އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑެން ހިމަނައިގެން ޔޫރަޕްގެ މަޝްހޫރު ނިއުސްޗެނަލަކުން ނެގި އާ ޕޯލެއްގައި ރައީސް ޖޯ ބައިޑަންގެ މައްޗަށް ހަތް ޕޮއިންޓުގެ ލީޑެއް ޓްރަމްޕް ހޯއްދަވައިފިއެވެ.
ފަހުގެ ޕޯލްތަކުން ބައިޑެންގެ މައްޗަށް ޓްރަމްޕް ކުރިހޯއްދަވަމުން ގެންދަވާއިރު، ބައިޑަންގެ އެޕްރޫވަލް ރޭޓިން ވަނީ އާ ދަރަޖައަކަށް ވެއްޓިފައެވެ. ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކަމަށް ބެލެވޭ ޓްރަމްޕަކީ އޭނާގެ ޕާޓީގެ ނޮމިނޭޝަން ނެގުމަށް މިހާތަނަށް އެންމެ ފޭވަރިޓްކަމުގައި ބައިނަލް އަޤްވާމީ މީޑިއާރިޕޯޓްތަކުން ބުނެއެވެ.
އާދީއްތަ ދުވަހު ޝާއިއުކޮށްފައިވާ ވޮޝިންޓަން ޕޯސްޓް/އޭބީސީ ނިއުސްގެ ސާވޭއިން ދައްކާ ގޮތުގައި ފެބްރުއަރީ މަހު ބައިޑަންގެ އެޕްރޫވަލް ރޭޓް 42 އިންސައްތައިން ދަށްވެ 36 އިންސައްތައަށް ވަނީ ދަށަށް ގޮސްފައެވެ. ބައިޑަންގެ ވެރިކަމުގެ މުޅި ދައުރުގައި ރޭޓިން ދަށްވުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް 36 އިންސައްތަ އަކީ ވޮޝިންޓަން ޕޯސްޓް/އޭބީސީގެ ޕޯލެއްގައި މިހާތަނަށް ލިބުނު އެންމެ ދަށް ނަތީޖާއެވެ.
2024 ވަނަ އަހަރު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ބައިޑަން މިދިޔަ މަހު އިއުލާނު ކުރެއްވިނަމަވެސް، ވޯޓުލާ މީހުންގެ މެދުގައި ހިތްވަރު އުފެއްދުމަށް ނުވަތަ ސަޕޯޓް އިތުރުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބެލެވެއެވެ. 2024 ވަނަ އަހަރު ބައިޑަން ނުވަތަ "ބައިޑަން ނޫން އެހެން ބޭފުޅަކަށް" ޕާޓީން ނަން ހުށަހަޅަންވީތޯ ނުވަތަ ނޫންތޯ ރަޖިސްޓްރީކޮށްފައިވާ ޑިމޮކްރެޓުން ދާދި ހަމަހަމަކޮށް ބައިބައިވެފައިވާއިރު، ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ 77 އިންސައްތަ މީހުން ބޭނުންވަނީ 80 އަހަރުގެ ރައީސް ބައިޑަން ދެވަނަ ދައުރަކަށް ކުރިމަތި ނުލެއްވުމަށެވެ.
ބައިޑަންގެ ރުހުން ކުޑަވުމާއި ބައިޑެންގެ ކެމްޕެއިންޓީމްގައި މާބޮޑު ޖޯޝެއް ފޯރިއެއް ފެނިފައި ނުވާތީ އެކަމުގެ ފައިދާ ނަގަމުން ގެންދަވަނީ ކުރީގެ ރައީސް ޓްރަމްޕްއެވެ. އެގޮތުން 2024 ވަނަ އަހަރު ވޯޓު ދޭނީ ކާކަށްތޯ ސުވާލުކުރުމުން އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން 44 އިންސައްތަ މީހުން ވަނީ ޓްރަމްޕަށް ތާއީދުކޮށް ވޯޓު ދޭނެ ކަމަށް ބުނެފައެވެ. އަދި 18 އިންސައްތަ މީހުން ނަކީ ގޮތެއް ނުނިންމާ މީހުންނެވެ.
މިދިޔަ ނޮވެމްބަރު މަހު ކެމްޕޭން އިއުލާން ކުރެއްވި ޓްރަމްޕަކީ ރިޕަބްލިކަން ޕާޓީގެ ނޮމިނޭޝަން ނެގުމަށް މިހާތަނަށް ފޭވަރިޓެވެ. ސާވޭގައި ބައިވެރިވި ރިޕަބްލިކަން ޕާޓީގެ 51 އިންސައްތަ މެމްބަރުން ވަނީ ޓްރަމްޕް އެ މަގާމަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށް ބުނެފައެވެ. ބާކީ ތިބި ކެނޑިޑޭޓުންގެ ލިސްޓަކީ ކުރީގެ ނައިބު ރައީސް މައިކް ޕެންސް އާއި ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ ހިމެނިވަޑައިގަންނަވާ ލިސްޓެކެވެ.
އެމެރިކާގެ އިގްތިސާދު ބެލެހެއްޓުމުގައި ބައިޑަންއަށް ވުރެ ޓްރަމްޕް ކުރެއްވި މަސައްކަތަކީ މާ ރަނގަޅު މަސައްކަތެއް ކަމަށް 54 ޕަސެންޓް މީހުން ގަބޫލުކުރާ އިރު، 36 ޕަސެންޓް މީހުން ދެކެނީ ބައިޑަންގެ ވެރިކަމުގައި މިހާތަނަށް ރަނގަޅު ނަތީޖާއެއް ނެރެފައިވާ ކަމަށެވެ. މިދިޔަ ޖޫން މަހު އެމެރިކާގެ އިންފްލޭޝަން ރޭޓް 9.1 އިންސައްތައަށް އަރައި، ހަތަރު އަހަރު ތެރޭ އެންމެ މައްޗަށް ދިޔަ ފަހުން އަދި 2022 ވަނަ އަހަރާ ދެމެދުގެ އެއްވެސް ހިސާބަކަށް ވުރެ މި ނިސްބަތް އަދިވެސް މަތިވެފައިވާއިރު، ޕެޓްރޯލް އަދިވެސް ހުރީ ޓްރަމްޕްގެ ވެރިކަމުގައި ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ އަގުބޮޑުކޮށެވެ.
ބައިޑަންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަކީ ވެސް ބަލިކަށި ކަންތައްތަކެކެވެ. ޕޯސްޓް/އޭބީސީ ސާވޭއިން ދައްކާ ގޮތުގައި ބައިޑަންގެ ނަފްސާނީ ތޫނުކަން ރައީސްގެ ހައިސިއްޔަތުން ނެތްކަމަށް 63 އިންސައްތަ މީހުން ދެކޭއިރު، 62 އިންސައްތަ މީހުން ދެކޭ ގޮތުގައި ބައިޑަން ހުންނެވީ ހަރުދަނާ ގޮތެއްގައި ޚިދުމަތް ނުކުރެވޭ ވަރަށް ޖިސްމާނީ ހާލުގައެވެ.
އަނެއްކޮޅުން، 2020 ވަނަ އަހަރުގެ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ކަނޑައެޅުމާއި، ސިއްރު ލިޔުންތައް އޮޅުވާލުމާއި، ކެޕިޓަލް ހިލްގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކަށް ހިތްވަރު ދިނުމުގައި ޓްރަމްޕް އަދާކުރެއްވި ދައުރާ ގުޅިގެން ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލަން ޖެހޭ ކަމަށް މެޖޯރިޓީތަކުން ބުނެއެވެ.