Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ހެދުނު ގޯހަށް މެސީ މާފަށް އެދިއްޖެ

ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއާ އަށް ކުރި ދަތުރާއި ގުޅިގެން ލިއޮނެލް މެސީ ކްލަބްގެ ކިބައިން މާފަށް އެދިއްޖެ އެވެ.

މެސީ ސައުދީ އަރަބިއާ އަށް އާއިލާއާ އެކު ދަތުރުކުރީ މިދިޔަ އާދީއްތަ ދުވަހު ފްރެންޗް ލީގުގައި ލޮރިއެންޓް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު އެވެ. ކްލަބުން ހުއްދަ ނުހޯދައި މެސީ ދަތުރުކުރުމުން، ދެ ހަފްތާގެ މުއްދަތަކަށް ޕީއެސްޖީ އިން ވަނީ މެސީ ސަސްޕެންޑްކޮށްފަ އެވެ.

"އަހަރެން މާފަށް އެދެން އަހަރެން ކުރި ކަންތަކަށް. މަޑުކޮށްގެން މިހުރީ ކްލަބްގެ ނިންމުމަށް" އިންސްޓަގްރާމް މެދުވެރިކޮށް ދޫކޮށްލި ވީޑިއޯ މެސެޖުގައި މެސީ ބުނެފައިވެ އެވެ.

މެސީ އަންނަނީ ސައުދީ އަރަބިއާގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެމްބެސެޑަރެއްގެ ދައުރު އަދާކުރަމުންނެވެ. އެހެންވެ ބޮޑަށް ބެލެވެނީ މެސީގެ ދަތުރަކީ އެކަމާއި ގުޅުންހުރި ދަތުރެއް ކަމަށެވެ.

"އަހަރެން އަސްލު ހީކުރީ އެހެން ހަފްތާތަކެކޭ އެއްގޮތަށް އެ މެޗަށް ފަހު އޮފް ދުވަހެއް ލިބޭނެ ކަމަށް. ކުރިން ވެސް މި ދަތުރު ހަމަޖައްސާފަ ކެންސަލްކޮށްލީ. މިފަހަރު އެގޮތަށް ވާން ނެތީ" މެސީގެ މެސެޖުގައި ބުންޏެވެ.

ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން މެސީ ޕީއެސްޖީ ދޫކޮށްލާނެ އެވެ. އަދި، މި ހިނގާދިޔަ ހާދިސާއިން މެސީ އެ ކްލަބް ދޫކޮށްލާނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ.

މެސީ އާއި ނޭމާއާ ދެމެދު އޮތް ހިތްހަމަނުޖެހުމާއި ގުޅިގެން ޕީއެސްޖީގެ ސަޕޯޓަރުން އެ ދެކުޅުންތެރިންގެ ގޭ ކައިރީގައި އަޑުއުފުލާ ވީޑިއޯއެއް މިހާރު އަންނަނީ ވައިރަލް ވަމުންނެވެ. އެކަމާ ގުޅޭގޮތުން ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގެލްޓިއޭ ބުނީ އެއީ އޭނާ ބޭނުންވާ ގޮތެއް ނޫންކަމަށާއި، ކުޅުންތެރިންގެ އަމިއްލަ ދިރިއުޅުމުގައި މިނިވަންކަން ލިބެންވާނެ ކަމަށެވެ. އެކަމަށް ޕީއެސްޖީގެ ސަޕޯޓަރުން ސަމާލުވާން ޖެހޭނެކަމަށް ގެލްޓިއޭ ބުނެފައިވެ އެވެ.

ލީގުގައި މެސީ ނުލައި ޕީއެސްޖީ މިރޭ ނުކުންނާނީ ޓްރޮޔެސްއާ ދެކޮޅަށެވެ. ލީގުގައި ބާކީ ފަސް މެޗު އޮތްއިރު ޕީއެސްޖީ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ.

މި ލިއުމާއި ގުޅޭ