ފާއިތުވި އޭޕުރީލު މަހުގެ 28 ވަނަ ދުވަހުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދި ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ރާއްޖެއާއި ޗާގޮސްގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދާއި ޗާގޮސްއިން ފެށިގެން މޮރިޝަސްއިން ހޯދުމަށް ދައުވާކުރި އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ފުށުއަރާ ބައި ވަކިކުރުމާއެކު މުޅި ޤައުމު ދެބަޔަށް ބެހިއްޖެއެވެ.
ސަރުކާރުން މިމައްސަލާގައި ދައްކަމުންދާ ވާހަކަތައް ޤަބޫލުކުރާ ބަޔަކާއި ސަރުކާރުގެ ވާހަކަތަކާމެދު ފާޑުކިޔުމުގެ ވިސްނުމަކުން ވިސްނައި އެ ވާހަކަތަކާމެދު ސުވާލު އުފައްދާ ބައެކެވެ. ސަރުކާރުގެ ވާހަކަތަކަށް ބާރު ލިބޭ ގޮތަށް އެ ވާހަކަތައް ދިފާއުކޮށް ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާއަކުން ޚަބަރުތައް ގެނެސްދީފިއެވެ. ރިޕޯޓުތައް ތައްޔާރުކޮށްފިއެވެ. ނަމަވެސް ސަރުކާރުގެ ވެރިން ދެއްކެވި ވާހަކަތައް ތަކުރާރުކޮށް އެއީ ރަނގަޅު ވާހަކަތަކެއްކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް އެވާހަކަތަކަށް ބާރުދިނުމަށް އެ ނޫސްތަކުން ގެނެސްދީފައި ނުވެއެވެ.
އެހެންކަމުން ސަރުކާރުން މި މައްސަލާގައި ދައްކަމުންދާ އަދި ނޫސްތަކުން ތަކުރާރުކޮށް ރައްޔިތުންނަށް ވާސިލްކޮށް ދިނުމަށް މަސައްކަތްކުރާ ބައެއް ވާހަކަތަކަށް ފާޑުކިޔުމުގެ ނަޒަރަކުން ވިސްނާލައި، މި މައުޟޫޢުގައި ލިޔެވިފައި ހުރި ލިޔުންތަކާއި، ދިރާސާތަކާއި އިތުރު މަސްދަރުތަކުގެ އަލީގައި އެ ވާހަކަތަކަށް އަލިއަޅުވައިނުލައި ދޫކޮށްލުމަކީ އިލްމީ އަދި ޤައުމީ އަމާނާތްތެރިކަމަށް ވެވޭ ޚިޔާނާތެއްކަމުގައި ދެކެމެވެ.
އިޓްލޮސްގެ ނިންމުމާ ގުޅިގެން 28 އޭޕްރީލުގެ ރޭގަނޑު މުޅި ކެބިނެޓާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި އެންމެ މުހިއްމު އަދި އެންމެ ބޮޑު ވާހަކައަކީ އިޓްލޮސްގެ ނިންމުމުގެ ކުރިން ރާއްޖޭގެ ދެކުނުގެ އީއީޒެޑްއެއް ނެތްކަމަށް ވިދާޅުވުމެވެ.
"މިހާތަނަށް ދެކުނުގައި އަޅުގަނޑުމެންނަށް މިއޮތީ ޤާނޫނު އަސާސީގައި މިބުނާ 12 މޭލުގެ ސަރަހައްދު. އޭގެ ބޭރުން ދާވެސް އަޅަންވީ. އެހެން ގޮތްގޮތަށް މަސްވެރިކަންވެސް ކުރަންވީ. އިލީގަލް ކިތަންމެ ކަމެއް ހިނގިޔަސް އަޅުގަނޑުމެންނަކަށެއް ނޯވޭ އެއްވެސް ބާރެއް،" ރައީސް އިބްރާހީމް އެރޭ ވިދާޅުވިއެވެ. މި ވާހަކަ ފިޝަރީޒް މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަންއާއި ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީއާއި އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލު އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲވެސް ތަކުރާރުކުރެއްވިއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ބައިނަލްއަޤުވާމީ ޤާނޫނުގައި އީއީޒެޑް ޑިކްލެއާކުރުން އޮންނަ ގޮތާ ގުޅޭ ސުވާލެވެ. "The exclusive economic zone as a concept in internaltional law" ގެ ނަމުގައި ޖޭ.ސީ ފިލިޕްސް އިންޓަނޭޝަނަލް އެންޑް ކޮމްޕަރޭޓިވް ލޯ ކުއާޓާލީގައި ލިޔުއްވާފައިވާ ދިރާސީ ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުން، އީއީޒެޑް ޑިކްލެއާކުރުމަކީ ކޮންމެ ޤައުމެއްގެ އަމިއްލަ ކަމެކެވެ. އެ ޤައުމެއްގެ އީއީޒެޑް ކަނޑައަޅާނީ އެ ޤައުމެއްގެ ދާޚިލީ ޤާނޫނުންނެވެ. އެހެންކަމުން ހުރިހާ ޤައުމުތަކުންވެސް އެ ޤައުމުތަކުގެ އީއީޒެޑް ޑިކްލެއާކޮށް ޤާނޫނުތައް އެކުލަވައިލައެވެ. އީއީޒެޑް ޑިކްލެއާކޮށް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަން "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީސް" (އަންކްލޯސް)ގައި ބަޔާންކޮށްފައިވެއެވެ.
އަންކްލޯސްގައި ބުނެފައިވަނީ އެ ޤައުމެއްގެ އައްސޭރިފަށުން ކަނޑައަޅާ ބޭސްލައިން ޕޮއިންޓުތަކެއް ނުވަތަ ފަށާ ނުކުތާތަކުން ފެށިގެން އެ ޤައުމެއްގެ ސަރަހައްދީ ކަނޑުގެ 12 މޭލު ހިމެނޭހެން 200 ނޯޓިކަލް މޭލަށްވުރެ އިތުރުނުވާ ސަރަހައްދެއް އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ ގޮތުގައި ޑިކްލެއާކުރުން ނުވަތަ ކަނޑައެޅުމަކީ ކޮންމެ ޤައުމަކަށްވެސް އޮންނަ ޙައްޤެއް ކަމަށެވެ. މިފަދައިން ޑިކްލެއާ ކުރާ ސަރަހައްދުން ބައެއް އެހެން ޤައުމަކުން ކަނޑައަޅާ ސަރަހައްދަކާ ފުށުއަރާނަމަ އެ ހާލަތުގައި އަމަލުކުރާނެ އިޖުރާއާތުތަކެއް ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނު 1996 ގައި ފާސްކޮށް ތަސްދީގުކޮށްފައިވާއިރު އެ ޤާނޫނުގައިވަނީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަކީ އެ ޤާނޫނުގައި ބަޔާންކުރާ ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުކަމަށެވެ. އަދި އެއިން މިންވަރެއް ދޫކުރުމަށް އެހެން ޤައުމަކާއެކު އެއްބަސްވުމެއް ހެދުން އެ ޤާނޫނުން މަނާނުކުރާ ކަމަށެވެ. އެ ޤާނޫނުގައި ދެކުނުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ފެށޭ ބޭސްލައިންތައް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް އީއީޒެޑްގެ ގޮތުގައި ރާއްޖެއިން އޮތީ ޑިކްލެއާކޮށްފައެވެ. އެ ސަރަހައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ހައްގު ތަތުބީގުކޮށް ދިޔައީ ތަންފީޒުކުރަމުންނެވެ.
ދެން އޮތީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަނެފައިވޭތޯ ނުވަތަ ނޫންތޯއެވެ. މި ސުވާލުގެ ޖަވާބަށް ބަލާއިރު އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ރާއްޖޭގެ އީއީޒެޑްއާ ގުޅޭ ގޮތުން ލިޔެފައިވާ ލިޔުމެއްގައި ސާފުކޮށް 1996 ވަނަ އަހަރުގެ ޤާނޫނަށް ހަވާލާދީ ރާއްޖޭގެ ކަނޑުގެ ފުޅާމިނުން ފެށިގެން ހުރިހާ ދިމާލަކަށް ރާއްޖެއިން އިޤުތިޞާދީ ޚާއްޞަ ސަރަހައްދު ކަނޑައަޅާފައިވާކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރަށް ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް އޮތްކަން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އަމަލީ ގޮތުން އޮތް އިނގިރޭސިންވެސް ޤަބޫލުކުރެއެވެ. އިނގިރޭސިވިލާތުގެ ބަރުލަމާނުގައި 2008 ވަނަ އަހަރު އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު ޑރ.ކިމް ހޮވެލްސްވަނީ ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް އޮތްކަން ޤަބޫލުކުރައްވައި އެކަން އިއުލާނުކުރައްވާފައެވެ.
ޕާލިމެންޓުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ރާއްޖެއާއި އިނގިރޭސިވިލާތުގެ ދެމެދުގައި ސޮއިނުކުރެވޭ އެއްބަސްވުމެއްގައި ރާއްޖޭގެ ދެކުނުގެ އީއީޒެޑް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމަށް ރާއްޖެއިން އިހުތިރާމުކުރާ ކަމަށެވެ. އެހެންނަމަވެސް އެ އެއްބަސްވުމަކީ ސޮއިކުރެވި އެއަށް އަމަލުކުރުން ލާޒިމުވެފައިވާ އެއްބަސްވުމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ 2010 ވަނަ އަހަރު ދިވެހިރާއްޖެއިން އދ.ގެ ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް)އަށް ހުށަހެޅި ހުށަހެޅުމުގައި ރާއްޖޭގެ ދެކުނާއި އިރުމައްޗާއި ހުޅަނގުން 200 ނޯޓިކަލް މޭލުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް ކަނޑައެޅާފައިވާކަން ބަޔާންކޮށް އެ ސަރަހައްދުތަކުން ބޭރަށް ރާއްޖޭގެ ކޮންޓިނަންޓަލް ޝެލްފު ދަންމައިލަން ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުމުގައިވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް (ސަރަހައްދީ ކަނޑާއި އެކަނޑާ ގުޅިފައިވާ ސަރަހައްދާއި އިޤުތިޞާދީ ޚާއްޞަ ސަރަހައްދު) 1996 ވަނަ އަހަރުގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުންނާއި އުތުރުގެ ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން އިންޑިއާއާއި ލަންކާއާއެކު ހެދި އެއްބަސްވުންތަކުން ޤާއިމުވެފައިވާކަން އަންގާފައިވެއެވެ. އަދި އެ ސަރަހައްދުތަކުގެ އިން ބަޔާންކުރާ ޗާޓު ހުށަހަޅާފައިވެއެވެ.
ކިތަންމެ ގިނަ ބަޔަކު، ކިތަންމެ އަޑުހަރުކޮށް ބުނި ނަމަވެސް ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް ނެތްކަމަށާއި، ރާއްޖެއިން ބަލަހައްޓަމުން އައީ ރާއްޖޭގެ ސަރަހައްދީ ކަނޑުކަމަށްވާ އައްސޭރިފަށުން ފެށިގެން 12 ނޯޓިކަލް މޭލުގެ ސަރަހައްދެއްކަމަށް ބުނާ ބުނުމަކީ ކަނޑުތަކުގެ ޤާނޫނާއި، މިކަމުގައި ޝާމިލުވާ ޤައުމުތަކުން ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު ހަމަޖެހޭ ވާހަކައެއް ނޫނެވެ.
ދެވަނަ ނުކުތާއަކީ އޯވާލެޕެއް ނުވަތަ ފުށުއަރާ ސަރަހައްދެއް އުފެދުނު ގޮތެވެ. ރާއްޖެއިން އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް ކަނޑައަޅާފައި ނެތްނަމަ، އަދި އެ ސަރަހައްދަށް ރާއްޖެއިން ސިޔާދަތީ ޙައްޤު ތަންފީޒުނުކުރާނަމަ، މޮރިޝަސްއިން ޗާގޮސްގެ އައްސޭރިފަށުން 200 ނޯޓިކަލް މޭލުގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދެއް ކަނޑައެޅިޔަސް ފުށުއަރާނެ ތަނެއް ނޯންނާނެއެވެ. ނެތް އެއްޗަކާ ފުށުއަރާނެ ގޮތެއް ނޯންނާނެއެވެ.
ދެވަނައަށް ސަރުކާރުގެ ފަރާތުން އެންމެ އަޑުހަރުކޮށް ދައްކާ އެއްވާހަކައަކީ ބައިނަލްއަޤުވާމީ ކަނޑުތަކުގެ ޤާނޫނުގައި ދެ ޤައުމެއްގެ މެދުގައި ކަނޑުގެ ސަރަހައްދު ފުށުއަރާނަމަ އޮންނާނީ ހަމައެކަނި އިކުއިޑިސްޓޭންސްގެ އުސޫލުން ފުށުއަރާ ސަރަހައްދުގެ މެދުން ރޮނގެއް ކުރަހައި ދެބައި ހަމައަށް ބެހުން ކަމަށެވެ.
ނަމަވެސް ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުގެ އިލްމުވެރިން މިކަމުގައި ލިޔުއްވާފައި ހުރި ލިޔުންތަކަށް ބަލާއިރު އިކުއިޑިސްޓޭންސަކީ މިހާރު ކަނޑުގެ ސަރަހައްދުގެ އިންވަކިކުރުމުގައި ބޭނުންކުރާ އުސޫލުތަކުން އެއް އުސޫލެވެ. އެއީ އެ އުސޫލުތަކުގެ ތެރެއިން އެންމެ ބޮޑު އަހަންމިއްޔަތު ލިބިފައިވާ އިމްތިޔާޒު ލިބިފައިވާ އުސޫލެއްވެސް ނޫނެވެ.
އެގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއާއި ޓްރައިބިއުނަލްތަކުގެ ނިންމުންތަކަށް ހަވާލާދީ ޤާނޫނީ މާހިރުން ފާހަގަކުރައްވަނީ މިހާރު އިކުއިޑިސްޓޭންސްގެ މަޤާމު ކުރިއަށްވުރެ ބަލިކަށިވެފައިވާ ކަމަށެވެ. އިކުއިޑިސްޓޭންސްގެ އުސޫލުން އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފު ކަނޑައެޅުމުގެ ސަބަބުން އަދުލުވެރިނޫން ހަމަނުޖެހޭ ނަތީޖާތަކެއް ބައެއް ހާލަތްތަކުގައި ނުކުތުމުގެ އިހުތިމާލު އޮތްކަން އައިސީޖޭއާއި ޓްރައިބިއުނަލުތަކުން ޤަބޫލުކުރާ ކަމަށެވެ.
ކަނޑުގެ ޤާނޫނީ މާހިރު އަދި ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަނައިބު ޢާޒިމާ ޝަކޫރުގެ ނުކުތާއަކީވެސް މިއީއެވެ. އިކުއިޑިސްޓޭންސްގެ އުސޫލުން ބަހަން މޮރިޝަސްއިން ހުށަހެޅުމުން އެ ހުށަހެޅުމާ ދެކޮޅުހަދައި ރާއްޖެއިން އެއްވެސް ވާހަކައެއް ދައްކާފައި ނެތުމެވެ. ބަދީލުތަކެއް (އޮލްޓަނޭޓިވް) ހުރެމެ، އެއިން އެއްވެސް ކަމެއް ފާހަގަނުކުރުމެވެ.
ކެމްބްރިޖު ޔުނިވާސިޓީ ޕްރެސްއިން ޝާއިއުކޮށްފައިވާ "Maritime Delimitation as a judicial process" މި ފޮތުގައި އެ ފޮތުގެ މުއައްލިފުން ފާހަގަކުރެއްވި ގޮތުގައި އިކުއިޑިސްޓޭންސްގެ ބަދަލުގައި އިކުއިޓަބަލް ފްރޭމްވޯކެއް ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދުގެ އިންވަކިކުރުމަކީ އުދަގޫ ކަމެކެވެ. ނަމަވެސް އައިސީޖޭއާއި ޓްރައިބިއުނަލުތަކުގައި އެ އިޖުރާއާތު ބޭނުންކޮށްފައި އެބަހުއްޓެވެ. އެ އިޖުރާއާތު ބޭނުންކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ނޯތު ސީ ކޮންޓިނެންޓަލް ޝެލްފު މައްސަލަ ހިމެނެއެވެ. އެއީ އަންކްލޯސްގެ 74 ވަނަ އަދި 83 ވަނަ މާއްދާގައި މިހާރު ލިޔެވި އަމަލުކުރެވޭ އިޖުރާއާތެކެވެ.
ބައެއް ނޫސްވެރިންގެ ލިޔުންތަކުގައިވެސް އިކުއިޑިސްޓޭންސް ނޫން ގޮތެއް ނެތްކަމަށް ލިޔެފައިވެއެވެ. އެފަދައިން ލިޔުނީ ރައީސް އިބްރާހީމު ދެއްކެވި ވާހަކަފުޅާއި ރާއްޖޭގެ ވަކީލުން ދެއްކެވި ވާހަކަފުޅެއް ފިޔަވައި އިތުރު މަސްދަރަކަށް ހަވާލާދިނުމެއް ނެތިއެވެ.
އަނެއް ނުކުތާއަކީ އިޓްލޮސްއިން މައްސަލަ ނިންމުމުގައި ބޭނުންކުރީ ހަމައެކަނި އިކުއިޑިސްޓޭންސްގެ އުސޫލު ނޫންކަމެވެ. ބޭނުންކުރީ އިކުއިޑިސްޓޭންސްއާއި ރެލެވެންޓް ސާކަމްސްޓޭންސަސް ނުވަތަ މައްސަލައަށް މުހިއްމުވާ ހާލަތްތަކަށް ރިއާޔަތްކުރުމުުގެ އުސޫލެވެ.
މި އުސޫލަކީ ހަމައެކަނި ފުށުއަރާ ބައިގެ މެދުން ރޮނގެއް ދަމައި ހަމައަށް ބައިކުރުމުގެ ބަދަލުގައި 3 މަރުހަލާއެއްގެ ތެރެއިން އިންވަކިކުރުމުގެ އުސޫލެކެވެ. ފުރަތަމަ މަރުހަލާއަކީ އިކުއިޑިސްޓޭންސް ނުވަތަ ހަމައަށް ބައިކޮށް މެދުން ރޮނގެއް ކުރެހުމެވެ. ދެވަނަ މަރުހަލާއަކީ އެ ރޮނގަށް ބަދަލު ގެންނަންޖެހޭ މުހިއްމު ހާލަތްތަކެއް ހުރިތޯ ބަލައި ގެންނަންޖެހޭ ބަދަލު ގެނައުމެވެ. ތިންވަނަ މަރުހަލާއަކީ ރޮނގު ކުރަހައި ބައިކުރި މިންވަރަށް ބަލާއިރު ދެ ޤައުމަށް ލިބުނު ބައިގެ މެދުގައި ބޮޑު ތަފާތެއް އޮތްކަން ނުވަތަ ނެތްކަން ކަށަވަރުކުރުމެވެ.
ދެން އެންމެ ގަދައަށް ނޫސްތަކުގެ ފަލަ ސުރުޚީގައި އޮންނަނީ މައްސަލަ ނިމުނީ ރާއްޖެއިން ބޭނުންވި ގޮތަށް ކަމުގައި ސަރުކާރުގެ ވެރިން ވިދާޅުވި ބަސްފުޅުތަކެވެ. އެ ބަސްފުޅުތަކުގެ ދިފާއުގައި ނޫސްވެރިން ލައްކަ ލިޔުން ލިޔުނުއިރު ރާއްޖެއިން ބޭނުންވި ގޮތަކީ ކޮބައިކަމާއި މައްސަލަ ނިމުނުއިރު ކަންވީ ގޮތް މުޅިން ތަފުސީލުނުކުރެއެވެ. މިކަން ސާފުވުމަށް އިޓްލޮސްގެ ހުކުމުން ދެ ކަމެއް ސާފުވާންޖެހެއެވެ.
މި މައްސަލާގައި އިޤުތިޞާދީ ޚާއްޞަ ސަރަހައްދުން ފުށުއަރާ ބައި ބެހުމުގައި ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައިގަނޑު ޚުޞޫމާތެއް އޮތީ އިކުއިޑިސްޓޭންސް ރޮނގާ ގުޅިގެންނެވެ. އެ ރޮނގު އޮންނަންވީ ހިސާބާމެދު އޮތް ދެބަސްވުމެކެވެ. އެ ދެބަސްވުން އުފެދެނީ ވަކި ހިސާބަކުން ފަށައިގެން ޗާގޮސްގެ އައްސޭރިފަށުން އީއީޒެޑް ފެށޭ ނުކުތާތައް ބްލެންހެއިމް ފަރުން ފެށިގެން ކަނޑައެޅުމަށެވެ.
ރާއްޖެއިން ބުނެފައިވަނީ ކަނޑުގެ ސަރަހައްދު ބައިކުރުމަށް މުހިއްމުވާ އައްސޭރީގެ ތެރޭގައި ބްލެންހެއިމް ފަރު ނުހިމެނޭނެ ކަމަށެވެ. އަދި ހިކިދިޔައިގައި ފާޅުވާ ތަންތަަނަކީ ޤައުމުތަކުގެ ސަރަހައްދުކަމަށް ނުބެލެވޭތީ ބްލެއިންހެއިމް ރީފުން ފަށައިގެން މޮރިޝަސް އެދޭ ގޮތަށް އީއީޒެޑް ކަނޑަނޭޅޭނެ ކަމަށެވެ.
މަތީގައިވާ ޗާޓުގައި ފެހި ކުލައިން އެ ފެންނަނީ ރާއްޖެއިން އެދުނު ގޮތަށް ބްލެންހެއިމް ރީފަށް އެއްވެސް މިންވަރެއްގެ އަހަންމިއްޔަތުކަމެއް ނުދީ އިކުއިޑިސްޓޭންސް ރޮނގު ކުރެހުމުން އިންނާނެ ހިސާބެވެ. އަދި ނޫކުލައިގެ ރޮނގަކީ މޮރިޝަސްއިން އެދުނު ގޮތަށް އިކުއިޑިސްޓޭންސް ރޮނގު ކުރެހުމުން އިންނާނެ ގޮތެވެ.
އެހެންކަމުން ރާއްޖެއަށް ކާމިޔާބުވި ކަމުގައި ބެލެވޭނީ ރާއްޖެއިން އެދުނު ހިސާބުގައި ރޮނގު ކުރަހައި ބައިކުރުމުންނެވެ. އެއަށްވުރެ ފަހަތަށް ކިތަންމެ ކުޑަކޮށް ރޮނގު ޖެހުނަސް އެއީ މޮރިޝަސްއަށް ލިބުނު ކާމިޔާބެއްކަމުގައި އެ ޤައުމަށް ބެލިދާނެއެވެ.
އިޓްލޮސްގެ ނިންމުމުގެ 155 ވަނަ ނުކުތާގައި ބުނެފައިވަނީ ބެންހެއިމް ފަރުން ފަށައިގެން ޗާގޮސްގެ އައްސޭރިން ފަށައިގެން އީއީޒެޑް ފަށާ ނުކުތާ ކަނޑައެޅުމަކީ ރަނގަޅު ގޮތެއްކަމަށް ނުދެކޭ ކަމަށެވެ.
މި ނިންމުމުގެ ނަތީޖާއަކީ ބެންހެއިމް ފަރަށް ފުރިހަމަ ރިއާޔަތްކުރުމެއް އިޓްލޮސްގެ ހުކުމުގައި ނުދިނުމެވެ. ނަމަވެސް ބެންހެއިމް ފަރުގެ ވާހަކަ ނަގައި އެ ފަރުގެ މުހިއްމުކަން މޮރިޝަސްއިން އެ އަޑުއެހުންތަކުގައި ފާހަގަކުރުމުން އެ ފަރަށް ކޮންމެވެސް މިންވަރަކަށް ރިއާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމުގައި އެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
އިޓްލޮސްގެ ހުކުމުގެ 247 ވަނަ ނުކުތާގައި އެ ޓްރައިބިއުނަލުގައި މައްސަލަ ބެއްލެވި ޗެމްބަރުގެ ނިންމެވުމަކީ ބްލެންހެއިމް ފަރުން ފަށައިގެން ބޭސްލައިން ޕޮއިންޓުތައް ނުކުރެހި ނަމަވެސް އެ ފަރަށް ރިއާޔަތްކޮށް އިކުއިޑިސްޓޭންސް ލައިނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އެހެންކަމުން އެ ރޮނގު ރާއްޖެއިން ބޭނުންވި ވަރަށްވުރެ ރާއްޖެއާވީ ފަޅިއަށް އެތެރެއަށް ޖައްސަން އެ ޗެމްބަރުން ނިންމާފައިވެއެވެ.
މަތީގައިވާ ޗާޓުން އެ ފެންނަނީ އިކުއިޑިސްޓޭންސް ރޮނގަށް އައި ބަދަލެވެ. ރަތްކުލައިގެ ނުކުތާތަކާއެކު ފަނޑުކޮށް އެ ފެންނަނީ ރާއްޖެއިން ބޭނުންވި ރޮނގެވެ. މަތިން ގަދަ ކަޅުން އެ ފެންނަ ރޮނގަކީ އިޓްލޮސްގެ ނިންމުމުގައި ކަނޑައެޅި ރޮނގެވެ. އެހެންކަމުން ރާއްޖެއިން އެދުނު މިންވަރަށްވުރެ ބޮޑަށް އެ ރޮނގުވަނީ ރާއްޖެއާވީ ފަޅިއަށް ޖައްސާފައެވެ.
މިކަންކަމަށް ރިއާޔަތްކުރާއިރު މައްސަލަ ނިމުނީ ރާއްޖެއިން އެދުނު ގޮތަށް ކަމުގައި ބުނުމަކީވެސް މުޅިން ސައްހަ ވާހަކައެއް ނޫނެވެ. ބޭސް ޕޮއިންޓުތައް ބްލެއިންހެއިމް ފަރުން ކަނޑައެޅުމާ ރާއްޖެއިން ދެކޮޅުހެދިއިރު އެދުނީ އެ މައްސަލައަށް އެ ފަރު މުހިއްމުނުވާކަމަށް (އިރެލެވެންޓް) ނިންމުމަށެވެ. ނިމުނީ އެ ފަރުން ބޭސްލައިން ޕޮއިންޓުތައް ކަނޑަނޭޅިއަސް އެ ފަރަށް ރިއާޔަތްކޮށް އިކުއިޑިސްޓޭންސް ރޮނގު ރާއްޖެއާވީ ފަޅިއަށް ފަހަތަށް ޖައްސަންޖެހޭ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ ޚުޞޫމަތު އުފެދުނު ސަރަހައްދުން ބައެކެވެ. ހޯދަން އެދުނީ މުޅި ސަރަހައްދެވެ. ރާއްޖެއިން އެދުނު ގޮތަށް މައްސަލަ ނިމުނުކަމަށް ބުނާ އެއްވެސް މީހަކު މިވާހަކަނުދައްކައެވެ.
ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދާ ފުށުއަރާ ގޮތަަށް މޮރިޝަސްއިން ކަނޑުގެ ސަރަހައްދު ކަނޑައަޅަން އިޓްލޮސްއަށް ދިއުމުގެ ކުރިން އިޓްލޮސްއަށް ދިއުން ނޫން ގޮތެއް ހޯދުން އެ ޤައުމަށް ލާޒިމުކުރުމުގެ ބާރު ރާއްޖެއަށް އޮތެވެ. މިއީ އެއްވެސް މިންވަރަކަށް ސަރުކާރުން އަދި ސަރުކާރުގެ "ނެރޭޓިވް" ލިޔެ ވިއްކައިދޭ ނޫސްވެރިން ފާހަގަނުކުރާ ނުކުތާއެކެވެ.
ރާއްޖޭގެ ޚާރިޖިއްޔާއާއި ސަރުކާރުން ދައުވާކުރާ ފަދައިން ދިވެހި ސަރުކާރަކީ ދުނިޔޭގެ މަސްރަހުގައި އެހައި ގަދަފަދަ ސަރުކާރަކަށްވަނީނަމަ މޮރިޝަސްއިން އިޓްލޮސްއަށް މި މައްސަލަ ހުށަހަޅަން އުޅޭކަމުގެ ހިލަމެއް ހުވަމެއް ވީހެވެ. އެފަދަ ހާލަތުގައި އިޓްލޮސްއަށް ރާއްޖެ ގެންދިއުމަށް ހުރަސްއެޅުމުގެ އިޚުތިޔާރު ރާއްޖެއަށް އޮތެވެ.
އެގޮތުން އަންކްލޯސްގެ 298 ވަނަ މާއްދާގެ ދަށުން އެ މުއާހަދާގެ 15 ވަނަ މާއްދާއާއި 74 ވަނަ މާއްދާއާއި، 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ތަފުސީރުކުރުމުގައި ނުވަތަ ތަންފީޒުކުރުމުގައި އުފެދޭ ޚުޞޫމަތަކާ ގުޅިގެން އެ މުއާހަދާގައި ބަޔާންކޮށްފައިވާ އިލްޒާމީ (ކޮމްޕަލްސަރީ) އިޖުރާއާތުތަކުން އިސްތިސްނާވެގަތުމުގެ އިޚުތިޔާރު އޮވެއެވެ. އެ މުއާހަދާގެ 74 ވަނަ މާއްދާއަކީ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގެ އިންވަކިކުރުމާ ގުޅޭ މާއްދާއެވެ.
މިފަދައިން އިސްތިސްނާއެއް ނެގުމުގެ އިޚުތިޔާރު ދައުލަތްތަކަށް އެ މުއާހަދާގައި ސޮއިކުރާއިރު، ނުވަތަ މުއާހަދާ ތަސްދީގުކުރާއިރު ނުވަތަ އޭގެ ފަހުން ކޮންމެ ވަގުތެއްގައިވެސް އޮންނާނެއެވެ. އެ އިޚުތިޔާރު ގެއްލޭނީ އެ މުއާހަދާގެ ދަށުން ޓްރައިބިއުނަލަކަށް ނުވަތަ ބައިނަލްއަޤުވާމީ ކޯޓަކަށް އެހެން ދައުލަތަކުން އެފަދަ މައްސަލައެއް ހުށަހެޅުމުންނެވެ. އެހެންކަމުން 2019 އޮކްޓޯބަރާ ހަމައަށް އެ އިޚުތިޔާރު ދިވެހި ދައުލަތަށް އޮތެވެ.
އެ އިޚުތިޔާރު ބޭނުންކުރިނަމަ މޮރިޝަސްއަށް މަޖުބޫރުވާނީ ރާއްޖެއާ ވާހަކަދައްކައިގެން ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށެވެ. އަދި އެ ހާލަތުގައި އިލްތިޒާމީ އިޖުރާއާތުތަކަށް ދެވޭނީ ވާހަކަދައްކައިގެން މަޝްވަރާއިން އެކަމެއް ހައްލުނުވިނަމައެވެ. ރާއްޖެއިން އޮތީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަން ޤަބޫލުނުކޮށެވެ. އެއީ މޮރިޝަސްއާއެކު ވާހަކަދެއްކުމަށް އޮތް "ލެވެރޭޖެ"ކެވެ. ނަމަވެސް އެކަން ކުރަން ރާއްޖެއިން އެއްވެސް މިންވަރަކަށް ވިސްނިކަމެއްވެސް ނޭނގެއެވެ.
މިފަދައިން އިލްޒާމީ އިޖުރާއާތުތަކުން އިސްތިސްނާވެވެނީ ހަނި ދާއިރާއެއްގެ ތެރެއިންނެވެ. އަދި މިފަދަ އިސްތިސްނާއެއް ނަގާ ހާލަތުގައި، އެ ދައުލަތަކަށް އެ ލިބޭ އިޚުތިޔާރުތައް މެދުވެރިކޮށް ސަރަހައްދުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބިއްޖެނަމަ ދެން އިލްޒާމީ އިޖުރާއާތުތަކަށް ތަބާވުން ލާޒިމުވާނެއެވެ. ނަމަވެސް ރާއްޖެއިން އެފަދަ އިސްތިސްނާއެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ.
އައިސީޖީގެ ނިންމުން 2019 ވަނަ އަހަރުގެ މެދު ތެރޭގައި އައިސް އެ ނިންމުން އދ.އިން ބަލައިގަތުމަށް ވޯޓުނެގުމާއެކު ޤައުމާމެދު ފުންކޮށް ވިސްނާ ބަޔަކު ތިބިނަމަ އެ އިޚުތިޔާރީ އިސްތިސްނާ ހުށަހަޅާނެއެވެ. މަތީގައިވާ ލިސްޓުގައި އެހުރި ޤައުމުތަކުންވެސް އެ ޤައުމުތަކުގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް މިދެންނެވި އިޚުތިޔާރު އޮތީ ބޭނުންހިފައިފައެވެ. ރާއްޖެއިން ނުހިފަންވީ ސަބަބެއް އަދި ނުހިފި ސަބަބެއް ސަރުކާރުން ހާމަނުކުރެއެވެ. އެކަމާމެދު ސަރުކާރާ ސުވާލެއްވެސް ކުރެވިފައިނުވަނީއެވެ.
ކުރިންވެސް ބަޔާންކުރި ފަދައިން އިޓްލޮސްއިން މި މައްސަލަ ނިންމާފައިވަނީ 2 މެތޮޑެއް ނުވަތަ އުސްލޫބެއް އެއްކޮށް 3 މަރުހަލާއަކުންނެވެ. އިކުއިޑިސްޓޭންސް އަދި ރެލެވެންޓް ސާކަމްސްޓޭންސަސް އުސޫލު އެއްކޮށް މައްސަލަ ނިންމާއިރު އޮންނަ ތިން މަރުހަލާއަކީ، އިކުއިޑިސްޓޭންސް ރޮނގު ކަނޑައެޅުމުގެ މަރުހަލާއާއި، މައްސަލައަށް މުހިއްމުވާ (ރެލެވެންޓް) ހާލަތްތަކަށް ރިއާޔަތްކުރުމާއި، ބެހި ދެ ބައިގެ ބޮޑުމިން އެއްވަރުވެފައި ބޮޑު ތަފާތެއް ނެތްކަން ކަށަވަރުކުރުން ނުވަތަ ޕްރޮޕޯޝަނަލިޓީ ޔަގީންކުރުމެވެ.
އިކުއިޑިސްޓޭންސަށް އެއްބަސްވުމަށްފަހު ދެ ދައުލަތަށްވެސް އެންމެ މުހިއްމުވާނީ ރެލެވެންޓް ސާކަމްސްޓޭންސަސް ނުވަތަ މައްސަލައަށް މުހިއްމު ހާލަތްތަކެވެ. މި މަރުހަލާގެ މައިގަނޑު މަޤުޞަދުތަކަށް އިސްވެ ހަވާލާދެވުނު ކެމްބްރިޖު ފޮތުގައި ބުނެފައިވަނީ އަދުލުވެރިކަން ކަށަވަރުކުރުމެވެ. އަދުލުވެރިކަން ކަށަވަރުކުރުމަށް މި މަރުހަލާގައި ބަލާނެ އަދި ޒުވާބުދެވިދާނެ ބައެއް ކަންކަން އެ ފޮތުގައި ފާހަގަކޮށްފައިވެއެވެ. އެއީ:
ޗާގޮސްއަކީ ތާރީޚީ ގޮތުން ބަލާއިރު އެތަނުގައި އަސްލު ވަޒަންވެރިންތަކެއް އުޅުނު ތަނެއް ނޫނެވެ. އަދި މިހާރުވެސް އަސްކަރީ ބޭސްއެއް ޤާއިމުކޮށްފައި ހުރި ތަނެކެވެ. އެތަނުގައި މީހުން ދިރިނޫޅުމުގެ ސަބަބުން އަދި އެތަނުގައި މަސްވެރިކަމެއް ނެތުމުގެ ސަބަބުން އެކަމަށް ރިއާޔަތްކުރަންޖެހޭ ކަމަށް ވަކާލާތުކުރެވިދާނެއެވެ. އަދި ޚާއްޞަކޮށް މޮރިޝަސްއިން އެތަން ބޭނުންކުރާ ގޮތަކުން ރާއްޖޭގެ މަސްވެރިކަމަށް އަސަރުކުރާނެކަން ފާހަގަކުރެވިދާނެއެވެ.
އިޓްލޮސްގެ ހުކުމުގެ 241 ވަނަ ނުކުތާގައި ފާހަގަކުރި ގޮތުން، މި މައްސަލާގައި ރާއްޖެއިން ބުނެފައިވަނީ އިކުއިޑިސްޓޭންސް ރޮނގަށް ބަދަލުގެންނަންޖެހޭނެ އަދި އެކަމުގައި ރިއާޔަތްކުރާނެ މައްސަލައަށް މުހިއްމުވާ އެއްވެސް ހާލަތެއް އޮތްކަމަށް ނުދެކޭ ކަަމަށެވެ. މިފަދައިން އެއްވެސް ހާލަތެއް ފާހަގަނުކުރި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ރާއްޖޭގެ ވަކީލުން ވިދާޅުވީ އެނުކުތާތައް ފާހަގަނުކުރީ އެ ނުކުތާތައް ނަގައިގެން ކާމިޔާބުވާނެކަމަށް ނުދެކޭތީ ކަމަށެވެ.
ނަމަވެސް މީގެ ކުރިން އައިސީޖޭއިން ނިންމާފައިވާ ބައެއް މައްސަލަތަކުގައި އެފަދަ ކަންކަމަށް އެކިވަރަށް ރިއާޔަތްކޮށްފައިވެއެވެ. އެހެންކަމުން އެ ވާހަކަތައް ފާހަގަނުކުރުމަކީ ރާއްޖޭގެ މަސްލަހަތު އޮތް ގޮތްކަމަށް ޒުވާބުދިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. މޮރިޝަސްއިން ބްލެންހެއިމް ފަރުން ފަށައިގެން ބޭސްލައިން ޕޮއިންޓު ކަނޑައަޅަން ހުށަހެޅިއިރު އެއީވެސް ބައިނަލްއަޤުވާމީ ޤާނޫނުގައި މިހާތަނަށް އަމަލުކުރެވިފައިހުރި ގޮތްތަކާ އެއްގޮތްކަމެއް ނޫންކަމަށް އެ ޤައުމަށްވެސް އެނގެއެވެ. އެކަން ބޭސްލައިން ޕޮއިންޓުތަކާމެދު އިޓްލޮސްއިން ނިންމި ނިންމުމުގައިވެސް ފާހަގަކުރިއެވެ. ނަމަވެސް އެ ނުކުތާއަށް ރިއާޔަތްކޮށް އިޓްލޮސްއިން އޮތީ އިކުއިޑިސްޓޭންސް ރޮނގު ރާއްޖެއާވީ ފަޅިއަށް ފަހަތަށް ޖައްސާފަައެވެ. ނުދޭ ޒުވާބަކުން ލިބިދާނެ މަންފާއެއް ނޭނގޭނެއެވެ. އެ ޒުވާބު ފާހަގަކުރަމުން ލިބިދާނެ ގެއްލުމެއް ނޯންނާނެއެވެ. ގައިމު ރޮނގު ރާއްޖެއާވީ ފަޅިއަށް ފަހަތަށް ބޮޑަށް ޖައްސަންޖެހޭ ސަބަބަކަށް އެއިން އެއްވެސް ޒުވާބެއް ނުވާނެއެވެ.
ޚުލާޞާއަކީ މޮރިޝަސްއިން އިޓްލޮސްއަށް ދިއުމުގެ ކުރިން އެކަން ހުއްޓުވިދާނެ މަގު އޮތުމެވެ. އިޓްލޮސްއަށް މައްސަލަ ބަލައިގަތުމުން އިކުއިޑިސްޓޭންސް އުސޫލު ނޫން އުސޫލެއް މައްސަލަ ފައިސަލާކުރުމުގައި ބޭނުންކުރަން ވަކާލާތުކުރެވެން އޮތުމެވެ. އިކުއިޑިސްޓޭންސްއާއެކު މުހިއްމު ހާލަތްތަކަށް ރިއާޔަތްކުރާ އުސޫލުން ބަހަން އިޓްލޮސްއިން ނިންމުމުން ރާއްޖެއަށް މުހިއްމުވާ ގިނަ ހާލަތްތަކެއް ފާހަގަކުރެވެން ހުރުމެވެ. އެއިން އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރުމެވެ. އަދި މައްސަލަ ނިމުނުއިރު ދިވެހިރާއްޖެއިން އިކުއިޑިސްޓޭންސް ރޮނގު ބާއްވަން ބޭނުންވި ހިސާބަށްވުރެ ރާއްޖެއާވީ ފަޅިއަށް ފަހަތަށް ރޮނގު ޖައްސާފައި އޮތުމެވެ.