އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް އާއި އެކު ވަކިން ބައްދަލުކުރެއްވުމަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސް ރަސްމީކޮށް ތަހުތުގައިވެޑުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހީމް މިހާރު އިނގިރޭސިވިލާތަށް ވަޑައިގެންފައިވާއިރު ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ބޮޑުވަޒީރާއި އެކު ވަކިން ބައްދަލުވުމެއް ރައީސް އިބްރާހީމް އެދިލައްވާކަން އިނގިރޭސި ސަރުކާރުގައި ދަންނަވާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އިނގިރޭސި ސަރުކާރުން އެކަމުގައި ޖަވާބެއް ދީފައިނުވެއެވެ.
މީގެކުރިން ސަރުކާރުން ވަނީ އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑުގެ ގްލާސްގޯގައި އޮތް ދުނިޔޭގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ގުޅޭ ސަމިޓުގެ ހަވާސާގައި ވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގެ ވެރިންނާއި ރައީސް އިބްރާހީމާއި ބައްދަލުކުރުވަން މަސައްކަތް ކުރައްވާފައެވެ. އެހެން ނަމަވެސް އެ ފަހަރުވެސް އެއްވެސް ޤައުމެއްގެ ވެރިއަކާއި ބައްދަލުވެފައިނުވެއެވެ. އެކަމަކު އެ ސަމިޓުގައި އޮތް ފޮޓޯ ސެޝަނެއްގެ ތެރެއިން ރައީސް އިބްރާހީމާއި އިނގިރޭސިވިލާތުގެ އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެކުގައި ތިއްބެވި ފޮޓޯއެއް އާންމުކޮށް ސަރުކާރުން ވަނީ އެއީ ބައްދަލުވުމެއް ކަމަށް ބުނެފައެވެ.
އަދި 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑްކަޕަށް ރައީސް އިބްރާހީމް ވަޑައިގެންނެވީ އެ ޤައުމުގެ އަމީރުގެ ދައުވަތަކަށް ކަމަށް ވިދާޅުވެއެވެ. އެހެން ނަމަވެސް އެނބުރި ވަޑައިގަތީ އަމީރާއި ބައްދަލުވެވަޑައިނުގަނެއެވެ.
ރައީސް އިބްރާހީމް މިހާރު އިނގިރޭސި ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަދި އެއްވެސް ޤައުމެއްގެ ވެރިއަކާއި ބައްދަލުކުރައްވާފައިނުވެއެވެ. ރައީސްގެ ފަރާތްޕުޅުން ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި ފޮޓޯ ނަންގަވަމުން ގެންދަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ރައީސްގެ މި ދަތުރުފުޅަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުވާއިރު ރާއްޖެއަށް އޭގެ ސަބަބުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.