ދ.މީދޫއަށް ދަތުރުކުރަމުން އައި ލޯންޗެއް ދިޔަވެގެން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް އެ ލޯންޗު ޚަބަރެއްނުވެ ގެއްލިއްޖެކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މާލެއިން ދ.މީދޫއަށް ދަތުރުކުރި ސްޕީޑު ބޯޓެއް ފ.ފީއަލީގެ 7 ނޯޓިކަލް މޭލު ބޭރުން ރާޅެއް އަރައިގެން ދިޔަވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ލޯންޗު ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 30 މީހުން އެބަތިބިކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެ ލޯންޗު ހޯދުމަށް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އިން މަސައްކަތް ފަށާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފ.ފިލިތެޔޮ ރިސޯޓުން ދޯންޏަކާއި، ފީއަލިން ދޯންޏަކާއި ލޯންޗެއް ފުރާފައިވާކަމަށާއި، ކޯސްޓުގާޑުގެ ހާބާ ކްރާފްޓުވެސް ދަތުރުކުރަމުން އަންނަ ކަމަށް ޤައުމީ ދިފާއީ ބާރުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މިހާރު ގެއްލިފައިވާ ލޯންޗާ އެއްވެސް މިންވަރަކަށް މުވާސަލާތުނުކުރެވެއެވެ. އަދި އެ ލޯންޗު އޮތް ތަނެއްވެސް މިހާރު ނުބެލެއެވެ.