އަންނަ ސީޒަނުގައި ސައުދީ އަރަބިއާގެ ކްލަބް އަލް ހިލާލްއާ ގުޅުމަށް ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ރަސްމީކޮށް ހުށަހަޅައިފި ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ.
ސައޫދީގެ އެ ކްލަބުން ހުށަހެޅި މި ހުށަހެޅުމަކީ މެސީއަށް މިހާތަނަށް ލިބުނު އެންމެބޮޑު ހުށަހެޅުން ކަމަށް ވެސް ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ. އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހުށަހެޅުން އަހަރަކު ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށް އަރައެވެ.
އުމުރުން 35 އަހަރުގެ މެސީ އެނބުރި އޭނާގެ ކުޑައިރުގެ ކްލަބް ބާސެލޯނާއަށް ބަދަލުވުމާ އެކު މެސީގެ ޓްރާންސްފާތަކާ ބެހޭ ވާހަކަތައް މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު، އެމެރިކާގެ މޭޖާ ލީގު ސޮކާ ކްލަބް އިންޓަ މިއާމީ އަކީ ވެސް މެސީ ބަދަލުވެދާނެ މަންޒިލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ "އެލް އިކުއިޕް" އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ މިހާރުގެ ކްލަބް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އޭނާ ސަސްޕެންޑް ކުރިއިރު، ކްލަބްގެ ހުއްދަ ނުހޯދާ ސައުދީ އަރަބިއްޔާއަށް ދަތުރެއް ކުރުމުން، ތިން ވަނަ ސީޒަނަށް ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ބޭނުން ނުކުރަން ޕީއެސްޖީން ނިންމާފައިވާ ކަމަށެވެ.
މެސީ އަކީ ސައުދީގެ ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ސަފީރެއް ކަމަށްވާއިރު، އޭނާގެ ޒަމާންވީ ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ ޑިސެމްބަރު މަހު ސައުދީ ކްލަބް އަލްނަސްރަށް ސޮއިކުރީ އަހަރަކު ގާތްގަނޑަކަށް 220 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މެސީގެ އަރިސް ބޭފުޅަކު ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި ސަސްޕެންޑް ކުރީ މި ސީޒަނަށް ފަހު ޕެރިހުގައި މަޑުނުކުރާނެ ކަމަށް ފޯވާޑް ޕީއެސްޖީއަށް އެންގުމުން ކަމަށާއި އެ ކްލަބަށް އިތުރުގޮތެއް ނެތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އަދި ހޯމަ ދުވަހު ޕީއެސްޖީގެ އެއްވެސް ޓްރެއިނިންއެއް ޝެޑިއުލްކޮށްފައި ނުވާ ކަމަށާއި ކުއްލިއަކަށް ހޯމަދުވަހަށް ޕްރެކްޓިސް ސެޝަނެއް ބާއްވަން ނިންމީ މެސީ މިހާރުވެސް ސައުދީ އަރަބިއްޔާގައި ހުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.
ޕީއެސްޖީގެ ގާތް ފަރާތަކުން އެކަން ދޮގުކޮށް ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ މެސީ ދަތުރުކުރީ ފްރާންސްގެ ކްލަބުގެ ހުއްދައަކާ ނުލައި އަދި ހޯމަ ދުވަހު ޓްރެއިނިންސެޝަނެއް ބާއްވަން ތާވަލުކޮށްފައި ވަނިކޮށް ކަމަށެވެ.
މެސީ މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލަން އުޅޭ ކަމަށް ކުރިން ވެސް ބުނެފައިވޭތޯ ނުވަތަ ނޫން ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ބުނެފައެއް ނުވެ އެވެ.