ޗާގޯސް މައްސަލައިގައި ރާއްޖެއަށް ގެއްލުނީ މާ ކުރިންސުރެ ވެސް ގާނޫނުތަކާ އެއްގޮތަށް މަސައްކަތް ކޮށްގެން ރާއްޖެއިން ހޯދާފައި އޮތް ބައެއް ކަމަށް, ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ފޯޅަވަހި ނުވަތަ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައި އޮތް މައްސަލައިގައި އިޓްލޮސް އިން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ނިންމީ ފުށުއަރާ ކަމަށް މޮރިޝަސްއިން ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ބެހުމަށެވެ.
އެގޮތަށް ބަހާލައި، އިޓްލޮސް އިން ނިންމީ ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މީގެ ކުރިން މަސްވެރިކަން ކުރާ ކަނޑުގެ ބޮޑު ބައެއް އެވަނީ ގެއްލިފަ އެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ވަނީ ލިބިފަ އެވެ.
'ވީޓީވީ' ގެ ޕްރޮގުރާމެއްގައި ރޭ އެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެ ސަރަހައްދަކީ މީގެ ކުރިން އިން ކަނޑައެޅިފައި ނެތް، ފުށުއަރާ ސަރަހައްދެއް ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އަލީ ހުސައިން ވަނީ އެކަން ދޮގުކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖެއިން ކަނޑުގެ ގާނޫނުތަކުގެ ދަށުން، ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހު، މަޖިލީހުން ގާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގުކޮށް ގެޒެޓްކޮށްގެން ހޯދާފައި އޮތް ސަރަހައްދެކެވެ.
އެ ސަރަހައްދު މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ އެ ގައުމުން ވަކާލާތު ކުރުމުން ރާއްޖެއަށް ބޮޑުބައި ލިބެން އޮއްވައި ސަރުކާރުން އެގޮތަށް އަމަލު ނުކުރި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އަލީ ހުސައިން ވިދާޅުވީ އެއީ ރާއްޖެއަށް "ލިބެން އޮތް ބައެއް ނޫން، ލިބިފަ އޮތް ބައެއް،" ކަމަށެވެ.
"އެއީ ބައިނަލްއަގުވާމީ ކޮންވެންޝަނާ އެއްގޮތަށް އަޅުގަނޑުމެންގެ ސަރަހައްދު ކަނޑައަޅާ ނިމިފަ އޮތް ކަމެއް. އައްޑޫއިން ފެށިގެން 200 ނޯޓިކަލް މޭލަކީ އަޅުގަނޑުމެންނަށް ލިބިފަ އޮތް، އަޅުގަނޑުމެންގެ ތަނެއް އެއީ. އެހެންވީމަ ލިބެން އޮތް ތަނެކޭ ބުނީމަ ރަނގަޅެއް ނޫން، އެއީ އަޅުގަނޑުމެންގެ ތަނެއް، އަޅުގަނޑުމެން ހޯދާފަ އޮތް ތަނެއް،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ލިބިފަ އޮތް ތަނެއްގެ މިލްކުވެރިކަން ހޯދަން އެހެން ގައުމަކުން ވަކާލާތު ކުރުމުން، އެތަން ރާއްޖޭގެ ތަނެއްގެ ގޮތުގައި ބާއްވަން ދިވެހި ސަރުކާރުން މަސައްކަތް ނުކޮށް، ކަނޑައެޅިގެން ގަސްތުގައި ދޫކޮށްލީ އެވެ.
ރާއްޖޭގެ ފަރާތުން ދައްކަންޖެހޭ ވާހަކަތައް ހަގީގަތުގައި ރާއްޖޭގެ ބަންޑާރަ ނައިބާއި ރާއްޖޭގެ ފަރާތުން ވަކާލާތުކުރި އެއްވެސް ފަރާތަކުން ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.