Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

ނިމުނު އަހަރަށްވުރެ 52 އިންސައްތަ އިތުރަށް އާސަންދައިގެ ބަޖެޓުން ޚަރަދުކޮށްފި

މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އޭޕުރީލު މަހުގެ 27 ވަނަ ދުވަހާ ހަމައަށް އާސަންދައިން ޚަރަދުކުރި މިންވަރު ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %52 އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު، ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 847 މިލިއަން ރުފިޔާ އާސަންދަ ބަޖެޓުންވަނީ ޚަރަދުކޮށްފައެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 556.3 މިލިއަން ރުފިޔާ އާސަންދަ ބަޖެޓުން ޚަރަދުކޮށްފައިވެއެވެ. އެހެންކަމުން ނިމުނު އަހަރާއަޅާބަލާއިރު މި އަހަރު ޚަރަދުކުރި މިންވަރު 52 އިންސައްތަ އިތުރުވެފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.045 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 81 އިންސައްތަ މިހާރުވަނީ ހުސްވެފައެވެ.

އާސަންދައިން ކުރާ ހޭދަ ބޮޑުތަނުން އިތުރުވެފައިވާއިރު، މި އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅިއިރު އާސަންދައިގެ ޚަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކެއް ބަޖެޓުގައި ހިމަނާފައިވެއެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ފިޔަވަޅެއް ސަރުކާރުން ތަންފީޒުނުކުރެއެވެ.

އާސަންދައަށް ކުރާ ޚަރަދު ކުޑަކުރުމަށް ބަޖެޓުގައި ކަނޑައެޅި ފައިސާގެ 80 އިންސައްތަ ޚަރަދުވެފައިވާއިރު ސަބްސިޑީއަށް ކުރާ ޚަރަދުތައްވެސް ފާއިތުވި އަހަރަށްވުރެވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި އަހަރުގެ އޭޕުރީލު 27 އާ ހަމައަށް ސަބްސިޑީއަށް ހޭދަކުރީ 1 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި 1.4 ބިލިއަން ރުފިޔާ ނުވަތަ އިތުރަށް 434 މިލިއަން ރުފިޔާ ސަބްސިޑީއަށް ހޭދަކޮށްފައިވެއެވެ.

އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރަށް ތާއީދު ހޯދުމަށް އާސަންދައާއި ސަބްސިޑީގެ އިތުރަށް އެންސްޕާގެ ނަހަމަ ބޭނުން ސަރުކާރުން އަންނަނީ ހިފަމުންނެވެ.

ފާއިތުވި އޭޕުރީލު މަހުގައި އޮތް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ދާއިރާގައި އާސަންދަ އަދި އެންސްޕާގެ ޑެސްކު ބަހައްޓައިގެން އާންމުކޮށް އެހީތެރިކަން ހަމަނުޖެހޭ ގޮތަށް ހަލުއިކޮށް އެކި ފަރާތްތަކަށް އެ ދެ އިދާރާއިން އެހީ ހަމަޖައްސައިދެމުންދިޔަ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތުހުމަތުކުރެއެވެ.

މި ލިއުމާއި ގުޅޭ