Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ޗުއްޓީއަށް ރަށަށް ގޮސް އަހްމަދު ދަސްކުރީ ލަކުނޑި ލިޔުން

މާލޭގެ އޮފީހެއްގައި ވަޒީފާގައި އުޅުމަށްފަހު ޗުއްޓީއަށް ރަށަށް ގޮސް އިތުރު މަސައްކަތެއް ކުރާކަށް ގިނަ މީހުން ބޭނުމެއް ނުވާނެ އެވެ. ރަށަށް ދަނީވެސް ޗުއްޓީގައި މަޖާކޮށްލައި، އަރާމުކޮށްލާށެވެ. ޗުއްޓީގައި އިތުރު މަސައްކަތެއްގެ ވާހަކަ ބުންޏަސް ގިނަ މީހުން ބޯ ހާސްވެ އެވެ. އިތުރު މަސައްކަތެއް ކުރަން ޖެހިއްޖިއްޔާ މުޅި ޗުއްޓީ ހަރާބުވީ އެވެ.

އެކަމަކު މަސައްކަތުން ޗުއްޓީ ނަގައިގެން ގޮސް، ހދ. ކުޅުދުއްފުށްޓަށް އުފަން އަހްމަދު އަލީ ދަސްކުރީ އިތުރު، ތަފާތު މަސައްކަތެކެވެ. ލަކުޑި ބޭނުންކޮށްގެން އެކި ވައްތަރުގެ ތައްޓާއި، ވާސް އާއި، ފުޅީގެ އުނގުރިއާއި، މޭޒާއި، ސިޑިބަރީގެ ތޭރިއަށް ދަންދެން އޭނާ މިހާރު އެއްވެސް އުނދަގޫ ކަމެއް ނެތި ރީތިކޮށް ހަދާލަ އެވެ.

ވުޑް ޓާނިންނާއި ވުޑް ކްރާފްޓިން

ކުޅުދުއްފުއްޓަކީ އޭނާގެ އުފަން ރަށް ނަމަވެސް މާލޭގައި ޕްރައިވެޓް އޮފީހެއްގައި ވަޒީފާ އަދާކުރަމުން އައި އަހްމަދު ޗުއްޓީއަށް ގޮސް އުޅުނީ ބ. ކެންދޫއަށެވެ. އެރަށަށް ދާން ފެށުނީ އޭނާ ބުނި ގޮތުގައި ސްކޫލު ދައުރުގައި ދިމާވި ރަށްޓެއްސެއްގެ ފަރާތުންނެވެ.

ރަހުމަތްތެރިޔާއާ ބައްދަލުކުރަން ދިޔަ ދިއުމުގެ ތެރޭގައި ކެންދޫގައި ހުންނަ ހަމައެކަނި ވަޑާންގެ، "މުރާދު ކާޕެންޓްރީން" އޭނާ ދަސްކުރީ ލަކުޑިން އެކި ޒާތްޒާތުގެ ތަކެތި ހަދާށެވެ. ވުޑް ޓާނިންނާއި ވުޑް ކްރާފްޓިން ނުވަތަ ލަކުނޑި ލިޔުމުގެ މަސައްކަތަށް ޝައުގުވެރިކަން އުފެދުނީ އެހާ ހިސާބުން ކަމަށް އަހްމަދު ބުންޏެވެ.

"ޗުއްޓީއަށް ވަރަށް ގިނައިން ދަން ކެންދޫއަށް. އެކޮޅުގައި އިންނަ ހަމައެކަނި ކާޕެންޓްރީ އެއީ މުރާދު ކާޕެންޓްރީ، ދެން އެ ފެމިލީގެ ބޯހިޔާވަހިކަމުގެ ދަށުގައި މި އުޅުނީ. އެތަނުގައި މެޝިނު ހުންނާތީ ދެން މިހެން ޗުއްޓީއަށް ގޮސްލާ އުޅުމުގެ ތެރޭގައި އެއްޗިހި ހަދައިލާ އުޅެނީ. އެގޮތަށް އަސްލު ވުޑް ކްރާފްޓިންނަށް ޝައުގުވެރިވީ. ވަރަށް ކުރާ ހިތްވާ ކަމެއް އެއީ،" އަހްމަދު ބުންޏެވެ.

"މަސައްކަތް ދަސްކުރީ ޔޫޓިއުބުންނާއި ސޯޝަލް މީޑިއާއިން ފެންނަ ވީޑިއޯތަކާއި އެއްޗިހި ބަލައިގެން. ކާޕެންޓްރީގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބުނު. އެމީހުން ވަރަށް ބޮޑަށް ގައިޑެންސް ދިން. ޗުއްޓީގައި ކާޕެންޓްރީއަށް ގޮސްގެން ޔޫޓިއުބް އިން ބަލައިގެން ހަމަ ދަސްކުރީ."

ކޮވިޑުގެ އެންމެ ވަރުގަދަ ރާޅާ ދިމާވި އިރު އަހްމަދު ވެސް އުޅުނީ މާލޭގައި ޕްރައިވެޓް އޮފީހެއްގަ އެވެ. އެކަމަކު ޗުއްޓީއަށް ކެންދޫއަށް ކުރި ދަތުރުތަކުގައި ވުޑް ކްރާފްޓިން ދަސްކޮށް، އޭނާ މިހާރު ފުލް ޓައިމްކޮށް ކުރަނީ އެ މަސައްކަތެވެ.

"މީ ހަމަ އަތުން ހޭންޑް ކްރާފްޓެޑް އެއްޗިހި. ވުޑް ޓާނިން. ފުލް ޓައިމް މަސައްކަތެއް ގޮތަށް މިހާރު މި މަސައްކަތް މި ކުރަނީ ކެންދޫގައި،" އޭނާގެ މަސައްކަތްތައް ދައްކާލަމުން އަހްމަދު ބުންޏެވެ.
"ވުޑް ކްރާފްޓިން ފުލް ޓައިމަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު. މިކޮޅުން [މާލެއިން] ހަމަ ކުރިއެރުމެއް ލިބެން ނެތީމަ ދެން އެކޮޅުން [ދޯނި މޯލްޑިވްސް އިން] އޮފާކުރީ އެކޮޅަށް ދާން."
އެ މަސައްކަތް ދަސްކޮށް އޭނާ އެންމެ ފުރަތަމަ ކުރި އެންމެ ބޮޑު މަސައްކަތަކީ ކެންދޫގެ "ދޯނި މޯލްޑިވްސް" ގެސްޓްހައުސްގެ ސިޑިތަކާއި އޭގެ ތޭރި ހެދުމެވެ. އެ މަސައްކަތް ފެނި އެހެން މީހުންގެ ފަރާތުން ވެސް މިހާރު އޯޑަރުތައް ލިބެން ފަށާފައިވާ ކަމަށް އަހްމަދު ބުންޏެވެ.

ރަނގަޅު ދާއިރާއެއް، ބުރަ މަސައްކަތެއް

ކުޑައިރުއްސުރެ ވެސް ކުރެހުމާއި އާޓް ފަދަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކަމަށް އަހްމަދު ބުންޏެވެ. އެކަމަކު ވުޑް ކްރާފްޓަށް ޝައުގުވެރިވެ އެ މަސައްކަތް ފެށުނީ ޗުއްޓީ ދަތުރުންނެވެ. އޭގެ އިތުރުން ގްރެފިކް ޑިޒައިނިން އާއި، ލޯގޯ ޑިޒައިނިން އަދި ކެލިގްރަފީގެ މަސައްކަތް ވެސް އަހްމަދު ކުރެ އެވެ.

އޭނާ ބުނި އާމްދަނީ ހޯދަންކުރާ މަސައްކަތަކަށް ލަކުނޑި ލިޔުމުގެ މަސައްކަތްކުރާ މީހަކަށް ކެންދޫގައި މިވަގުތު ހުރީ އޭނާ އެކަންޏެވެ. އެއީ ބުރަ އަދި ފިޒިކަލީ ޑިމާންޑިން މަސައްކަތެއް ކަމަށާއި، އެންމެ އައިޓަމެއް ތައްޔާރު ކުރުމަށްވެސް ވަރަށް ގިނަ ވަގުތު ބޭނުންވާ ކަމަށް އަހްމަދު ބުންޏެވެ.

"ފަރުމާ ފެސްޓިވަލް އަށް ތިން ހަފްތާއިން މުޅި ދުވަހު މަސައްކަތް ކޮށްގެން 30 ވަރަކަށް އައިޓަމް ހެދިން. ބުރަ ކަމަކީ ބޮޑެތި ލަކުޑިގަނޑު ގަނޑު ކީހައި މަށައިގެން މެޝިނަށް ލެވޭވަރު ކުރުން. އެހެންވީމަ ވަރަށް ފިޒިކަލީ ޑިމާންޑިން މަސައްކަތެއް،" ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް އާޓް ފެސްޓިވަލް ކަމަށްވާ "ފަރުމާ އިންޓަނޭޝަނަލް އާޓް ފެސްޓިވަލް" ގައި އޭނާ ދައްކާލި ބައެއް އައިޓަމްތަކާ ގުޅޭގޮތުން އަހްމަދު ބުންޏެވެ.
"ފުދޭވަރަކަށް ޓައިމް ވެސް ބޭނުންވޭ. އެކައްޗެއް އެތައް ފަހަރަކު ކުރަހައި ހަދައިގެން އެއްޗެއް މި ހެދެނީ ވެސް. ރަނގަޅު ދާއިރާއެއް މިއީ، އެކަމަކު ވަރަށް ބުރަ މަސައްކަތެއް. މިކަމަކީ ހަމައެކަނި މެޝިނަށް ލައި އެއްޗެއް ލިޔުމުގެ ބަދަލުގައި ތެދުވި ވަޑާމުގެ ވަރަށް ބޮޑު ބައެއްވެސް އަދާކުރޭ، އެއީ ބޮޑެތި މެޝިނަރީ ބޭނުންކޮށްގެން މި ހިސާބަށް [ފައިނަލް ޕްރޮޑަކްޓް] މި ގެންނަނީ،"
ދެން އެންމެ އުނދަގޫ އެއް ކަމަކީ އޭނާ ބުނި ގޮތުގައި ތަކެތި ހެދުމަށް ބޭނުންވާ ރަނގަޅު ލަކުޑި ހޯދުމެވެ. އައިޓަމް ތައްޔާރު ކުރާއިރު ރީތި ވަނީ ބޭނުންކުރާ ލަކުޑީގައި ހުންނަ އާރުގެ ސަބަބުން ކަމަށާއި، އެކަހަލަ އާރު ހުންނަނީ ހިރުނދާއި، ކާނި ފަދަ ގަސްގަހުގައި ކަމަށް އޭނާ ބުންޏެވެ.
"ލަކުޑި ހިތި، އުނި، ހިރުނދު ހޯދަން ވަރަށް އުނދަގޫ. މިހާރު ހުރި ކާނި ސްޓޮކް އެއީ ރަށުގެ ބިން ހިއްކަން ކަނޑާލި ގަސްތައް ނީލަމަށް ލީމަ އެތަނުން ގަނެފަ،" އަހްމަދު ބުންޏެވެ.
ބުރަ މަސައްކަތެއް ނަމަވެސް އެ މަސައްކަތަކީ ސްޓޭބަލް ކޮންޓްރެކްޓަކާއެކު ރަނގަޅު އާމްދަނީއެއް ލިބޭނެ ދާއިރާއެއް ކަމަށް އަހްމަދު ބުންޏެވެ. ބޮޑަށް ވުޑް ކްރާފްޓް އެއްޗިއްސަށް ޑިމާންޑު އޮންނަނީ ފަތުރުވެރިންގެ ފަރާތުން ނަމަވެސް، ގޭތެރެ ޒީނަތްތެރިކޮށްލަން ބަހައްޓަން ދިވެހިންގެ ފަރާތުންވެސް އެތަކެއްޗަށް ޑިމާންޑު އޮންނަ ކަމަށް އޭނާ ބުންޏެވެ.
"ފަރުމާ ފެސްޓިވަލްގެ ތެރެއިން ފާހަގަވެއްޖެ ދިވެހިންވެސް ހަމަ މިކަހަލަ އެއްޗިއްސަށް ޝައުގު ހުންނަކަން. ހަދާފަ ހުރި ބައިވަރު އެއްޗިހި ހަމަ ހީނުކުރި ގޮތަކަށް ވިކިގެން ދިޔަ ހަގީގަތުގައި. ހުރިހާ ތަށިތަކާ. ޑިމާންޑު އެބަ އޮތް، ކަސްޓަމްކޮށް އޯޑަރުކޮށްފަ ވެސް އެބަހުރި،" އަހްމަދު ބުންޏެވެ.
އޭނާ މިހާރު ބޭނުންވަނީ ރިސޯޓް ކޮންޓްރެކްޓެއްގައި ނުވަތަ ސްވެނިޔާ ޝޮޕަކާ އެކު ކޮންޓްރެކްޓަށް ވުޑް ކްރާފްޓިންގެ މަސައްކަތް ކުރާށެވެ. އަދި މުސްތަގުބަލުގައި އެ މަސައްކަތް އިތުރު ބަޔަކަށް ދަސްކޮށްދޭން ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތް ކުރާނެ ކަމަށް އަހްމަދު ބުންޏެވެ.
"ވަރަށް ބޭނުންވޭ މި މަސައްކަތް ދަސްކޮށްދޭން އިތުރު ބަޔަކަށް އެއީ ވަރަށް އަސްލު ހިތްހަމަ ޖެހޭ މަސައްކަތެއް މިއީ. ގިނައިން މިކަހަލަ ވުޑް ކްރާފްޓް އެއްޗިހި މި ގެންނަނީ ބޭރު ގައުމުތަކުން ވަރަށް އަގު ހެޔޮކޮށް، އިންޑޮނޭޝިއާއިން، ތައިލެންޑް ތަންތަނުން ގެނެސްފަ މޭޑް އިން މޯލްޑިވްސް ޖަހާފަ މި ވިއްކާލަނީ ގިނަ ފަހަރަށް. އެކަމަކު ރާއްޖޭގައި ވެސް ހަމަ މި މަސައްކަތް ކުރެވޭނެ ގާބިލްކަން ހުރި މީހުން ފަންނުވެރިން އެބަ އުޅޭ،" އަހްމަދު ބުންޏެވެ.

ސްކޫލު ނިންމާލުމަށް ފަހު ލަންކާއިން އިންޓީރިއާ ޑިޒައިންވެސް އަހްމަދު ކިޔެވި އެވެ. އެކަމަކު އެ ދާއިރާއިން ކުރިއަށް ނުގޮސް، އޭނާގެ ޝައުގުވެރިކަން ހުއްޓުނީ ޗުއްޓީއަށް ގޮސް މި ދަސްކުރި މަސައްކަތަށެވެ. ދެން އޭނާ ކުރިއަށްދާނީ ވުޑް ކްރާފްޓިންގެ މަސައްކަތުންނެވެ.

އަޙްމަދު ހުރީ އޭނާގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދޭން ތައްޔާރަށެވެ. އޭނާގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް 9901914 ނަންބަރުން އޭނާއަށް ގުޅައިލެވޭނެ އެވެ.

މި ލިއުމާއި ގުޅޭ