ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަނިޔާވެރިކޮށް އަވަހާރަކޮށްލިކަން ސާބިތުވެފައިވާ ހުސައިން ހުމާމު އަހުމަދުގެ މައްޗަށް ދިވެހިރާއްޖޭގެ ޝަރުއީ ހުރިހާ މަރުހަލާއަކުން ސާބިތުވެފައިވާ ހުކުމް މުރާޖައާކުރަން އޭނާ ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި އަފްރާޝިމު ގެކޮޅަށް ވަދެވަޑައިގެންނެވި ވަގުތުގައި ތޫނު އެއްޗަކުން ހަމަލާދީ އެމަނިކުފާނު އަވަހާރަކޮށްލިކަމުގެ ކުށް ހުމާމުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ސާބިތުވެ އޭނާގެ މައްޗަށް ޤިޞާޞް ހިފުމަށް އޮތީ ހުކުމްކޮށްފައެވެ.
އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުންވެސްވަނީ ދަމަހައްޓައިފައެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތައް އެ ކޯޓަށް ވަރަށް ހަނި ދާއިރާއެއްގެ ތެރެއިން މުރާޖައާކުރެވޭނެ ހާލަތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުންވަނީ އުސޫލެއް ޤާއިމުކޮށްފައެވެ. އެ އުސޫލުގެ ތެރެއިން ބައެއް މައްސަލަތައް ސުޕްރީމް ކޯޓުން މުރާޖައާކޮށްފައިވެއެވެ.
އެ އުސޫލުގެ ދަށުން ހުމާމުގެ މައްޗަށް އިއްވައި މަތީ ކޯޓުތަކުން ދަމަހައްޓާފައިވާ ޤިޞާޞުގެ ހުކުމް މުރާޖައާކުރަން އޭނާގެ ފަރާތުން ހުށަހެޅީ ފާއިތުވި އޭޕުރީލު މަހުގައެވެ. އެ މައްސަލަ ބަލައިގަތުމާމެދު މިހާތަނަށް ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައެވެ.
ޑރ.އަފްރާޝީމުގެ ޤަތުލަށް އިންސާފު ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމު މުޙައްމަދު ޞާލިޙުގެ ރިިޔާސީ ވައުދެކެވެ. މިހާތަނަށް އެ މައްސަލާގައި އައު ކަމެއް ސަރުކާރުގެ ތަހުގީގުތަކުން ހޯދިފައިނުވެއެވެ.
2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުގައި، އެއިރުގެ އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމެއްގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅުވައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުތަކަށް މިހާތަނަށް އޭނާ ޖަވާބުދާރީވެވަޑައިގެންފައިނުވެއެވެ.