Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބޮޑު ކުރިއެރުމާ އެކު ޒަޔާންގެ އަމާޒު އޮލިމްޕިކްސް އަށް

ދުނިޔޭގެ ރޭންކިންގައި ހޯދި ބޮޑު ކުރިއެރުމަށް ފަހު ރާއްޖޭގެ އެއް ނަންބަރު ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ އަންނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވާން އަމާޒުހިފައިފި އެވެ.

ދާދިފަހުން ޒަޔާން ވަނީ އޭޝިއާ ޗެމްޕިއަންޝިޕްގެ ކޮލިފައިން ދެ މެޗުން މޮޅުވެފަ އެވެ. މި މޮޅާ އެކު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އެންމެ ފަހުން ނެރުނު ރޭންކިންގައި ޒަޔާނަށް ވަނީ 243 ވަނަ ލިބިފަ އެވެ. މިއީ ޒަޔާނަށް ލިބުނު 87 ދަރަޖައިގެ ކުރިއެރުމެކެވެ. މީގެކުރިން ޒަޔާން އޮތީ ރޭންކިންގެ 330 ވަނައިގަ އެވެ.

މިއީ ޒަޔާން ސިންގަލްސް ރޭންކިންގައި އެންމެ ކުރިއަށް ޖެހިލި ފަހަރެވެ. ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ކުޅުންތެރިންގެ ތެރެއިން ސިންގަލްސް ރޭންކިންގެ އެންމެ ކުރީގައި އުޅެނީ ވެސް ޒަޔާން އެވެ.

އޭޝިއާ މުބާރާތުގެ ކޮލިފައިންގައި ޒަޔާން މޮޅުވީ ބްރޫނާއި ދާރުއްސަލާމްގެ ކުޅުންތެރިއެއްގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުޅުންތެރިއަކާ ވާދަކޮށެވެ. އެ މުބާރާތުން ޒަޔާން ކެޓީ ގަދަ 32 ގެ ބުރުގައި ޖޯޑަންގެ ކުޅުންތެރިޔާ އަތުން ބަލިވުމުންނެވެ.

ސިންގަލްސްގެ އިތުރުން ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާ އަންނަނީ ދުނިޔޭގެ މިކްސް ޑަބަލްސްގެ ގަދަ 100 ޕެއާގެ ތެރޭގައި ހިމެނުނު ޖާގަ ދަމަހައްޓަމުންނެވެ. މި ދެކުޅުންތެރިން ދުނިޔޭގެ ގަދަ 100 ޕެއާގެ ތެރޭގައި ހިމެނުނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އޮލިމްޕިކްސް އަށް ކޮލިފައިވާން ޒަޔާން ޖެހޭނީ މިއަހަރު ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި ވާދަކޮށް ކުރިއެރުން ހޯދާށެވެ.

ޒަޔާން އަކީ ރިވައިވަލް ސްޕޯޓްސް ކްލަބް އުފައްދައި ބެޑްމިންޓަންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުޅުންތެރިއެކެވެ. ކްލަބް ހިންގުމުގެ ޒިންމާ އަދާކުރަމުން ޒަޔާން އަންނަނީ ގިނަ ކުޅުންތެރިތަކަކަށް އެކި މުބާރާތްތަކުން ފުރުސަތު ހޯދައިދެމުންނެވެ.

މި ލިއުމާއި ގުޅޭ