Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ދިވެހިންނަށް ވުރެ މި ސަރުކާރުން އިސްކޮށްފަވަނީ އެހެން ބައެއްގެ މަސްލަހަތު: އަލީ ހުސައިން

ދިވެހިންގެ ދިފާއުގައި މަސައްކަތް ކުރުމުގެ ބަދަލުގައި މި ސަރުކާރުން އިސްކޮށްފައިވަނީ އެހެން ބައެއްގެ މަސްލަހަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް، ކުއްލިއަކަށް ބަދަލުކޮށް، ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަމަށް ދިވެހިސަރުކާރުން ޤަބޫލުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނޮއްވި ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުމާއި ގުޅިގެން ރޭ ކުރެއްވި ޓްވީޓެއްގައެވެ.

"އަހަރެމެންގެ އިގުތިސާދީ ސަރަޙައްދުން ބައެއް މި ސަރުކާރުން ދޫކޮށްލީ ހަމަގަސްދުގައި. ދިވެހި މަސްވެރިންނާ ދިވެހިންގެ ދިފާއުގައި މަސައްކަތް ކުރުމުގެ ބަދަލުގައި މި ސަރުކާރުން އިސްކޮށްފައިވަނީ އެހެން ބައެއްގެ މަސްލަހަތު" އަލީހުސައިންގެ ޓްވީޓުގައި ވިދާޅުވިއެވެ.

މި މައްސަލައިގައި ތިން ޕާޓީއެއް ފިޔަވައި ހުރިހާޕާޓީއަކުން އެއްގަލަކަށް އަރާ ގެއްލުނު ބައި ހޯދަން މަސައްކަތް ފަށައިފައިވާ އިރު، އަލީ ހުސައިން ވިދާޅުވެފައިވަނީ މި މައްސަލައިގައި މީގެ ކުރިންވެސް ޖޭޕީން ޕޮޒިޝަން ނަގާފައި ވާނީ ސަރުކާރުން ނިންނި ނިންމުމާ ދެކޮޅަށް ކަމަށެވެ. އަލީ ހުސައިން އަކީ ފެށުނީއްސުރެ މި މައްސަލައިގައި ސަރުކާރާ ޚިޔާލު ތަފާތު ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

މިމައްސަލައިގައި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އިދިކޮޅުން ބުނެފައިވަނީ އެބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/6) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގެ އައްޑޫ ސިޓީގެ ދެކުނުން، ފޯޅަވަހީގެ އުތުރުން އޮންނަ ސަރަޙައްދުން 45331 އަކަކިލޯމީޓަރ ގެއްލޭގޮތަށް، 28 އޭޕްރިލް 2023 ގައި "އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ލޯ އޮފް ދަ ސީ" (އިޓްލޮސް) އިން ކުރި ޙުކުމުގެ ސަބަބުން މުޅި ދިވެހި ދައުލަތަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް ރާއްޖޭގެ މަސްވެރި ޢާއިލާތަކަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޤަބޫލުކުރާ ކަމަށެވެ.

އިދިކޮޅުން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު، ދިވެހި ޤައުމަށް ވެފައިވާ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ. އެކަން މި ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އެކަމުގެ ފުރިހަމަ ޒިންމާ އެ ފަރާތްތަކުން ނަގަންޖެހޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޢަދުލުއިންޞާފުގެ ދަރުބާރަށް އެ ފަރާތްތައް ޙާޟިރު ކުރެވޭނެއެވެ. ދިވެހި ރައްޔިތުންނަށް ޣައްދާރުވި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ކުރަންޖެހޭ ކަންކަން މިކޯލިޝަނުން ކުރާނެކަމުގައި ދެންނެވީމެވެ." އެބަޔާނުގައި ބުނެފައިވެއެވެ.

މި ސަބަބުތަކާހުރެ، އިޓްލޮސްގެ ޙުކުމް އެ ކޯލިޝަނުން ބަލައިނުގަންނަ ކަމަށާއި، މިމައްސަލަ އިސްތިއުނާފުކުރުމަށް ބައިނަލްއަޤްވާމީ ކޯޓުތަކަށް ހުށަހަޅައި، ވިއްކާލާފައިވާ ދިވެހި ރައްޔިތުންގެ މަސްކަނޑު އަނބުރާ ހޯދުމަށް މިކޯލިޝަނުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ