Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެކްޓް ޗެކް

ފެކްޓު ޗެކު: ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންނާމެދު މާރިޔާ ދެއްކެވި ވާހަކަފުޅަކީ ތެދެއްތަ؟

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަނބުރާ ރާއްޖެއިން ފޮނުވައިލެވޭ ގޮތަށް ޤަވާއިދެއް ހެދުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާ ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން ދެއްކެވި ވާހަކަފުޅަކީ ހަމަ ހަގީގަތެއް ހެއްޔެވެ؟

ފާއިތުވި އޭޕުރީލު މަހުގެ 5 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މަޖިލީހުގައި މާރިޔާއާ ސުވާލުކުރައްވަމުން ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން އަނބުރާ ފޮނުވައިލެވޭ ގޮތަށް ޤަވާއިދު ބަދަލުކޮށްފައިވުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި އެ ޤަވާއިދު އެގޮތަށް ބަދަލުކުރުމުގައި މިނިސްޓަރުގެ ލަފައާއި އިރުޝާދު ހޯދާފައިވޭތޯ އޭނާ ސުވާލިކުރެއްވިއެވެ.

އެކަމާ ގުޅިގެން މާރިޔާ ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ހިފައިގެން އަންނަ ބިދޭސީންގެ ތެރޭގައި ގިނައީ ޝިފާއެއް ނެތް ބަލިތައް ތަހައްމަލުކުރާ މީހުން ކަމަށެވެ. އޭގެ ތެރޭގައި އެއިޑްސްއާއި ކިޑުނީ ބަލިތަކާއި ކެންސަރު ޖެހިފައިވާ މީހުން ގިނަ ކަމުގައިވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ މި ވާހަކަފުޅާ ގުޅިގެން "ދިޔަރެސް"އިންވާނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ފާއިތުވި 10 އަހަރު ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންގެ އަދަދު ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައެވެ.

އެ ދެ އިދާރާގެ ތެރެއިން ކަރެކްޝަންސްއިން އެދުނު މައުލޫމާތު ހާމަނުކުރެއެވެ. އެހެންކަމުން އެ އިދާރާގެ ބެލުމުގެ ދަށުގައި، މިހާރު ތިބި މަސްތުވާތަކެތީގެ ވަގުފާރުކުރި ބިދޭސީންގެ ސިއްހީ ހާލަތާ ގުޅޭ ހިސާބުތައް ލިބިފައިނުވެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި އެންމެ ފުރަތަމަ މީހުން ހައްޔަރުކުރަނީ އަދި ތަހުގީގުކުރަނީ ފުލުހުންކަމަށްވާއިރު އެ އިދާރާއިންވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.

ފުލުހުން ފޯރުކޮށްދިން މައުލޫމާތަށް ބަލާއިރު 2013 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މަސްތުވާތަކެތި ވަގުފާރުކުރުމުގެ ތުހުމަތުގައި 315 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. އެއިން 63 މީހަކުވަނީ ޑީޕޯޓުކޮށްފައެވެ.

ޑީޕޯޓުކުރި 63 މީހުންގެ ތެރެއިން ބަލި ހާލަތަށް ރިއާޔަތްކޮށް ބަލި ހާލަތު ހުރި ގޮތުން ޑީޕޯޓުކޮށްފައިވަނީ އެންމެ 6 މީހުންނެވެ. އޭގެ ތެރެއިން އެއްވެސް މީހަކީ މާރިޔާ ވިދާޅުވިފަދަ ބައްޔެއް ހުރި މީހުންނެއް ނޫނެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ތެރޭގައި ހިމެނެނީ ސްޓްރޯކެއްޖެހި ހާލުދެރަވެ ފަރުވާދިންނަމަވެސް ރަނގަޅުނުވެ ރާއްޖެއިން ފަރުވާދެވެން އިތުރަށް ނެތިގެން ފޮނުވި މީހަކާއި، ސިކުނޑީގެ އުނިކަންހުރެ އެ ބައްޔާއެކު ހާލަތު ހުރި ގޮތުން ދިފާއު ކަށަވަރުނުކުރެވޭވަރަށް ހާލަތު ބޮޑުވި މީހަކާއި، ފުރާނައަށް ނުރައްކާވާފަދަ ބައެއްޔެއް ހުރެ ފަރުވާދެންނެތް ހާލަތަށް ދިޔަ ދެ މީހަކާއި، އެންޒައިޓީއާއި ޑިޕްރެޝަން ތަހައްމަލުކުރަމުން އައި މީހަކާއި، ސައިނަސްއާއި ބުރަކަށީގެ މައްސަލައިގެ އިތުރަށް އައްސިވުން ކުރިމަތިވެ ހާލަތު ދަށްވި މީހެކެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ތުހުމަތުގައި ފާއިތުވި 10 އަހަރު ހައްޔަރުކުރި މީހުންގެ ނިސްބަތުން ބަލާއިރު ބަލި ހާލަތުގެ ސަބަބުން ޑީޕޯޓުކޮށްފައިވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ %1 މީހުންނެވެ. އަދި ޑީޕޯޓުކުރި މީހުންގެ ތެރެއިން ބަލި ހާލަތާ ގުޅިގެން ޑީޕޯޓުކުރީ އެންމެ %3.78 އެވެ.

އެހެންކަމުން މަސްތުވާތަކެތި ހިފައިގެން ރާއްޖެއަށް އަންނަ ބިދޭސީން ހައްޔަރުނުކޮށް އަނބުރާ ފޮނުވައިލެވޭ އުސޫލެއް އެކުލަވައިލީ އެފަދަ ތަކެތި ހިފައިގެން އަންނަ މީހުންނަކީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށްވާތީކަމަށް މާރިޔާ ވިދާޅުވި ވާހަކަފުޅަކީ މި އަދަދުތަކާ ފުށުއަރާ ހަމަޖެހޭ ވާހަކައެއް ނޫނެވެ.

މި ލިއުމާއި ގުޅޭ