Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ރިޒާވް

ރިޒާވް ބޮޑުތަނުން ދަށަށް: ބާކީ ހުރީ ދެ މަހުގެ އިމްޕޯޓަށް ވާ ވަރަށް!

ދިވެހި ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި ބޭނުން ކުރެވޭ ފައިސާގެ އަދަދު 151 މިލިއަން ޑޮލަރަށް ވެއްޓިއްޖެއެވެ. އެއީ ގާތްގަނޑަކަށް ދެމަހުގެ އިމްޕޯޓަށް ބޭނުން ކުރެވޭނެހާ ފައިސާއެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނު އިރު ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 756 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 151 މިލިއަން ޑޮލަރެވެ. ބޭނުން ކުރެވޭ ރިޒާވް އެންމެފަހުން މިހާބޮޑަށް ދަށަށް ގޮސްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޮކްޓޯބަރު ނިމުނު އިރު ރިޒާވްގައި ބޭނުން ކުރެވޭގޮތަށް ހުރީ 105 މިލިއަން ޑޮލަރެވެ. އެހެންވެ ސަރުކާރުން ވަނީ ނޮވެމްބަރު މަސްތެރޭ އިންޑިއާގެ މަރުކަޒީ ބޭންކުން ލޯނެއް ނަގާފައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ސްޓޭޓް ބޭންކަށް ބޮންޑެއް ވިއްކައިގެން ވެސް ފައިސާ ހޯދިއެވެ.

އެހެންވެ ނޮވެމްބަރު މަސް ނިމުނުއިރު ރިޒާވް ވަނީ 219 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ރާޢްޖޭގެ ފަތުރުވެރިކަމުގެ ޕީކް މަސް ކަމަށްވާ ޑިސެމްބަރު މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވްގައި 267 މިލިއަން ޑޮލަރު ހުއްޓެވެ. އެހެން ނަމަވެސް ދެން އެއަށްފަހު ކޮންމެ މަހަކުވެސް ރިޒާވްގެ މިންވަރު ދިޔައީ ދަށަށެވެ.

މިއަހަރުގެ ފުރަތަމަ 4 މަހުގެ ބޭނުން ކުރެވޭ ރިޒާވް

  • ޖެނުއަރީ: 253 މިލިއަން ޑޮލަރު
  • ފެބްރުއަރީ: 235 މިލިއަން ޑޮލަރު
  • މާޗު: 200 މިލިއަން ޑޮލަރު
  • އޭޕްރިލް: 151 މިލިއަން ޑޮލަރު

މި އަހަރުގެ ފުރަތަމަ 4 މަހަށް ބަލާއިރު ރިޒާވްގެ މިންވަރު އެންމެ ބޮޑަށް މަދުވެފައިވަނީ އޭޕްރިލް މަހުގައެވެ. މިގޮތުން އެންމެ މަހެއް ތެރޭ 49 މިލިއަން ޑޮލަރު ވަނީ މަދުވެފައެވެ.

ދައުލަތުގެ ރިޒާވް ބިރުވެރި މިންވަރަކަށް ދަށަށް ދިޔަނަމަވެސް ސަރުކާރުން ބުނާ ގޮތުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ރަނގަޅެވެ. އަދި ސަރުކާރުން ދަނީ އެކިއެކި ކަންކަމަށް ބޮޑެތި ހަރަދުތައް ކުރަމުންނެވެ. އެ ކަންކަމަށް ފައިސާ ހަމަޖައްސަނީ ފައިސާ ޗާޕުކޮށްގެންނެވެ. ސަރުކާރުން ހުއްޓުމެއްނެތި ފައިސާ ޗާޕުކުރަމުންދާތީ، ފައިސާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ ރިޒާވުގައި ހުންނަ ޑޮލަރު ބޭނުން ކުރަންޖެހެއެވެ. ރިޒާވް ދަށަށް ދަށްދާ ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނެއެވެ.

ރާއްޖޭގައި މިހާރު ޑޮލަރު އޭގެ ރަސްމީ ރޭޓުގައި ހޯދުމަކީ ވަރަށް އުނދަގޫކަމެކެވެ. އާންމުގޮތެއްގައި މިހާރު ޑޮލަރު ލިބެނީ 17 ރުފިޔާއަށްވުރެ މަތިންނެވެ.

މި ލިއުމާއި ގުޅޭ