Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުވާ މަޖިލިސް

ފަތުވާ މަޖިލީސް އެކުލަވާނުލާތީ ފާޑު ކިޔުން އަމާޒުވުމުން އެ މަޖްލީސް އެކުލަވާލައިފި ކަމަށް ބުނެފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަންނުކޮށް ދެއަހަރު ވެފައިވާތީ އެކަމާގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންގެ ފާޑު ކިޔުން އަމާޒުވުމުން އެ މަޖިލީހަށް މެމްބަރުން އައްޔަން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، އެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، މާ ގިނަ ދުވަސް ނުނަގާނެ ކަމަށެވެ.

ނަމަވެސް ފަހުން މިއުވާން ނޫސްވެރިން ތިބޭ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވީ، ފަތުވާ ކޮމިޓީއަށް މިހާރު ރައީސް ހަތަރު މެމްބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި އެ ކޮމެޓީގެ މަަސައްކަތްތައް ކުރިއަށްދާ ކަަމަށް ވިދާޅުވިއެވެ. ނަމަވެސް އައްޔަން ކުރި މެމްބަރުންގެ މައުލޫމާތު ރައީސް އޮފީހުން މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ.

ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހެވެ.

ފަތުވާ މަޖިލީހުގައި ތިއްބަވަނީ މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަންކުރާ މެންބަރަކާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރަކާއި އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އިތުރު ތިން މެންބަރުންގެ މައްޗަށެވެ.
މިހާރު އެމަޖިލީހުގައި އިންނެވީ އެންމެ މެންބަރެކެވެ. އެއީ ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުހައްމަދު ރަޝީދު އިބްރާހިމްއެވެ. އޭނާ ވެސް މެންބަރުކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ޔާމީންގެ ސަރުކާރުން އައްޔަން ކުރެއްވި އެހެން މެންބަރުން ވަނީ މިހާރު މަގާމުގެ މުއްދަތު ހަމަކުރައްވާ މެންބަރު ކަމުން ވަކިވެފައެވެ.

ގާނޫނު ބުނާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގައި ތިއްބަވަން ޖެހޭނީ އިސްލާމީ ފިގުހު ނުވަތަ ފިގުހު މުގާރަން ނުވަތަ އުސޫލުލް ފިގުހު ނުވަތަ އިސްލާމީ ޝަރީއާއިން އެންމެ ދަށްވެގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް-9 ގެ ސަނަދެއް އަރަބި އިސްލާމީ ޔުނިވަސިޓީއަކުން އަރަބިބަހުން ނުވަތަ އިނގިރޭސި ބަހުން ޙާޞިލުކޮށް އަދި އެ ދާއިރާއިން ދިވެހިރާއްޖޭގައި މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަންކޮށް އެ މަޖިލިސް ހަރަކާތްތެރި ކުރުވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިދިޔަ އަހަރުވެސް ގޮވާލައްވައިފަ އެވެ.

މި ލިއުމާއި ގުޅޭ