އުތުރުތިލަފަޅުގައި އިންޑިއާއިން ޤާއިމްކުރާ އަސްކަރީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިދިނީ ފާއިތުވި ހަފްތާގައި ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާގެ ހަރުކަށި ހިންދޫ ފިކުރުގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގް އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއެވެ.
އުތުރުތިލަފަޅުގައި ބަނދަރެއްގެ ނަމުގައި ތަރައްޤީކުރާ އަސްކަރީ މަރުކަޒު ތަރައްޤީ ކުރަނީ އެތަން ބެލެހެއްޓުމުގެ ނަމުގައި 30 އަހަރަށް އިންޑިއާސިފައިންނަށް އެތާ ތިބެވޭނެ ގޮތަށެވެ. އެތަނުގެ އަމަލީ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމްއެވެ.
އުތުރުތިލަފަޅު އަސްކަރީ މަރުކަޒު އެއްބަސްވުމުގެ ދަށުން އެތަން ބަލަހައްޓަނީ އިންޑިއާ ސިފައިން އަދި ދިވެހި ސިފައިން އެކުލެވޭ ކޮމިޓީއަކުންނެވެ. އެހެން ކަމުން އެތަނުގައި ދިވެހި ސިފައިންނަށް ފުރިހަމަ ކޮންޓްރޯލް ނޯންނާނެއެވެ. އެއްބަސްވުމާއި ގުޅޭ ބައެއް މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ޑިފެންސް މިނިސްޓްރީއަށް އަމުރުކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް މިނިސްޓްރީން އެ މައުލޫމާތުތައް ހާމަނުކުރެއެވެ.
އެއްބަސްވުމުގެ ޑްރާފްޓު ކޮޕީއެއް އާންމުވެފައިވާއިރު އޭގައި ބުނާގޮތުން އިންޑިއާ ސިފައިން ހަތިޔާރާއެކު އެތަނުގައި ހަރަކާތްތެރިވާނެއެވެ. އަދި އެތަނުގައި ޤާއިމްކުރާ ޑޮކްޔާޑުގެ ހިދުމަތް ބޭނުން ކުރެވޭނީ އިންޑިއާއިން ހުއްދަދޭ އުޅަނދުތަކަށް އެކަންޏެވެ.