Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ރައީސް ނަޝީދަށް ނުދެވުނު އިންސާފެއް މި ސަރުކާރަށް އެހެން މީހަކަށް ހޯދައި ނުދެވޭނެ: އަލީ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް މި ސަރުކާރަށް އެހެން މީހަކަށް ހޯދައި ނުދެވޭނެކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއައް 2 އަހަރު ފުރުނުއިރު އެމަނިކުފާނަށް އިންސާފު ހޯދައިނުދެވުނުކަން ފާހަގަކުރައްވައި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރައީސް ނަޝީދަށް ހޯދައި ނުދެވުނު އިންސާފެއް އެހެން މީހަކަށް ހޯދައި ނުދެވޭނެކަމަށެވެ.

އަދި މި ސަރުކާރުން އިންސާފުގެ ވާހަކަ ދެން ރަނގަޅުވާނީ ނުދެއްކިއްޔާކަމަށްވެސް އަލީ ވިދާޅުވެފައިވެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވާއިރު ނަޝީދުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް މިއަދު 2 އަހަރު ފުރޭއިރު އެ ބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދިފައިނުވާ ކަމަށެވެ.

އަދި މި ސަރުކާރުގެ ވެރިންނަށް ތުހުމަތުކުރައްވައި އީވާ ވިދާޅުވީ ނަޝީދު އެ ޕާޓީއެއްގެ ރައީސްކަން ކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މި ވެރިކަމުގެ ބާރުހުރި ބޭފުޅުން ތިއްބެވީ ނަޝީދަށް އިންސާފު ލިބުނަނުދީ ހިފަހައްޓައިގެން ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭނުންފުޅުވާ ގޮތްކަން ވަރަށް ސާފުކަމަށެވެ.
ނަޝީދުގެ އިސްނެންގެވުމަށް ހިންގަވާ ފިކުރެއްގެ ދިރުން ހަރަކާތުގައި އިސްކޮށް މަސައްކަތްކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފު ވިދާޅުވީ ސަރުކާރުން އަދިވެސް ގެންދަނީ ހަދާފައި ހުރި ގޯސްތައް ވަންހަނާކޮށް ފޮރުވުމަށް މަސައްކަތްކުރަމުން ކަމަށެވެ.
އަދި ރައީސް އިބްރާހީމަށް ރައީސް ނަޝީދަށް އިންސާފު ހޯއްދަވައިނުދެއްވޭނެކަމުގައިވެސް ޙަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ އާޒިމު ވިދާޅުވީ މީގެ ދެ އަހަރުކުރިން ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކުރިއިރު، ދެ އަހަރު ފަހުން އެ ނުރައްކާތެރި ނުލަފާ ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ދެނެގަނެވުމާ ކައިރިއަށް ވާސިލުވެވިފައިނުވާ ކަމަށެވެ.
އުގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާއަށް ދެ އަހަރު ފުރުނުއިރު، ސީރިއަސް ތަހުގީގެއް ހިންގިފައިނުވާކަމަށެވެ. އަދި އެ ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދަން ސަރުކާރުން ނޫޅުނުކަމަށެވެ.
އަދި ރައީސް ނަޝީދަށް މި ސަރުކާރުން އިންސާފުގެ އެއްވެސް މިންވަރެއް ފޯރުކޮށްނުދިން ކަމަށާއި، ނަމަވެސް ސަރުކާރާއި ސަރުކާރަށް ވަފާދާރު މަޖިލިސް މެންބަރުން އަންނަނީ އެމަނިކުފާނަށް ފޯރުކޮށްދޭ ސެކިއުރިޓީވެސް ކަނޑުވައިނުލެވިގެންކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ