އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 0-1 އިން ބްރެންޓްފޯޑް ބަލިކޮށް ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު ލިވަޕޫލުން ދަމަހައްޓައިފި އެވެ.
ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިވަޕޫލްގެ އިތުރުން މަސައްކަތްކުރަމުން އަންނަނީ ޓޮޓެންހަމް އަދި ބްރައިޓަން އެވެ. މި ޓީމުތަކަށް ވުރެ މަތިން ލީގުގެ ތިން ވަނައިގައި ނިއުކާސަލް ޔުނައިޓެޑް އޮތްއިރު ހަތަރު ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ގަދަ ހަތަރަށް ލިވަޕޫލަށް އެރޭނީ ބާކީ ތިން މެޗުން މޮޅުވެ، އަދި ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުތަކުން ޕޮއިންޓް އުނިވެއްޖެ ނަމަ އެވެ.
މޮޅާ އެކު ލިވަޕޫލަށް މިހާރު ވަނީ 35 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި ޔުނައިޓެޑް އޮތީ 63 ޕޮއިންޓާ އެކު އެވެ. އެކަމަކު ޔުނައިޓެޑް އަތުގައި ލިވަޕޫލަށް ވުރެ އިތުރަށް ދެ މެޗު އެބައޮތެވެ.
ރޭ ލިވަޕޫލްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ. ރޭގެ ގޯލަކީ މި ސީޒަނުގައި ސަލާހް ލިވަޕޫލަށް ކާމިޔާބުކޮށްދިން 30 ވަނަ ލަނޑެވެ. ސަލާހް ވަނީ ލިވަޕޫލްގައި މިހާތަނަށް ހޭދަކުރި ހަ ސީޒަނުގެ ތެރެއިން ހަތަރު ސީޒަނުގައި 30 ގޯލު ހަމަކޮށްފަ އެވެ.
ލީގުގައި ރޭ ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސް 0-1 އިން ބަލިކޮށްފަ އެވެ. މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ.
ރޭ ޖެހި ގޯލާ އެކު ކޭން މިހާރު ވަނީ ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ދެވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ކުރިން ދެވަނައިގައި އޮތީ 208 ލީގު ގޯލު ޖަހާފައިވާ ވޭން ރޫނީ އެވެ. ކޭން މިހާރު 209 ވަނީ ޖަހައިފަ އެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ 260 ގޯލާ އެކު އެލަން ޝިއެރާގެ އަތުގަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ ވަނީ ރަށުން ބޭރުގައި ބޯންމައުތު އަތުން 3-1 އިން މޮޅުވެފަ އެވެ. މިއީ ޗެލްސީގެ ވަގުތީ ކޯޗުކަމާ ފްރޭންކް ލަމްޕާޑް މިފަހަރު ހަވާލުވިފަހުން މޮޅުވި ފުރަތަމަ މެޗެވެ. އޭގެކުރިން ކުޅުނު ހަ މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފަ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ކޮނޯ ގަލެގާ އާއި ބެނިއޮޓް ބަޑިއަޝީލް އަދި ޔާއޯ ފީލިކްސް އެވެ. މޮޅާ އެކު ޗެލްސީ ވަނީ 41 ޕޮއިންޓް ހޯދައި 11 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.