަމުން އަންނަ ބޮޑު އާބާދީއަށް އުޅަނދުފަހަރު އެޅުމުގައި ދަތިތައް ދިމާވާނެކަމަށް އެޗްޑީސީގެ އިސްވެރިޔަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ވަރަށް ރަނގަޅަށް ކުރިން ޕްލޭނުކޮށްފައި އޮތް ހުޅުމާލެއަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫޢެކެވެ.

މި ލިއުމާއި ގުޅޭ