Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ޒިފްލާގެ މި ތަފާތު ކުރެހުންތައް ބޭނުންވަނީ މުޅި ދުނިޔެއަށް ދައްކާލަން

ގއ. ކަނޑޫދޫއަށް އުފަން، ޒިފްލާ އިބްރާހީމް ކެންވަސްގައި ކުރަހަމުން އެދަނީ އޭނާގެ އުދާސްތައް އެއްކޮށް އެ ކެންވަސްއަށް ބަންޑުންކޮށްލަމުންނެވެ. ގިނަ ބަޔަކަށް އަދި އަލަށް އަޑު އިވުނަސް، "އާޓްސް ބައި ޒިފޫ" އަކީ އޭނާގެ ރަށްޓެހިންނާއި ދަންނަ މީހުންނަށް އާ ނަމަކަށް ނުވާނެ އެވެ. ސްކޫލު ދައުރުއްސުރެ އެކި ކުރެހުންތައް ރަށްޓެހިންނަށާއި، ގާތް މީހުންނަށް ޒިފްނާ ކުރަހައިދީ އުޅެ އެވެ.

"ސްކޫލު ދައުރަށްފަހު އަސްލު ދެން ގާތްގަނޑަކަށް 2012 ގައި ކުރަހަން ފެށީ ރަށްޓެހިން ބުނެގެން ހޮބީއެއް ގޮތަށް ފެށުނީ އޭރު. އެކަމަކު ވަރަށް ބޮޑު ގެޕެއް ނަގާފަ މިހާރު އަނެއްކާވެސް ކުރަހަން ފަށާފަ، ހުންނާނެ މީހުން ބުނެގެން ހަމަ ބޮޑެތި ކުރެހުންތައް ކުރަހައިދީފަ،" ޒިފްލާ ބުންޏެވެ.

ޒިފްލާ ބުނި ގޮތުގައި އޭނާ ކުރަހާ 'ޓެކްސްޗާ އެބްސްޓްރެކްޓް ޕެއިންޓިންސް' ނުވަތަ ކުރެހުންތަކަކީ ރާއްޖޭގެ ގިނަ ކުރެހުންތެރިންގެ ކުރެހުންތަކާ ވަރަށް ތަފާތު ވައްތަރެއްގެ ކުރެހުމެކެވެ. މީހުންނަށް އޭނާގެ ކުރެހުންތައް ދައްކާލަން، "ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023" ގައި ބަހައްޓާފައި އެބަހުއްޓެވެ.

"ޕޯޓްރެއިޓްވެސް، ފައިން އާޓްވެސް ނުކުރަހަން. ޓެކްސްޗާ އެބްސްޓްރެކްޓް ޕެއިންޓިން އެއްޗިއްސަށް ބޮޑަށް ލޯބިކުރަނީ. އެ އެއްޗިހިން އަސްލު މީހާގެ އެމޯޝަން ތަކާއި އެއްޗިހި ބޭރުކޮށްލެވޭ. އެހެންވެ ވަރަށް އުފާވޭ ކުރެހުމެއްގެ ސިފައިގައި މީހުންނަށް ދައްކާލެވޭތީ،" ޒިފްލާ ބުންޏެވެ.

"އަޅުގަނޑުގެ ކުރެހުންތަކަށް ބަލައިލީމަ މީހުންނަށް އަސްލު ސިފަވޭ އަޅުގަނޑުގެ ހިތަށް އަރާ އެއްޗެއް، އެގޮތަށް އެކްޕްރެސް ކުރެވޭ. މިސާލަކަށް އަޅުގަނޑު ކުރަހާލާފަ އިނދެފާނެ ފަރެއް، ދެން މީހުންނަށް އެ ކުރެހުން ނަގައިގަނެވުނީމަ ވަރަށް ގަޔާވޭ."

ކުރެހުމަކީ ހޮބީއެއް ގޮތަށް ހުސް ވަގުތުގައި ކުރަންފެށި މަސައްކަތެއް ނަމަވެސް ޒިފްލާ މިހާރު އަގަށްވެސް ކުރަހައިދެ އެވެ. އެ ކުރެހުންތައް 750ރ. އިން ފެށިގެން އަގު އަރައިގެންދެ އެވެ. އޭނާ ބުނި ގޮތުގައި އަގު ބިނާވަނީ ކުރެހުމަށް ހޭދަވާ ވަގުތާއި މެޓީރިއަލް އަށް ބަލާފަ އެވެ.

"އަދި ވިޔަފާރިއެއް ގޮތަކަށް އެކަމު އަސްލު ނުއެއް ކުރަހަން. މީހަކު ދެން ބުނެފިއްޔާ ކުރަހާލަދެނީ. އެކަމަކު ކުރިއަށް އޮތް ތަނުގައި ވިޔަފާރިއެއްގެ ގޮތުގައި ކުރަހަން ފެށުމަކީ އުންމީދެއް،" މިހާރު މާލޭގައި ވަޒީފާއަށް ދަމުން ކުރެހުމަށް ވަގުތު ހުސްކުރާ ޒިފްލާ ބުންޏެވެ.

ޒިފްނާގެ އެ މަސައްކަތަށް އޭނާގެ ހަމައެކަނި ދަރިފުޅާއި މުޅި އާއިލާވެސް ވަރަށް ސަޕޯޓިވް އެވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމާއި ހިތްވަރު ލިބެނީ އެހެންވެ ކަމަށް ޒިފްލާ ބުންޏެވެ.

"މިއީ ވަރަށް ތަފަތު ކުރެހުންތަކެއް ވީމަ ވަރަށް ބޮޑު ރިސްކެއް މި ނެގީ މީތި މީހުންގެ ތެރެއަށް ގެންނަން. ވަރަށް ޖެހިލުންވި އަސްލު އެހެންވެ ކުރެހުން މިގޮތަށް މީހުންނަށް ދައްކާލަން. އުންމީދު ކުރަނީ ޕަބްލިކުން ބަލަިއގަންނާނެ ކަމަށް." ޒިފްލާ ބުންޏެވެ.

މިއަހަރުގެ ތެރޭ ކުރިއަށް އޮތް ތަނުގައި ސޯލޯ އެގްޒިބިޝަނަކުން އޭނާގެ ކުރެހުންތައް މުޅި ރާއްޖެއަށް ދައްކާލުމުގެ މަސައްކަތް ޒިފްލާ އަންނަނީ ކުރަމުންނެވެ.

"ޕްލޭންކުރަން ކުރިއަށް އޮތް ޑިސެމްބަރު މަހު ސޯލޯ އެގްޒިބިޝަން އެއް ބާއްވަން. ހަމަ ޑްރީމެއް އެއީ ސޯލޯ އެގްޒިބިޝަނެއް ބޭއްވުމަކީ. މިހާރު ކުރިއަށް އޮތް ޑިސެމްބަރުގައި އާޓް ގެލެރީގައި އެގްޒިބިޝަނެއް ބާއްވަން ކުރެހުންތައް ތައްޔާރު ކުރަމުން މި އަންނަނީ،" ޒިފްލާ ބުންޏެވެ.

މިހާރު އުމުރުން 38 އަހަރުގެ ޒިފްލާ ބޭނުންވަނީ ދިވެހިންގެ އިތުރުން، ބޭރު ދުނިޔެއަށްވެސް އޭނާގެ މި ތަފާތު އަދި ރީތި ކުރެހުންތައް ދައްކާލާށެވެ.

"ބޭނުންވަނީ އިތުރު އޮޕަޗޫނިޓީސް ނުވަތަ ފުރުސަތު ރާއްޖެއިން ބޭރުން ލިބުން. ރާއްޖެއިން ބޭރުގެ އިވެންޓެއްގައި އަޅުގަނޑުގެ ކުރެހުން ޑިސްޕްލޭވެގެން ދިއުން އުންމީދަކީ،" ޒިފްލާ ބުންޏެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ ޒިފްލާ ބުނި ގޮތުގައި ގިނަ ފަހަރު ރާއްޖެއިން ބޭނުންވާ ކޮލިޓީ މެޓީރިއަލް ނުލިބުމާއި އެ ތަކެތީގެ އަގު ބޮޑުވުމެވެ. ކުރަހަން ބޭނުންވާ މެޓީރިއަލް އަށް ބޮޑު ހަރަދެއް ދާކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އާޓިސްޓުންނަށް އަސްލު ބޭނުންވާ ވަރަށް އޮޕަޗޫނިޓީސް ނުލިބޭ. މިބުނީ މިސާލަކަށް ނުހުރޭ އާޓް ސްކޫލެއް ކަހަލަ އެއްޗެއް. ދެން އަމިއްލަ ފަރާތްތަކުން، އަމިއްލަ އާޓިސްޓުން މި ދަސްކޮށްދީ ހަދަނީ،" ދާއިރާގައި ހުރި އިތުރު ގޮންޖެހުންތައް ހިއްސާކުރަމުން ޒިފްލާ ބުންޏެވެ.

ހިރާސްތައް ހުރި ނަމަވެސް، މުސްތަގުބަލުގައި ވޯކްޝޮޕްތައް ބާއްވައި، ކުރަހަން ބޭނުންވާ ހުރިހާ އުމުރެއްގެ ފަރާތްތަކަށް ކުރަހަން ދަސްކޮށްދިނުމަކީ ވެސް ޒިފްލާ ކުރާނެ ކަމެކެވެ. ހީލިން ޕްރޮސެސްއެއްގެ ގޮތުން، ހުސްވަތުގައި ކުރަހަމުން އައި ޒިފްލާގެ ހުވަފެންތައް ބޮޑެވެ. އެކަމަކު އެ ހުވަފެންތަކުގައި އޭނާގެ ފިހިން ކުލަ ޖައްސާނެ އެވެ.

މި ލިއުމާއި ގުޅޭ