Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ހާޝިމީ މަރާލި ކަމުގެ ކުށްސާބިތުވި އިރާޤުގެ ފުލުހަކަށް މަރުގެ ޙުކުމް އިއްވައިފި

އިރާގު ސަރުކާރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ހިޝާމް އަލް ހާޝިމީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވި ކުރީގެ ފުލުހަކަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފިއެވެ.
ހަރުކަށި ފިކުރުގެ ތަޖުރިބާކާރެއް އަދި ސަރުކާރުގެ ސެކިއުރިޓީ އެޑްވައިޒަރެއް ކަމަށްވާ ހާޝިމީ މަރާލި ކަމުގެ ކުށް ސާބިތުވެ އަހުމަދު ހަމްދާވީ އުއީދު ނަމަކަށް ކިޔާ މީހާގެ މައްޗަށް އިއްވި ހުކުމަކީ ބަޣުދާދުގެ ކްރިމިނަލް ކޯޓަކުން އިއްވި ހުކުމެއް ކަމަށްވާއިރު، އެ ހުކުމް އިސްތިއުނާފު ކުރެވޭނެ ކަމަށް އިރާގުގެ ޝަރުއީ ދާއިރާއިން ބުންޏެވެ.
ޖިހާދީ ޖަމާއަތްތަކުގެ މަޝްހޫރު އިލްމުވެރިއެއް އަދި ތަޖުރިބާކާރެއް ކަމަށްވާ ހާޝިމީ މަރާލާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހު ބަޣުދާދުގައި ހުންނަ އޭނާދިރިއުޅޭ ގޭގެ ބޭރުގައި ހުންނަވަނިކޮށް ސައިކަލުތަކެއްގައި އައި ހަތިޔާރު އެޅި ބަޔަކު ބަޑި ޖަހައިގެންނެވެ.
އޭގެ އަހަރެއްހާ ދުވަސް ފަހުން ދައުލަތުގެ ޓީވީން ވަނީ އެ މާރާމާރީހިންގުމުގައި އެންމެ އިސްކޮށްހުރި މީހާގެ ވަނަވަރު އިއުލާންކޮށް އޭނާގެ އަމިއްލަ އިއުތިރާފު ޓީވީ މެދުވެރިކޮށް ދުރަށް ދައްކާފައެވެ.
އުމުރުން 36 އަހަރުގެ ޕޮލިސް ލެފްޓިނެންޓެއް، ކަމަށްވާ އުއީދު (ހާޝިމީގެ ޤާތިލް) އެވީޑިއޯގައި ބުނަނީ އޭނާ ހާޝިމީއަށް ފިސްތޯލައަކުން ހަމަލާ ދިންކަމަށެވެ.
ހާޝިމީގެ ޤާތިލަކީ އީރާނަށް ތާއީދުކުރާ ބާރުގަދަ ހިޒްބުالله ޖަމާއަތާ ގުޅުން ހުރި މީހެއް ކަމަށާއި، ހާޝިމީގެ ލިޔުންތަކާއި މީޑިއާ ކޮމެންޓްރީތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ކަމަށް އޭއެފްޕީން އޭރުވަނީ ރިޕޯޓްކޮށްފައެވެ.
އިރާގުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސެކިއުރިޓީ އެކްސްޕާޓް ހިޝާމް އަލް ހާޝިމީ މަރާލި މައްސަލާގައި ކުށްވެރިވާ އަހުމަދު ހަމްދާވީ އުއީދުގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައިވާ ކަމަށެވެ.
ހާޝިމީގެ މަރާ ގުޅިގެން އިރާގުގެ އެކި ކަންކޮޅުތަކުގައި ނުރުހުން ފާޅުކޮށް، ހުޅަނގުގެ ބައެއް ގައުމުތަކުގައިވެސް ހާޝިމީގެ ސަޕޯޓަރުންވަނީ މުޒާހަރާކޮށްފައެވެ.
ހާޝިމީއަށް ތާއީދުކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފެށި މުޒާހަރާތަކުގައި ގާތްގަޑަކަށް 600 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާ ކަމަށް ބައިނަލް އަޤުވާމީ މީޑިއާތަކުން ބުނެއެވެ. އަދި އެ މުޒާހަރާތަކާ ގުޅިގެން އިރާގުގެ އެތައް އެކްޓިވިސްޓުންނަށް އަމާޒުކޮށް މީހުން މެރުމާއި ، ވަގަށް ނެގުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިންގައިފައެވެ.
މި ލިއުމާއި ގުޅޭ