މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރި "އެމް ސަވާރީ" ބޯޓްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށާފައިވާކަމަށެވެ.
އެ އިދާރާއިން ބުނިގޮތުގައި އެ ބޯޓް ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ އެ އުޅަނދުގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ ކ.ގުރައިދޫ އިރުން 10 ނޯޓިކަލް މޭލު ބޭރުންކަމަށާއި ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވައިގެ މަގުންނާއި ކަނޑުމަގުން ކުރަމުންދާކަމަށެވެ.
މީގެއިތުރުން އެއުޅަނދަކީ ބޭރުގައި ހުދު ދަވާދުލާފައިވާ 75 ފޫޓްގެ އުޅަނދެއްކަމަށާއި އެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީންނާއެކު ޖުމްލަ 4 މީހުން ދަތުރުކުރި ކަމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އެ އުޅަނދާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.